ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އާންމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި ސުލޫކީ މިންގަނޑުގައި ހަ ދާއިރާއެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި އިޖުތިމާއީ އަޚުލާގު ހިފެހެއްޓުމާއި މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރިކުރުމާއި އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ތެދު މައުލޫމާތު ހާމަކުރުމާއި އިންސާފުވެރިވުން އަދި އާންމުންގެ ޝައުގުވެރިކަމުގެ ދާއިރާ އެވެ.
މީގެ އިތުރުން ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިންނާއި އަންހެނުން ހިމާޔަތް ކުރުމަށް އަމަލުކުރަންވީ ގައިޑްލައިނެއް ވެސް ސުލޫކީ މިންގަނޑުގެ ތެރޭގައިވެ އެވެ. އަދި ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރު ކުރުމުގައި އަމަލުކުރަންވީ ގައިޑްލައިނެއް ވެސް ސުލޫކީ މިންގަނޑުގައި ހިމަނާފައިވެ އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން ނަމަ ކަނޑައެޅިގެން އެއްވެސް ގާނޫނެއްގެ ބާރު ކަނޑުވާލުމަށް ނުވަތަ މުޖުތަމައު ގަބޫލު ނުކުރާ، އަޚުލާގީ ގޮތުން ދަށް ފެންވަރުގެ ކަންކަމަށް ހިތްވަރުދޭ އަޑާއި މަންޒަރު ބްރޯޑްކާސްޓެއް ނުކުރެވޭނެ އެވެ. އަދި މީހުން މެރުމާއި މާރާމާރީ ހިންގުމާއި ވައްކަމާއި ގޭންގު ކުށްތައް، ނަފުސާނީ ގޮތުން ގޯނާކުރުމާއި ގެވެށި އަނިޔާ އާއި ޓެރަރިޒަމްގެ އަމަލުތަކާއި ލޭ އޮހޮރުވުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޖަރީމާތަކާއި ފޭރުމާއި ޓެކުން އަދި މީހުންގެ މުދަލަށް ގަސްދުގައި ގެއްލުން ދިނުމަކީ މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމުގައި ދޭހަވާ ގޮތަށް ވެސް ބްރޯޑްކާސްޓް ނުކުރެވޭނެ ކަމަށް ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން މުޖުތަމައުގެ އަދަބު އަޚުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތައް ހިފެހެއްޓުމާއި އިޖުތިމާއީ މިންގަނޑުތަކަށް ފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުން ކުރަން ޖެހެ އެވެ.
ރާއްޖޭގައި އަލަށް ތައްޔާރުކުރި ބްރޯޑްކާސްޓް ކުރުމުގެ އުސޫލުގައިވާ ގޮތުން ނަމަ ޖިންސީ ގޯނާ ނުވަތަ ގެވެށި އަނިޔާ ލިބިފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތެއް ހާމަކުރަން ޖެހިއްޖެ ހިނދެއްގައި، އެކަން ހާމަކުރުމަށް އެ ފަރާތުގެ ރުހުން ލިބިފައިނުވާ ނަމަ، އެ މައުލޫމާތެއްގެ ސަބަބުން އެ ކަމެއް ރައްދުވާ މީހާ ދެނެގަނެވޭނެ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެ އެވެ. އަދި ފަރުދުންގެ ޒާތީ މައުލޫމާތު ހާމަކުރާއިރު ހުއްދަ ނެތި ރިކޯޑްކޮށްފައިވާ މައުލޫމާތު ބޭނުންކުރުމާއި އަދި ހަގީގަތް ނޯޅޭ ގޮތަށް ބްރޯޑްކާސްޓް ކުރަންވާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑުގައިވެ އެވެ.
އެ މިންގަނޑުގައިވާ ގޮތުން ނަމަ ހަބަރާއި ކަރަންޓް އެފެއާޒްގެ މައުލޫމާތުތައް ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ހަމަހަމަކަމާއެކު ގެނެސްދީ، ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރަންވާނެ އެވެ. އަދި ހަބަރާއި ފެކްޗުއަލް ޕްރޮގްރާމްތަކުގައި، އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި، އެ ފަރާތަކުން ދެއްކި ވާހަކައިގެ މަފްހޫމް ނުގެއްލޭ ގޮތަށް ބްރޯޑްކާސްޓް ކުރަންވާނެ ކަމަށް ވެސް ސުލޫކީ މިންގަނޑުގައި ބަޔާންކޮށްފައިވެ އެވެ.
ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް އަމަލުކުރަންވީ ގައިޑްލައިންގައިވާ ގޮތުން ނަމަ އަންހެނުންނަކީ ފިރިހެނުންގެ ހިމާޔަތާއި މަދަދު ލިބިގެން ނޫނީ ނޫޅެވޭނެ ބައެއް ކަމުގައި ދައްކައިގެން ނުވާނެ އެވެ. އަދި އަންހެނުންނަކީ ހަމައެކަނި ޖިންސީ ބޭނުމަށް ވާ ބައެއް ކަމުގައި ނުދެއްކުމާއި ގެއިން ބޭރުގައި އަންހެނުން ވަޒީފާ އަދާކުރުމަކީ އާއިލާ ރޫޅުމަށް މެދުވެރިވާ މައިގަނޑު ސަބަބު ކަމުގައި ދޭހަވާ ގޮތަށް ނުދެއްކުމަށް ވެސް އެ ގައިޑްލައިންގައި ވެ އެވެ.
މީގެ އިތުރުން އިިގުތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ޕްރޮގްރާމްތައް އުފައްދާއިރު ދެ ޖިންސުގެ މީހުން ބައިވެރިވުމަށް ހަމަހަމަ ފުރުސަތު އޮންނަންވާނެ ކަމަށް ވެސް ގައިޑްލައިންގައި ބަޔާންކޮށްފައިވެ އެވެ.
އަންހެނުންނަށް އަނިޔާވެރިވުމަކީ ރަނގަޅު ކަމެއް ނުވަތަ ގަބޫލުކުރެވޭ ކަމެއްގެ ގޮތުގައި ނުދެއްކުމަށް ވަކި ކަންތައްތަކަކަށް ސަމާލުކަން ދިނުމަށް ވެސް ގައިޑްލައިންގައިވެ އެވެ. އެ ގޮތުން އަންހެނުންނަކީ އެ މީހުންގެ ރުހުމާ ނުލައި ވެސް ކައިވެންޏަކަށް މަޖުބޫރު ކުރެވޭނެ ބައެއްގެ ގޮތުގައި ނުދެއްކުމާއި އަންހެނުން ރޭޕްކުރަނީ އެ މީހުންގެ ފުށުން ފެންނަ ނުވަތަ އަންހެންމީހާ ކުރާ ކަމެއްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ނުދެއްކުމާއި އަންހެނުން އަޅުވެތި ކުރުމާއި ޖިންސީ ޣަރީޒާއެއްގެ ގޮތުގައި ބޭނުންކުރުން އެއީ ރަނގަޅު ކަމެއް ކަމަށް ނުދެއްކުން އަދި އަންހެނަކަށް ޖިސްމާނީ، ނަފްސާނީ ގޮތުން އަނިޔާކުރާ ތަން ނުދެއްކުމަށް ވެސް ގައިޑްލައިންގައި ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން އިޝްތިހާރަށް މީހުން ޝައުގުވެރި ކުރުވުމުގެ ގޮތުން، އަންހެނުންގެ ކަރާމާތާއި ގަދަރު ގެއްލޭ ގޮތަށް އެ މީހުންގެ ބޭނުން ނުކުރުމަށް ވެސް ގައިޑްލައިންގައި ބުނެފައިވެ އެވެ.
ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑު އެކުލަވާލާފައި ވަނީ ބްރޯޑްކާސްޓް ކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ 28 ވަނަ މާއްދާގެ ދަށުންނެވެ.

8 comments