ޚަބަރު

މީރާގެ ބޯޑަށް ފާއިޒް ހޮވައިފި

އަހުމަދު ހަމްދޫން
04 ޖުލައި 2012 16:57 2 ކޮމެންޓު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ ގޮނޑިއަށް ލ. މާވަށު އަސްރަފީހިޔާ އަހުމަދު ފާއިޒު މުހަންމަދު، ރައްޔިތުންގެ މަޖިލީހުން މިއަދު ހޮވައިފި އެވެ.

މީރާގެ ބޯޑުގެ މެމްބަރުކަމަށް ފާއިޒް ހޮވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

ފާއިޒަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޑިރެކްޓަ، އެކައުންޓްސްގެ ވަޒީފާގައި ހުންނެވި ބޭފުޅެކެވެ.

މީރާގެ ބޯޑަށް އައްޔަންކުރުމަށް ރައީސް ވަހީދު ފޮނުއްވި ބޭފުޅުންގެ ތެރެއިން އިގުތިސާދީ ކޮމެޓީން އެންމެ ގިނަ މާކްސް ވެސް ލިބިފައި ވަނީ ފާއިޒަށެވެ. އޭނާ އަށް 94.8 މާކްސް ލިބުނެވެ.

މީރާގެ ބޯޑަށް އައްޔަން ކުރުމަށް ފާއިޒްގެ ނަން ހޮވުމުން ބާކީ ހަތަރު ނަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަކަށް ނާހަ އެވެ.

ދެން މީރާގެ ބޯޑަށް އައްޔަންކުރުމަށް ރައީސް ވަހީދު ފޮނުއްވީ، ސ. ހުޅުދޫ ވާރުގޭ އާތިރާ އަލީ އާއި ގދ. މަޑަވެލީ ގަހާ އަހުމަދު މުނައްވަރާއި މ. ނަރުގިސްމާގެއާގޭ އައިޝަތު އަރޫޝާ އާއި ހ. މަޑިވަރު ފާތުމަތު ސުޖާތާ ހަލީމެވެ.

އެ ހުރިހާ ބޭފުޅުންނަށް ވެސް ކޮމެޓީން ކަނޑައެޅި 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނެވެ.

މީރާގެ ބޯޑުން ގޮނޑިއެއް ހުސްވީ، ކުރިން މެމްބަރު ކަމުގައި ހުންނެވި އައްބާސް އާދިލް ރިޒާ އިސްތިއުފާ ދެއްވުމުންނެވެ. ފަހުން އައްބާސަށް ވަނީ ސަރުކާރުގެ ތަރުޖަމާންގެ މަގާމު މިހާރުގެ ސަރުކާރުން ދީފަ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait