ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކައުންސިލްތަކުގެ ދަށަށް ގެންދިޔަ ހެލްތު ވޯކަރުން ހެލްތް މިނިސްޓްރީގެ ދަށަށް އަލުން ބަދަލުކުރަން ނިންމައިފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވީ ކޮމިއުނިޓީ ހެލްތު ވޯކަރުން މިނިސްޓްރީގެ ދަށަށް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭ ބަދަލުކުރެވޭ ވަރުވާނެ ކަމަށެވެ.
"ހެލްތު ވޯކަރުން ބަދަލުކުރަނީ ހެލްތު ވޯކަރުންނަކީ ސިއްހީ ދާއިރާގެ މުހިއްމު ބަޔަކަށް ވީމަ،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހެލްތު ވޯކަރުން ކައުންސިލްތަކުގެ ދަށަށް ބަދަލުކުރުމުން ރަށްރަށުގެ ސިއްހީ ފެންވަރު ދަށްވެފައިވާ ކަމަށެވެ.
"ބައެއް ރަށްރަށުގައި ވެކްސިން ނުދެވޭ، ރަށްރަށުގައި އުޅޭ ބަލިތައް މޮނިޓަކޮށް ނުބެލޭ،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހެލްތު ވޯކަރުން މިނިސްޓްރީގެ ދަށަށް ބަދަލު ކުރިއަސް ކައުންސިލްތަކަށް ވެސް ބައެއް ކަންތައްތައް ހަވާލުކުރައްވާނެ ކަމަށެވެ.
"ބައެއް އިދާރީ ކަންތައްތަކާއި ޕެސްޓް ކޮންޓްރޯލް ކުރުން ފަދަ ކަންތައްތައް ކުރާނީ ކައުންސިލްތަކުން،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
24 comments