ކޮންޓްރޯލާ އޮފް އިމިގްރޭޝަން

ބޯޑަ ކޮންޓްރޯލްގެ މަސައްކަތެއް ނުފަށަން: އިމިގްރޭޝަން

އަހުމަދު ހަމްދޫން
29 ޖޫން 2012 16:20 13 ކޮމެންޓު
  • އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހަންމަދު އަލީ )މ(: ބޯޑަ ކޮންޓްރޯލްގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށާއި އޭސީސީން ބުނި ނަމަވެސް އިމިގްރޭޝަނުން އެކަން ދޮގުކުރޭ.---ހަވީރު ފައިލް ފޮޓޯ

ބޯޑާ ކޮންޓްރޯލް މަޝްރޫއު ހުއްޓާލުމަށް ހައި ކޯޓުން ކުރި ވަގުތީ އަމުރު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ބާތިލް ވުމުގެ ކުރިން މެލޭޝިއާގެ ނެކްސް ބިޒުން ރާއްޖެ އައިސް އަލުން މަސައްކަތް ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ބުނި ނަމަވެސް އިމިގްރޭޝަން ޑިޕާޓްމަންޓުން އެކަން ދޮގުކޮށް ބަޔާނެއް ނެރެފި އެވެ.

އޭސީސީގެ އިސް އޮފިޝަލަކު އިއްޔެ "ހަވީރަ"ށް ވިދާޅުވެފައި ވަނީ ނެކްސް ބިޒުން މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ، މަސައްކަތް ހުއްޓުވުމުގެ އަމުރަކަށް އެދި ހައި ކޯޓަށް އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ "މެންޑަމާސް" އަމުރުން ބާތިލުކޮށްފައި ވަނީ އެ މައްސަލައިގައި ހައި ކޯޓުން ނެރުނު އަމުރުތަކާއި ނިންމުންތައް އެކަނި ކަމަށާއި އެ މައްސަލައިގައި ކުރިން ހުށަހެޅި ލިޔުންތައް ބާތިވާނެ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އެ އޮފިޝަލާ ހަވާލާދީ "ހަވީރު" ގައި އިއްޔެ ޖެހި އެ ހަބަރާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހަންމަދު އަލީ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، އެފަދަ "ދޮގު" ހަބަރުތައް ފެތުރޭތީ އިމިގްރޭޝަން ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ނަފުސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކަންކަން ހިނގާ ގޮތުގެ އަސްލު ހޯދައި ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އޭސީސީގެ އިތުރުން "ހަވީރަ" ށް އިމިގްރޭޝަން ކޮންޓްރޯލަރު އިލްތިމާސްކުރައްވާފައިވެ އެވެ.

"އަދި ހުރިހާ ދިވެހި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން އޮތީ މި ހަބަރަކީ ދޮގު ހަބަރެއް ކަމަށާއި އެފަދައިން އެއްވެސް ކަމެއް މި ޑިޕާޓްމަންޓުން ކުރަމުން ނުގެންދާ ކަމުގަ އެވެ. އަދި މި ހަބަރާ ގުޅިގެން ކޮންޓްރޯލަރު އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ހައިސިއްޔަތުން، މި މައްސަލަ ތަހުގީގު ކޮށްދެއްވުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ފޮނުވިފައިވާ ވާހަކަ ދިވެހި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހަންމަދު އަލީ ވިދާޅުވެފައިވެ އެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait