ސައިކަލެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ކ. ގުރައިދޫ، ވަލުގެ، މުހައްމަދު އަޒީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ވިލިގިލީ ފެރީ ޓާމިނަލް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނެގި ކަމަށް ބުނެ އެވެ.
އަޒީމްގެ މައްޗަށް މިއަދު އިއްވި ހުކުމުގައިވަނީ ވިލިގިލީ ފެރީ ޓާމިނަލް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކްކޮށްފައި ހުރި ވޭވް 125 ބްރޭންޑްގެ ސައިކަލެއް މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ވަގަށް ނެގި ކަމަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހެކިންގެ ބަހުންނާއި ގުޅިފައިވާ ގަރީނާތަކުން، އެ އަޒީމް އެ ސައިކަލް ވަގަށް ނެގިކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ މިއީ އަޒީމްގެ މައްޗަށް މި ބާވަތުގެ ކުށެއް ސާބިތުވާ ދެ ވަނަ ފަހަރު ކަމަށް ވާތީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ ހ. ގެ ދަށުން އޭނާ އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކުރާ ކަމަށެވެ.

5 comments