ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ފަހްމީ ހަސަން ޖިންސީ ގޯނާކުރެއްވި ކަމަށް ތުހުމަތުކޮށް އެ ކޮމިޝަންގެ އަންހެން މުވައްޒަފަކު ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އެކަމަކު އެ މައްސަލާގައި ފަހްމީ ޕޮލިހަށް ހާޒިރުކުރި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ސީއެސްސީގެ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމުގައި އުޅޭ އަންހެން މުވައްޒަފަކަށް އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ގޯނާކުރެއްވިކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ދާދި ފަހުން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ކޮމިޓީން އެ މައްސަލަ ދަނީ ބަލަމުންނެވެ. އެގޮތުން ފަހުމީ އާއި އަންހެން މުވައްޒަފު އެ ކޮމިޓީ ހާޒިރުކޮށްފައި ވެސް ވެ އެވެ. އެކަމަކު ކޮމިޓީގެ އެ ބައްދަލުވުންތައް ބާއްވަމުން އަންނަނީ ސިއްރުކޮށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހުށަހަޅައިގެން އުޅެނީ ކޮމިޝަންގެ ކޮން މެމްބަރެއްގެ މައްސަލައެއް ކަމެއް އެ ކޮމިޓީން ހާމަކޮށްފައެއް ނުވެ އެވެ.
ސީއެސްސީގެ މުވައްޒަފު ތުހުމަތުކުރާ ގޮތުގައި ފަހުމީ އޭނާ އަށް ޖިންސީ ގޯނާކުރެއްވީ މެއި 29 ގަ އެވެ.
ފަހުމީ ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ "ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" ކަމަށެވެ.
ފަހުމީ އަކީ ރާއްޖޭގެ ފަނޑިޔާރުންނާ ބެހޭ މިނިވަން މުއައްސަސާ ޖޭއެސްސީގެ ވެސް މެމްބަރެކެވެ.
27 comments