ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސް މުހަންމަދު ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ނަޝީދުގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައިވާ އަހުމަދު ސައީދު (ގަހާ ސައީދު) ކޮމިޝަނުން އެއްވެސް އެލަވަންސެއް ނުނަންގަވަން ނިންމަވައިފި އެވެ.
މި މަހުގެ 17 ގައި އާ ކޮމިޝަން އެކުލަވާލުމާ އެކު ސަރުކާރުން ނިންމާފައި ވަނީ އެ ކޮމިޝަންގ މެމްބަރުންނަށް އެލަވަންސެއް ދިނުމަށެވެ. ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވެފައި ވަނީ އެފަދަ ކޮމިޝަންތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންނަށް ކަނޑައަޅުއްވާ އިނާޔަތެއް އިންކުއަރީ ކޮމިޝަންގެ މެމްބަރުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެ އެލަވަންސް 75،000ރ. އަށް ވުރެ ބޮޑު ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ސައީދު މިއަދު "ހަވީރަ" ށް ވިދާޅުވީ ކޮމިޝަނުގައި އޭނާ ހުންނަވަނީ ރައްޔިތުންނަށް އިޚުލާސްތެރިކަމާ އެކު ކަމެއް ކޮށްދެއްވުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކޮމިޝަނަށް އައްޔަން ކުރެއްވުމުން އެކަމަށް އެއްބަސްވެވަޑައިގަތީ އެއްވެސް އިނާޔަތެއް ލިބިވަޑައިގަންނަވާނެ ކަމަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ދުވަހު ވެސް ޑރ. ވަހީދު އަރިހުގައި އަޅުގަނޑު ދެންނެވިން އެއްވެސް އެލަވަންސެއް ބޭނުމެއް ނޫނޭ. ޑީން ]ނާއިބު ރައީސް[ ވެސް އިންނެވި އެ ބައްދަލުވުމުގައި. ޑރ. ވަހީދު ވިދާޅުވީ އެލަވަންސެއް ދެއްވާނަމޭ،" ކޮމިޝަނަށް ސައީދު އައްޔަން ކުރެއްވުމުގެ ކުރިން ރައީސް ވަހީދު އޭނާއާ ކުރެއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.
ކޮމިޝަނުން ކަނޑައަޅާފައިވާ އެލަވަންސް ނުނަންގަވަން ސައީދު ނިންމެވި ނަމަވެސް ބާކީ ތިއްބެވި ބޭފުޅުން އެއާ މެދު އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ. ކޮމިޝަންގެ ކޯ ޗެއާ އަދި ސިންގަޕޫރުގެ ފަނޑިޔާރު ޖަސްޓިސް ޖީޕީ. ސެލްވަމް ވިދާޅުވެފައި ވަނީ އޭނާ އަށް ހަރަދު ކުރަނީ ކޮމަންވެލްތުން ކަމަށެވެ.

38 comments