ޚަބަރު

ފ. އަތޮޅު ކައުންސިލްގެ އިދާރާ އަންނަ މަހު 15ގައި ބަންދުކުރަން ނިންމައިފި

ފަޒީނާ އަހުމަދު
28 ޖޫން 2012 15:03 1 ކޮމެންޓު
  • ނިލަންދޫ: އެ ރަށުގައި ހުންނަ ފ. އަތޮޅު ކައުންސިލް އަންނަ މަހުގެ 15 ގައި ބަންދުކުރާގޮތަށް ވަނީ ނިންމާފައި

ފ. އަތޮޅު ކައުންސިލުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމަށް ބުނެ، އަންނަ މަހުގެ 15ގައި ކައުންސިލް އިދާރާ ބަންދުކޮށް ވަގުތީ ގޮތުން ހިދުމަތް މެދުކަނޑާލަން ކައުންސިލުން ބުދަ ދުވަހު ނިންމައިފި އެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ ޑީއާރުޕީ މެމްބަރު އަބްދުއްލަތީފް ބުރާސްފަތި ދުވަހު ވިދާޅުވީ އެ ކައުންސިލްގެ ހިދުމަތް މެދުކަނޑާލުމަށް ކައުންސިލްގެ ޖަލްސާއެއްގައި ނިންމާފައި ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެ މަޖުބޫރުވެގެން ކަމަށެވެ. ހިދުމަތް މެދުކަނޑާލުމުގެ ކުރިން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށް ކައުންސިލްގެ ޓީމެއް އަންނަ އާދީއްތަ ދުވަހު މާލެ ވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ބައްދަލުވުމުން އެއްވެސް ކުރިއެރުމެއް ނުލިބިއްޖެ ނަމަ 15ގައި ހިދުމަތް ހުއްޓާލާނެ،" ލަތީފް ވިދާޅުވި އެވެ.

ކައުންސިލުން ބުނިގޮތުގައި، ބަޖެޓުގެ ތާށިކަން ކުރިމަތިވެ ކައުންސިލްގެ ހިދުމަތް މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓިފަ އެވެ.

ލަތީފް ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި އެހެން ކަންތައްތަކަށް މި އަހަރަށް ދީފައި ވަނީ ފަސް މިލިއަނެއްހާ ރުފިޔާ ކަމަށެވެ. މުވައްޒަފުންގެ މުސާރައަށް އެކަނި ވެސް ފަސް މިލިއަނަށްވުރެ އިތުރަށް އަރާއިރު ކަރަންޓް ބަޖެޓް ނެތިގެން ފޯނު ލައިނުތަކާއި ފެކްސްގެ ހިދުމަތް ވެސް ކަނޑާލާފައި ހުންނަތާ ދެ މަސްވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ބުނި ގޮތުގައި އެ ކައުންސިލްގެ ފޯނު ބިލްތައް ދެއްކުމަށް މުޅި އަހަރަށް ކަނޑައަޅާފައިވަނީ 3،700ރ. ގެ ބަޖެޓެކެވެ. އެކަމަކު ތިން ފޯނު ލައިނާއި ފެކްސް ލައިނަށް އަހަރަކު 96،000ރ. ހަރަދުވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait