ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހްމަދު ނަޖީބުގެ މަރުގެ ބަދަލުގައި ބޭނުމީ މަރަށް މަރު ހިފަން ކަމަށް އޭނާގެ އަށް ވާރިސުންގެ ތެރެއިން ހަ ވާރިސަކު މިރޭ ކޯޓުގައި ބުނެފި އެވެ.
ނަޖީބުގެ މަރާ ގުޅިގެން ހައްޔަރުކުރި މ. މަސްރޫރާ، އަހުމަދު މުއްރަތާއި ށ. ގޮއިދޫ، ރިހާބް، ފާތިމަތު ހަނާ ކުށަށް އިއުތިރާފުވުމާ ގުޅިގެން، ނަޖީބުގެ ވާރިސުންގެ ބަޔާން ނެގުމަށް މިރޭ ބޭއްވި ޝަރީއަތުގައި އަށް ވާރިސުންގެ ތެރެއިން ކޯޓަށް ހާޒިރުވި ހަ ވާރިސުން ވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ. ބާކީ ދެ ވާރިސުންގެ ތެރެއިން އެކަކު އުޅެނީ ރާއްޖެއިން ބޭރުގައި ކަމަށް ވުމުން ފޮރިން މިނިސްޓްރީ މެދުވެރިވެގެން އޭނާގެ ބަޔާން ހޯދަން ވަނީ ކޯޓުން ނިންމައިފަ އެވެ. ދެން ހުރި ވާރިސް އުޅެނީ ޑަބްލިޔު މޯލްޑިވްސްގައި ކަމަށް ވުމުން އޭނާ މިރޭ ކޯޓަށް ހާޒިރެއް ނުކުރެވުނެވެ.
ގާޒީ ވިދާޅުވީ ހާޒިރުކުރުމަށް ނިންމި އަށް ވާރިސުންނަކީ ވާރިސުން ކަމަށް ކޯޓަށް ޔަގީންވެފައިވާ ފަރާތްތައް ކަމަށާއި އިތުރު ވާރިސަކު ހުރި ނަމަވެސް މި މަހުގެ 10ގެ ކުރިން ކޯޓަށް އެންގުމަށް މިރޭ އިއުލާނެއް ނެރުއްވާނެ ކަމަށެވެ. އަދި 10 ވަނަ ދުވަހުގެ ފަހުން ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށާއި އެ ދުވަހު ހުލާސާ ބަޔާން އިއްވުމަށް ފަހު މައްސަލަ ނިންމާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަސްރޫރާ ގޭތެރޭގައި މަރާލާފައި އޮއްވައި ނަޖީބު ފެނުނީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވިތާ ހަ ގަޑިއިރު ވެސް ނުވަނީސް ކޯޓުގައި ދައުވާ އުފުލުމާ އެކު ހަމަ މިއަދު ވަނީ ޝަރީއަތްތަށް ފަށައިފަ އެވެ.
މައްސަލާގައި ހިމެނޭ ދެ މީހުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ ކުރި އަމުރު ބާތިލްކޮށް މިރޭ ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފަ އެވެ.
31 comments