ކެބިނެޓް

ގއ. ވިލިނގިލީ ބައެއްގެ ގޮތުގައި ފަޅުރަށެއް ހަމަޖެއްސުމަށް ރައީސަށް ލަފާއަރުއްވައިފި

ފަޒީނާ އަހުމަދު
28 ޖޫން 2012 21:54 7 ކޮމެންޓު
  • ކެބިނެޓް މިއަދުގެ ޖަލްސާގައި: ރިއޯ+20 ގެ މައުލޫމާތު ރައީސް ދެއްވި.--ފޮޓޯ: ރައީސް އޮފީސް

ގއ. އަތޮޅުގައި ފަޅު ރަށެއްގެ ގޮތުގައި އޮންނަ ފަޅުވެއްރެހާ އެ އަތޮޅު ވިލިނގިލީ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ރައީސް މުހައްމަދު ވަހީދަށް މިއަދު ލަފާ އަރުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ފަޅު ރަށްތަކުގެ ދަފްތަރުން އެ ރަށް އުނިކޮށް ވިލިނގިލީގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ވާހަކަ ދެކެވުނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.

ފަޅުވެއްރެހާ އަކީ ވިލިނގިއްޔާ ޖެހިގެން އޮންނަ، އެ ރަށުން ހިނގާފައި ވެސް ދެވޭ ރަށެކެވެ.

އޭގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ރައީސް ވަހީދު ވަނީ ބްރެޒިލްގައި ބޭއްވި ރިއޯ+ 20 ސަމިޓާބެހޭ މައުލޫމާތު ވަޒީރުންނަށް ދެއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ސަމިޓްގައި ދުނިޔޭގެ 120 އެއްހާ ގައުމުގެ ވެރިންނާއި އެ ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ބައެއް ކަހަލަ ކަންތައްތަކުގައި، ކުރިއަށްވުރެ ބޮޑަށް ދުނިޔޭގެ ލީޑަރުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިގެންދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ.

އެ ދަތުރުފުޅުގައި ވަރަށް ގިނަ ގައުމުތަކުގެ ވެރިންނާއި އަދި ބައެއް ގައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރެއްވި ކަމަށާއި ރާއްޖޭގެ ހާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން އެބޭފުޅުންނަށް މައުލޫމާތު ދެއްވި ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait