ޚަބަރު

ހުކުމުގެ ކުރިން ނެކްސްބިޒްގެ ވާހަކަ ދެއްކުން މަނާކޮށްދިނުމަށް އެދި އޭސީސީގެ މައްޗަށް ދައުވާކޮށްފި

ނިއުމަތުﷲ އިދުރީސް
04 ޖުލައި 2012 16:52 6 ކޮމެންޓު
  • ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި އިމިގްރޭޝަން އާއި ނެކްސްބިޒް އިން ސޮއިކުރަނީ. -- ހަވީރު ފައިލް ފޮޓޯ

ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ނެކްސްބިޒް ޕްރައިވެޓް ލިމިޓެޑާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށާއި ބޯޑަ ކޮންޓްރޯލް ސިސްޓަމުގެ މައްސަލައާ މެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެކަމާ ބެހޭ ވާހަކަތައް އާންމު ތަންތަނުގައި ދެއްކުން މަނާކޮށްދިނުމަށް އެދި އޭސީސީގެ މައްޗަށް ނެކްސްބިޒުން ދައުވާކޮށްފި އެވެ.

ނެކްސްބިޒްގެ ދައުވާގައި ބުނެފައި ވަނީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް އޮކްޓޫބަރު ،17 2010 ގައި ވެފައިވާ އެއްބަސްވުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދާއިރު ކޯޓު ހުކުމަށް ހުރަސް އަޅާފަދައިން އާންމު ފޯރަމްތަކުގައި އިތުރު އެއްވެސް ވާހަކައެއް އޭސީސީން ދެއްކުން މަނާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އޭސީސީން ދައްކާފައިވާ ވާހަކަތާއި އެ ކޮމިޝަންގެ އަމަލުތަކުގެ ސަބަބުން އެ ފަރާތްތަކުގެ ގަދަރަށް އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކުގެ ކިބައިން އާންމުކޮށް އެ ކޮމިޝަނުން މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.

ދައުވާގައި ބުނެފައި ވަނީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމާއި ދިވެހިރާއްޖޭގައި އާންމު ގޮތެއްގައި ވިޔަފާރި ހިންގުމަށް އޭސީސީ ހުރަހަކަށް ވެފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އިން ނެކްސްބިޒަށް ލިބިދީފައިވާ ވަކި ފަރާތަކަށް ބުރަ ނުވާ އަދުލުވެރި ޝަރީއަތެއްގެ ހައްގަށް ހުރަސް އެޅުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ގާނޫނު އަސާސީގެ 43 ވަނަ މާއްދާ އިން ބަޔާންކުރާ އަދުލުވެރި އިދާރީ ނިންމުމުގެ ހައްގާ ވެސް ހިލާފަށް އޭސީސީން އަމަލުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 141 ވަނަ މާއްދާގައި ބުނާތީ، ނެކްސްބިޒްއާ ބެހޭ މައްސަލަ ކޯޓުން ނުނިމެނީސް އެކަމާ ބެހޭ ވާހަކަތައް އާންމު ފޯރަމްތަކުގައި ދެއްކުން މަނާކޮށްދިނުމަށް އެދިފައިވެ އެވެ.

މި ދައުވާއާ އެކު ނެކްސްބިޒުން އިއްޔެ ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އޭގައި ވެސް އެދިފައި ވަނީ ނެކްސްބިޒްގެ މައްސަލަ ނިމުމުގެ ކުރިން އޭސީސީން ނެކްސްބިޒްގެ ވާހަކަ އާންމުކޮށް ދެއްކުން މަނާކޮށްދިނުމަށާއި އޭސީސީން ކުރިއަށް ގެންދާ ތަހުގީގަށް ބޭނުންވާ ކަމެއް ފިޔަވައި އެހެން އެއްވެސް ކަމެއް ނުކުރުމަށް އަމުރުކޮށްދިނުމަށެވެ.

ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް ނެކްސްބިޒް އަށް 500 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް އޭސީސީން އަންގާފައި ވަނިކޮށް، ސިވިލް ކޯޓުން ވަނީ އެގޮތަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށް ހުކުމްކޮށްފަ އެވެ. އަދި އެ ހުކުމް އޭސީސީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން ހައި ކޯޓުން ވެސް ވަނީ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް އެ އަމުރު ނެރުނީ ޣައިރު ގާނޫނީކޮށް އެކުލަވައިލު ބެންޗަކުން ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު ހައި ކޯޓުގެ އަމުރު ވަނީ ބާތިލް ވެފަ އެވެ. އެހެންވެ އޭސީސީން މިހާރު ވަނީ އަނެއްކާވެސް ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

6 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait