ރާއްޖެ-ލަންކާ

އެކި ދާއިރާތަކުން އެއްބާރުލުމާ ބެހޭ އެއްބަސްވުމެއް މާލޭ ސިޓީ ކައުންސިލާއި ކޮލަމްބޯ ކައުންސިލާ ދެމެދު ގާއިމުކޮށްފި

ފަޒީނާ އަހުމަދު
24 ޖޫން 2012 13:36 5 ކޮމެންޓު
  • މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން: އެ ކައުންސިލުން ވަނީ ކޮލަމްބޯ ކައުންސިލާއެކު އެއްބަސްވުމެއް ގާއިމްކޮށްފައި --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

މާލޭ ސިޓީ ކައުންސިލާއި ލަންކާގެ ކޮލަމްބޯ މުނިސިޕަލް ކައުންސިލާ ދެމެދު އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ދެ ކައުންސިލުން "ސިސްޓަ ސިޓީ" އެއްގެ ގޮތުގައި ގުޅުން ބޭއްވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މި މަހުގެ 10- 14 އަށް ކައުންސިލް މެމްބަރުންތަކެއް ކޮލަމްބޯ އަށް ކުރެއްވި ރަސްމީ ދަތުރެއްގައި ކަމަށެވެ. އެ އެއްބަސްވުމުގައި ކައުންސިލުން ސޮއިކުރައްވާފައި ވަނީ މާލޭގެ މޭޔަރު މައިޒާން އަލިމަނިކެވެ. ކޮލޮމްބޯގެ ލޯކަލް ކައުންސިލް ކަމަށްވާ ކޮލަމްބޯ މުނިސިޕަލް ކައުންސިލުން ސޮއި ކުރެއްވީ މޭޔަރު އޭޖޭއެމް މުއްޒައްމިލެވެ.

ކައުންސިލުން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ދެ ސިޓީ ގުޅިގެން ކޯޕަރޭޝަންތައް ހެދުމާއި އިގްތިސާދީ ގޮތުންނާއި ސައިންސާއި ޓެކްނޮލޮޖީ އަދި ތައުލީމާއި ސިއްހީ ދާއިރާ އިން ވެސް އެކި ހަރަކާތްތައް ހިންގައި ގުޅުން ބަދަހިކުރާނެ އެވެ. މީގެއިތުރުން ތިމާވެއްޓާއި ކުޅިވަރާއި ސަގާފީ ގޮތުން ވެސް އެކި ހަރަކާތް ދެ ކައުންސިލުން ހިންގުމަށް އެއްބަސްވެފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ އެއްބަސްވުމުގެ ދަށުން ދެ ކައުންސިލްގެ ބައްދަލުވުންތައް ބާއްވައި މައްސަލަތައް ހައްލުކޮށް، ތަޖުރިބާ ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދަތުރުގައި، ކޮލޮމްބޯ ކައުންސިލްގެ މޭޔަރަށް ރާއްޖެ ވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

5 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait