ސްވިޓްޒަލެންޑްގެ އަންހެނަކާ އިންނާނެ ކަމަށް ބުނެ އޭނާގެ އަތުން ނެގި ފައިސާ، ގާތްގަނޑަކަށް 5.4 މިލިއަން ރުފިޔާ، އަނބުރާ ދޭން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ދަފްތަރު ނަމްބަރު 2370 އިބްރާހިމް އަލީގެ މައްޗަށް ސިވިލް ކޯޓުގެ ހުކުމް މިއައީ ސްވިޓްޒަލޭންޑްގެ ރައްޔިތެއް ކަމަށްވާ އުރުސުލާ ސުނާނާ ކޮއިޕްފްލީއާ އިންނާނެ ކަމަށް ބުނެ އޭނާގެ އަތުން 58،800 ޔޫއެސް ޑޮލަރާއި 7،000 ޔޫރޯ އަދި 52،196.95 2 ސްވިސް ފްރެންކް ނެގި މައްސަލާގައި އެ އަންހެން މީހާ ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ގޮތުގައި އެ ފައިސާ ނެގިކަން ދެ ފަރާތުގެ ވާހަކަ އިން އެނގޭ ކަމަށެވެ. އެހެންނަމަވެސް އެއީ ސައްހަ މުއާމަލާތެއްގެ ދަށުން އިބްރާހިމް އަލީ އަށް ލިބެން ޖެހޭ ފައިސާއެއް ކަން ނުވަތަ އޭނާ އަށް އެ ހައްގުވާ ކަން ޝަރީއަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.
ސިވިލް ކޯޓުން ހުކުމްކުރީ އެ ހުރިހާ ފައިސާއަކާއި އޭގެ ތެރެއިން ބައެއް ފައިސާ ވެސްޓަން ޔޫނިއަން ޓްރާންސްފާކުރުމަށް ހިނގި ހަރަދަށްވާ 2،420 ސްވިސް ފްރެންކާއި ގާނޫނީ ވަކީލުގެ ފީއަށް ވާ 1،500ރ. އިއްޔެ އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
އެގޮތުން ފައިސާ ދައްކަން ޖެހެނީ އެވަގުތަކު ބޭރު ފައިސާގެ ރޭޓު ހުރި ގޮތަކަށް ބިނާކޮށް ދިވެހި ފައިސާ އިން އެ މަހަކަށް ޖެހޭވަރަށް ވުރެ މަދު ނޫން އަދަދެކެވެ. މިހާރު ރާއްޖޭގައި ޑޮލަރާއި ޔޫރޯ އަދި ސްވިސް ފްރޭންސް ހުރި ނިސްބަތަށް ބަލާ އިރު އިބްރާހިމް އަލީ މަހަކު ގާތްގަނޑަކަށް 900،000 ރުފިޔާ ދައްކަން ޖެހެ އެވެ.

ކުނި ވަސް ގަދަވެގެން ކުރި މުޒާހަރާ
24 comments