އެއްވެސް ސިޔާސީ ޕާޓީއަކަށް ވަނުމަށް އޭނާއަށް ޝަރުތު ނުކުރެއްވުމަށް ހެލްތު މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކަށް ދެންނެވި ކަމަށް ޑރ. އަހުމަދު ޖަމްޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓަރުކަމުގެ މަގާމަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ކަމަށް އެ ޕާޓީން ބުނަމުން ގެންދާތީ "ހަވީރު" ން ދެންނެވި ސުވާލެއްގެ ޖަވާބުގައި ޑރ. ޖަމްޝީދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު، އެފަދަ މުއާމަލާތެއް ޖުމްހޫރީ ޕާޓީން ބަޔަކާއެކު ކޮށްފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑަށް ރައީސް މަގާމު އޮފާ ކުރެއްވިއިރު ވެސް އަޅުގަނޑު ޝަރުތުކުރިން އެއްވެސް ޕާޓީއަކަށް ވަނުމަށް އަޅުގަނޑަށް ނޭންގެވުމަށް. އަޅުގަނޑު ގަބޫލުކުރާ އުސޫލެއް ނޫން މަގާމު ހިމާޔަތް ކުރުމަށްޓަކައި ޕާޓީއަކަށް ވަނުމަކީ. އެ ގޮތަށް މަގާމު ދިފާއު ކުރުމަށްޓަކައި ޕާޓީއަކަށް ވަނުމަށް ވުރެ މާ ބުއްދިވެރިވާނެ މަގާމު ދޫކޮށްލިޔަސް. އަޅުގަނޑުގެ ވެސް ހުންނާނެ ޕްރިންސިޕަލްސްތަކެއް،" ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޑރ. ޖަމްޝީދު ވިދާޅުވި އެވެ. "އެހެނެއް ނޫން ސިޔާސީ ގޮތުން އަޅުގަނޑު ކުރިއަށް ދިއުމަށްޓަކައި އަޅުގަނޑަށް އަމިއްލައަށް ވިސްނިގެން ޕާޓީއަކާ ގުޅެން ޖެހިއްޖިއްޔާ ހަމަ ގުޅުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު މަގާމު ހިމާޔަތް ކުރުމަށްޓަކައި އެކަމެއް އަޅުގަނޑެއް ނުކުރާނަން."
މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށް އެ ޕާޓީން އެކި ފަހަރު ރިކްއެސްޓް އައިސްފައިވާ ކަމަށެވެ. އެކަމަކު އެ ޕާޓީއަށް ސޮއިކުރެއްވުމުގެ ވިސްނުމެއް އަދި ނުގެންގުޅުއްވާ ކަމަށް ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ ނުވަތަ އެހެން ވެސް ސިޔާސީ ޕާޓީއަކަށް ސޮއިނުކުރައްވާތީ ހެލްތު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން ރަސްމީކޮށް އަންގަވައިފި ނަމަ ދެން ހައްދަވާނީ ކޮން ގޮތެއްތޯ ދެންނެވުމުން އޭނާ ވިދާޅުވީ "އެކަހަލަ ޕްރެޝަރެއް އަންނަންޏާ މަގާމުގައި ހުންނަން ގަބޫލެއް ނުކުރެވޭނެ" ކަމަށެވެ.
"އަޅުގަނޑު އަމިއްލަ ފިކުރުގައި، އެންމެ ރަނގަޅު ޕާޓީއަކަށް ދާނީ. އަމިއްލައަށް ހެޔޮ ހިތުން ކުރާ ކަމަކަށް އެކަން ވާން ޖެހޭނީ. އެއީ އަޅުގަނޑު ގަބޫލުކުރާ އުސޫލު،" ޑރ. ޖަމްޝީދު ވިދާޅުވި އެވެ.
ހަތަރު ވަޒީރަކަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީން ނިންމާފައި އޮތީ، ޑރ. ޖަމްޝީދު އެ ޕާޓީއަށް ސޮއިނުކުރައްވާތީ އޭނާއަށް ވޯޓު ނުދިނުމަށެވެ. ކުރެންދޫ ދާއިރާގެ އަހުމަދު މޫސާ ފިޔަވައި ޖުމްހޫރީ ޕާޓީގެ އެހެން މެމްބަރުން ޑރ. ޖަމްޝީދަށް ވޯޓު ނުދެއްވަ އެވެ. ދާދި ފަހުން އެ ޕާޓީއަށް ސޮއިކުރެއްވި ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ރަށުގައި ވަޑައިގެން ނޫޅުއްވާތީ ޖަލްސާއަށް ވަޑައެއް ނުގަންނަވަ އެވެ. ޖުމްހޫރީ ޕާޓީ ފިޔަވައި ސަރުކާރަށް ތާއީދުކުރާ އެހެން ޕާޓީތަކުން ޑރ. ޖަމްޝީދަށް ވޯޓު ދިނެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލަށް މިދިޔަ މަހު ހުށަހަޅާފައި ވަނީ ހެލްތު މިނިސްޓަރުކަމަށް، އެ ޕާޓީއަށް މިދިޔަ މަހު ސޮއިކުރެއްވި، ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އައްޔަން ކުރެއްވުމަށް ރައީސް ވަހީދަށް ދެންނެވުމަށެވެ. އެކަމަކު އެ މައްސަލައާ މެދު ކައުންސިލް މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވެ ވަކި ގޮތަކަށް ކައުންސިލުން ނިންމާފައެއް ނުވެ އެވެ.

28 comments