ހައުސިން މިނިސްޓްރީ

ވޯކްސް ކޯޕަރޭޝަންގެ ބަދަލުގައި އޮފީހެއް އުފައްދައިފި

އަލީ ޔޫސުފް
24 ޖޫން 2012 13:41 8 ކޮމެންޓު
  • ވޯކްސް ކޯޕަރޭޝަންގެ އިމާރާތް: ވޯކްސް ކޯޕަރޭޝަނުން ކުރަމުން އައި މަސައްކަތްތައް ކުރުމަށް އާ އިދާރާއެއް ވަނީ އުފައްދާފައި. --ހަވީރު ފައިލް ފޮޓޯ

މިދިޔަ މަހުގެ ތެރޭގައި އުވާލުމަށް ނިންމި ވޯކްސް ކޯޕަރޭޝަންގެ މަސައްކަތްތައް ކުރުމަށް ޕަބްލިކް ވޯކްސް ސާވިސަސްގެ ނަމުގައި އާ އިދާރާއެއް އުފައްދައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގެ 116 ވަނަ މާއްދާ އިން ބާރު ލިބިގެން އުފެއްދި އާ އިދާރާ ހިންގާނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށުން ކަމަށެވެ. މި އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ ރަށްރަށުގެ ބަނދަރާއި ފާލަމާއި ތޮށި މަރާމާތުކޮށް ބެލެހެއްޓުމާއި ސަރުކާރުން ހިންގާ ތަފާތު މަޝްރޫއުތަކަށް ބޭނުންވާ އެލް ބްލޮކާއި ޓެޓްރާ ޕޮޑާއި ރިވެޓްމެންޓް ބްލޮކް ފަދަ ތަކެތި އެޅުން ފަދަ މަސައްކަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިއީ ކުރިން ވޯކްސް ކޯޕަރޭޝަނުން ވެސް ކުރަމުން އައި މަސައްކަތްތަކެވެ.

ބަޔާނުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުން ގެންގުޅު ކޯޕަރަޓައިޒްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ގޮތަށް އުފެއްދި ވޯކްސް ކޯޕަރޭޝަނުން ފާއިތުވި ދުވަސްތަކުގައި ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު އެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރުން މާ ރަނގަޅުވާނެ ކަމަށް ސަރުކާރަށް ފެންނަ ކަމަށެވެ.

އަލަށް އުފެއްދި އިދާރާގެ އިތުރު މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ފުޓުބޯޅަ ދަނޑާއި މަގު ހެދުމާއި ބިންގަނޑު އެއްވަރުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ. މީގެ އިތުރުން ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކާ ގުޅިގެން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޕަބްލިކްސް ވޯކްސްގެ ދާއިރާ އިން ސަރުކާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި ސަރުކާރުން ބޭނުންވާ ކަންތައްތަކުގައި މެކޭނިކަލް ވޯކްޝޮޕްގެ ހިދުމަތް ފޯރުކޮށްދިނުމާއި ސަރުކާރުން ހިންގާ ހާއްސަ ހަރަކާތްތަކަށް ޕަބްލިކްސް ވޯކްސް ސާވިސްގެ ދާއިރާ އިން ބޭނުންވާ އެހީތެރިކަން ދިނުން ވެސް ހިމެނެ އެވެ.

ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ވޯކްސް ކޯޕަރޭޝަންގައި މަސައްކަތްކުރި މުވައްޒަފުންނާއި އެ ތަނުން ކުރަމުން އައި މަސައްކަތްތައް ވެސް އަލަށް އުފެއްދި އިދާރާ އަށް ބަދަލުވާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގައި ހުރި އެސެޓް ވެސް އަލަށް އުފެއްދި އިދާރާ އަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ގިނަ އަދަދެއް ކޯޕަރޭޝަންތަކެއް އުފައްދާފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ 7 ގައި އެ މަނިކުފާނު އިސްތިއުފާ ދެއްވުމަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ގެންދަނީ މި ކޯޕަރޭޝަންތައް އުވާލުމުގެ މަސައްކަތްކުރަމުންނެވެ. މި ގޮތުން ހެލްތު ކޯޕަރޭޝަންތައް އުވާލުމަށް ވެސް ކެބިނެޓުން ކުރިން ނިންމާފައިވެ އެވެ.

އައްބާސް ވިދާޅުވީ ކޯޕަރޭޝަންތަކުގެ ބޯޑްތައް އުވާލި ނަމަވެސް ކޯޕަރޭޝަންތައް އުވާލުމުގެ މަސައްކަތް މުޅިން ނުނިމޭ ކަމަށާއި އެ އުވާލުމަށް ނިންމާފައި ވަނީ ކުރިން ސަރުކާރުގެ އިދާރާތަކުން ދެމުން އައި ހިދުމަތްތައް ވަކިކޮށް އެ ހިދުމަތްތައް ދިނުމަށް ޕަބްލިކް އެކައުންޓުން ބޭރުން އުފައްދާފައިވާ ކޯޕަރޭޝަންތައް ކަމަށެވެ.

"އުވާލަން ނިންމާފައި ހުރި ކޯޕަރޭޝަންތަކަކީ ޕަބްލިކް އެކައުންޓްސް އިން ބޭރުގައި ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގަން ހަދާފައި ހުރި ކުންފުނިތައް. މިސާލަކަށް ބަލައިފި ނަމަ އެކިއެކި ކޯޕަރޭޝަންތަކުގެ ނަމުގައި، އާންމު ގޮތެއްގައި ސަރުކާރުން ކުރިން ދެމުން ދިޔަ ހިދުމަތްތައް ދިނުމަށް ޕަބްލިކް އެކައުންޓްސް އިން ބޭރުގައި ހަދާފައި ހުރި ކޯޕަރޭޝަންތައް މި އުވާލަނީ،" އައްބާސް ވިދާޅުވި އެވެ.

8 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait