ގެވެށި އަނިޔާ

ޖިންސީ ޝިކާރައަކަށްވެ 15 އަހަރުގައި ވިހެއި ކުއްޖާ އަށް "އިހުމާލުވެފައި"؟!

ފަޒީނާ އަހުމަދު
27 ޖޫން 2012 15:20 27 ކޮމެންޓު
  • ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގެ ސީރިއަސްކަން އަންގައިދޭ ކުރެހުމެއް: އަނިޔާ ލިބޭ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގެ އިހުމާލު ވެސް ބޮޑު

ށ. ފޭދޫގައި ޖިންސީ ޝިކާރައަކަށްވެފައިވާ އަންހެން ކުއްޖާގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ބަލަމުންދަނިކޮށް، އެ ކުއްޖާ ބަނޑުބޮޑުވެ 15 އަހަރުގައި ވިހެއި މައްސަލައެއް ފެންމަތިވުމުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުދިންނަށް ލިބިދޭ ރައްކާތެރިކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

އެ ކުއްޖާގެ ދޮންބައްޕަ އާއި އެ ގެއަށް އަންނަ ދޮން ބައްޕަގެ ރައްޓެހިންނާއި އެހެން މީހުންގެ ފަރާތުން ވެސް އެ ކުއްޖާ އަށް ޖިންސީ ގޯނާ ލިބެމުންދާކަން ރަށުގެ ގިނަ ބަޔަކަށް އެނގެ އެވެ. ތަފާތު އެކި ފަހަރު މަތިން ކުރީގެ ރަށު އޮފީސް އަދި މިހާރުގެ ރަށު ކައުންސިލަށް ވެސް އެ މައްސަލަ އާންމުން ހުށަހެޅި އެވެ. ކައުންސިލުން އެ މައްސަލަ ޖެންޑާ ޑިޕާޓްމަންޓާއި ފުލުހުންނަށް ހުށަހަޅައިގެން ދެ މުއައްސަސާގެ ޓީމުތައް އެ ކުއްޖާއާ ބައްދަލުކޮށް، މައްސަލަ ތަހުގީގުކޮށްފައި ވެސް އެވެ.

ކައުންސިލްގެ ރައީސް ހުސައިން ސޮލާހު ވިދާޅުވީ ސްކޫލުގައި ކިޔަވަމުން ދަނިކޮށް އެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފަޅާއަރައިގެން ޖެންޑާ އަށް ހުށަހެޅުމުން މީގެ ތިން މަސްކުރިން ވެސް ޓީމެއް އެ ރަށަށް ގޮސް އުޅުނު ކަމަށެވެ. ނަމަވެސް މައްސަލަ ގޯހުން ގޯހަށް ދިޔައިރު، އެ ކުއްޖާ އަށް ރައްކާތެރިކަން ދީފައިނުވުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލުން ގަބޫލުކުރާ ގޮތުގައި، އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދިއުމުގެ ޒިންމާ ހަވާލުވެފައިވަނީ ޖެންޑަ ޑިޕާޓަމަންޓާ އެވެ.

މަންމައާ އެކު އެއް ގެއެއްގައި ދިރިއުޅެމުން އައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރާ ކަން މަންމަ އަށް އެނގިހުރެ ވެސް ދަރިފުޅުގެ ހައްގުގައި އެއްވެސް ކަމެއްކޮށްފައި ނުވާ ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ތުހުމަތުކުރި އެވެ. ކިޔެވުމުން މަހުރޫމްވެ، ޅަ އުމުރުގައި އެ ކުއްޖާ ބަލިވެއިނދެ ދުވަސްފުރައި ވިހެއި ދަރިފުޅު، މަރާލައި ގޯތި ތެރޭގައި ވަޅުލުމަށް ދޮން ބައްޕަ އަށް މަންމަ އެހީތެރިވެދިނުމަކީ، އެ މަންމައާ މެދު އާއްމުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭ ކަމެކެވެ.

"އަޅުގަނޑުމެން ތަފާތު އެކި ފަހަރު މަތިން ޕޮލިހާއި ޖެންޑާ އަށް އެ މައްސަލަ ހުށަހެޅިން. ކައުންސިލް އުފެދުމުގެ ކުރިން ރަށު އޮފީސް ހުރިއިރު ވެސް އެ މައްސަލަ ހުށަހަޅާފައި ހުރި ލިޔެކިޔުންތައް އެބަހުރި،" ކައުންސިލަރު ސޮލާހު ވިދާޅުވި އެވެ.

މި ދިޔަ މަހު އުފެއްދި ޖެންޑަ މިނިސްޓްރީގެ ވަޒީރު ފާތުމަތު ދިޔާނާ ސައީދު މިއަދު ވިދާޅުވީ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރާ ކަމުގެ މައްސަލައެއް އޭރުގެ ޖެންޑަ ޑިޕާޓްމަންޓަށް ފުރަތަމަ ހުށަހަޅާފައިވަނީ 2009ގައި ކަމަށެވެ. އެ ފަހަރު އެ ކުއްޖާ އަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ގޭގައި ހުރި ދޮން ބައްޕަގެ ރައްޓެއްސެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފަހަރު ފުލުހުންނާއި ޖެންޑާގެ ސޯޝަލް ވޯކަރުން ގޮސް ތަހުގީގުކުރިއިރު އާއިލާ އިން އެކަމަށް އިންކާރުކުރި. އަދި އެ ކުއްޖާ އެކަހެރި މާހައުލަކަށް ގެންދަން ވެސް އާއިލާ އިން ދެކޮޅުހެދީ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލައެއް ހުށަހަޅާ ފުރަތަމަ މަރުހަލާގައި ކުއްޖާ އެކަހެރިކުރަނީ އާއިލާގެ ފަރާތުން އެ ކުއްޖާ އަށް ގޯނާ ލިބި ގޭތެރެއަކީ ރައްކާތެރި ތަނަކަށް ނުވާ ނަމަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ކުއްޖާ އަށް ގޯނާކުރާ މައްސަލައެއް ދެ ވަނަ ފަހަރަށް ހުށަހަޅާފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ފަހަރު މައްސަލަ ހުށަހެޅުނީ ދޮން ބައްޕަ ބެހޭ ކަމަށް ތުހުމަތުކޮށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ފަހަރު ކުއްޖާ އެކަމަށް [ދޮން ބައްޕަ ޖިންސީގޯނާކުރާ ކަމަށް] އިންކާރުކުރީ. އެކަހެރިކޮށްގެން ވެސް އިންވެސްޓިގޭޝަން ކުރިއަށްގެންދިޔަ،" ދިޔާނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ އެ ކުއްޖާ ބަލިވެއިނީ ދޮން ބައްޕަ އަށް ކަމަށް ރަށުގެ ގިނަ ބައަކު ބުނާ ބުނުން ވެސް އެ ކުއްޖާ ދޮގުކުރާ ކަމަށެވެ. ރަށުގެ އިތުރު މީހަކު ވެސް ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެ ކުއްޖާގެ ވާހަކަތަކުން ޖެންޑާ މިނިސްޓްރީން ތުހުމަތުކުރެ އެވެ.

އެ ކުއްޖާ އަށް އިހުމާލުވެފައިވާ މައްސަލަ ޖެންޑާގެ އިތުރުން ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ބަލަމުންނެވެ.

އެ ކޮމިޝަންގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ 15 އަހަރުގެ ކުއްޖާ ޖިންސީ ޝިކާރައަކަށްވި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން ބަލަން ފަށާފައިވާ އިރު އެ ކުއްޖާ ގިނަ ހައްގުތަކަކުން މަހުރޫމްވެފައިވާ ކަން މިހާތަނަށް ބެލި ބެލުންތަކުން އެނގޭ ކަމަށެވެ. އެ ކުއްޖާ ވިހެއުމާ ހިސާބަށް ދިޔައިރު، އެ ކުއްޖާ ހިމާޔަތްކުރުމުގައި އާއިލާ އާއި ޖެންޑާ އާއި ފުލުހުންނާއި ކައުންސިލްގެ އިތުރުން ސްކޫލުގެ ދައުރަކީ ކޮބައިތޯ ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލާގައި ފާހަގަކުރެވޭ ކަންތައްތަކެއް އެބަހުރި. ދުވަސްފުރައި ވިހޭއިރު، މާބަނޑު އިރު ލިބެންޖެހޭ ހައްގުތަކުން ވެސް މަހްރޫމްވެފައި ވަނީ،" އަޒުރާ ވިދާޅުވި އެވެ.

އެޗްއާރުސީއެމުން ބުނީ އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދިއުމުގައި އިހުމާލުވީ ފަރާތްތަކުގެ މައްސަލަ ވެސް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

ޖެންޑަ މިނިސްޓަރު ދިޔާނާ ވިދާޅުވީ ކުރީގެ ޖެންޑާ ޑިޕާޓްމަންޓުން މަސައްކަތްތަކެއް ކުރި ނަމަވެސް އެ ތަނުގެ ބަލިކަށިކަން " 15 އަހަރު ކުއްޖާގެ މައްސަލަ"އާ ގުޅިގެން އެނގޭ ކަމަށެވެ. އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުތަކާއި މާލޭގެ މައި ސެންޓަރުގެ ކޯޑިނޭޝަން ވެސް ދަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޖިންސީ ގޯނާ ކުރިމަތިވާ ކުދިން އެކަހެރިނުކުރެވި، ކަންބޮޑުވާ މިންވަރަށް ތިބި ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

"ބައެއް ކަހަލަ ކަންކަމުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވެސް ނޭޅިވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެއީ މިސާލަކަށް، އެގޮތަށް އަޅުގަނޑުމެން އެކަހެރިކުރަން ޖެހޭ ކުދިން ނުވަތަ ދައުލަތުގެ ބަދަލުވެރިކަމުގެ ތެރެއަށް ނަގަންޖެހޭ ކުދިން ނެގުމަށް ފަހު ވެސް ގާނޫނީ ޕްރޮސެސްގެ ބައެއް ކަންކަން ކޮމްޕްލީޓްނުވެ ހުރި ކަމަށް އަޅުގަނޑަށް ފާހަގަކުރެވުނީ،" ދިޔާނާ ވިދާޅުވި އެވެ.

އެގޮތުން މައިންބައިފައިން ކުއްޖާއާ މެދު އިހުމާލުވެގެން ސަރުކާރުން ރައްކާތެރިކަންދޭ އިރު، އެ އިހުމާލުވީ މަންމައާ މެދު ނުވަތަ ބައްޕާއާ މެދު ވެސް މިހާތަނަށް ފިޔަވަޅު އެޅޭތަން ނުފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ނިޒާމެއް ތައާރަފްކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުއްޖެއްގެ މަސްލަހަތު ހިމާޔަތްކުރަންވެއްޖެ ނަމަ ގާނޫނީ އެހީ ދީގެން ނަމަވެސް އެ މައްސަލައެއް ހައްލުކުރެވޭނެ އުސޫލެއް އަންނަނީ ހަމަޖައްސަމުންނެވެ.

ޖިންސީ ގޯނާ ލިބޭ ކުދިން އެކަހެރިކުރުމަށް ފަހު އަލުން އާއިލާއާ ހަވާލުކޮށްގެން އެ ކުދިން މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމްވެފައިނުވުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ދިޔާނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކަންބޮޑުވާ އެހެން ކަމެއް، ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ފާހަގަކުރެއްވި އެވެ. އެއީ އަތޮޅުތަކުގައި ސެންޓަރުތަކެއް ހަދާފައި ހުއްޓަސް އެފަދަ ތަންތަނުގައި ކުދިން ބޭތިއްބޭނެ ގޮތެއް ނެތުމެވެ. ސެންޓަރުތަކުގެ ހަތަރު ފާރު ރާނާފައި ހުއްޓަސް، ގިނަ ތަންތަނުގައި އުޅެވޭ ގޮތަށް، ފަރުނީޗަރު ފަދަ ވަސީލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސެންޓަރުތައް އެފަދަ ހާލަތުގައި ހުރި ނަމަވެސް ބައެއް ހާލަތްތަކުގައި ކުދިން އެކަހެރިކޮށްގެން އެތަނުގައި ގެންގުޅެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ އާކް ޖަމިއްޔާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޒެނީޝާ ޒަކީ ވިދާޅުވި ގޮތުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އިން އެ ކުދިން ރައްކާތެރިކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. ކުއްޖަކަށް އެފަދަ ކަމެއް ކުރާ ކަމަށް އާއިލާ މީހަކަށް، ޓީޗަރަކަށް ނުވަތަ އަވައްޓެރިއަކަށް ނަމަވެސް ޝައްކެއް އުޅޭނަމަ އެކަން ބަލައި ހަގީގަތް ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް، އެ ކުއްޖާ އަށް އަންނަ ބަދަލުތައް ދެނެގަންނަންޖެހެ އެވެ.

މި މައްސަލާގައި ކަންބޮޑުވާ ދަރަޖަ އަށް އެންމެންގެ ވެސް އިހުމާލު އެބައޮތެވެ. އެ ކުއްޖާ އަށް ވެސް ޖިންސީ ގޯނާ ލިބޭކަމަށް ޝައްކުވި ރަށުގެ އާއްމުންނާއި އެނގި ތިބި އާއިލާ އަދި ތަހުގީގުކުރަން ޖެހޭ ފަރާތްތަކުން މައްސަލައާ މެދު ސީރިއަސްވި ނަމަ އެ ކުއްޖާގެ ދިރިއުޅުން ބަރުބާދުވުމުގެ ކުރިން ސަލާމަތްކުރުމުގެ ފުރުސަތު އޮތެވެ.

27 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait