އިމަޖެންސީކޮށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ކުރިއަށް ވުރެ އަވަހަށް ފަރުވާދިނުމަށް "ޓްރައޭޖް"ގެ ނަމުގައި އާ ޚިދުމަތެއް އައިޖީއެމްއެޗްގައި ތައާރަފުކޮށްފި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ ޓްރައޭޖްގެ ހިދުމަތް ދެމުން އަންނަނީ އެ ހޮސްޕިޓަލްގެ އިމަޖެންސީ ކޮޓަރިއާ ދިމާގައި ހުންނަ ލޮބީގައި ކަމަށެވެ.
"ޓްރައޭޖް ހިދުމަތް ދިނުމަށް އިމަޖެންސީ ރޫމް ކައިރީ ހުންނަ ލޮބީގައި ޑެސްކެއް ބަހައްޓާފައި ހުންނާނެ. އެތަނުން ބެލުމަށް ފަހު ބަލިމީހުން ބަލަންވީ ކެޓަގަރީތަކެއް ކަނޑައަޅާނެ. ޓްރައޭޖްގައި ކޮންމެހެން ޑޮކްޓަރުން ތިބޭކަށް ނުޖެހޭނެ. ބައެއް ފަހަރު ނަރުހުން ވެސް އެތަނުން ޗެކުކުރާނެ،" އޮފިޝަލު ވިދާޅުވި އެވެ.
ޚިދުމަތް ހޯދުމުގެ އަވަސް މިންގަނޑުތަކެއް ކަނޑައަޅާ އިރު ތިން ބަޔަކަށް ބަހާލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ވަގުތުން ފަރުވާދޭން ޖެހޭ ހާލަތާއި ކުޑައިރުކޮޅަކަށް ފަހު ފަރުވާ އަށް ދެވިދާނެ ހާލަތާއި ބައެއް ކަހަލަ ޓެސްޓްތަކާއި ހުންއައުން ފަދަ އާންމު ބަލިތަކުގައި އަންނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ހާލަތެވެ.
"ޓްރައޭޖްގައި އެމީހަކަށް ފަރުވާދޭ ކެޓަގަރީ ކަނޑައެޅުމުން މެމޯ ހައްދަން ޖެހޭނެ. ހުންއައުން ފަދަ ބަލިތަކުގައި އަންނަ މީހުންނަށް މެމޯ ހައްދާއިރު މެމޯގައި އިންނާނެ ނަންބަރެއް. އެ ނަންބަރު ތަރުތީބުން އިމަޖެންސީގައި ތިބޭ ދެ ޑޮކްޓަރުން ބަލަމުންދާނެ. ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭ އެމީހުންނަށް ވެސް ފަރުވާދެވޭނެ،" އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރައޭޖްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ފަރުވާ ނުލިބި އެހާ ގިނައިރު ވަންދެން މަޑުކޮށްގެން ތިބެން ނުޖެހޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

11 comments