ނުރައްކާތެރި މީހެއް ކަމަށް ފުލުހުން އާންމުކޮށްފައިވާ ގ. ކޯޒީ އިބްރާހިމް ޝަހުމާ ދެކޮޅަށް ތިން މީހަކު ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ބުރާސްފަތިދުވަހު ހެކިބަސްދީފި އެވެ.
ތިން މީހަކު ހެކިބަސްދިނީ މާޒިޔާ ދަނޑު ކައިރީގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސައިން، 17 މަރުވި މައްސަލާގައި ކުރިއަށް ގެންދާ ޝަރީއަތުގަ އެވެ. އެ މައްސަލާގައި ޝަހުމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.
ޝަރީއަތުގައި ވަކި ކޮޓަރިއެއްގައި ހުރެގެން އަޑު ބަދަލުކޮށްގެން ހެކިބަސްދިން ފުރަތަމަ މީހާ ބުނީ އެ ހާދިސާ ހިނގުމުގެ ކުރިން އޭނާ ޝަހުމް ނުދަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ހާދިސާ ހިނގި ދުވަހު ޝަހުމް އެ ސަރަހައްދުގައި ހުރި ކަމަށް އޭނާ ބުންޏެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އައިނެއް އަޅައިގެން މެދުގައި އެއިނީ ޝަހުމް ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
އެ ވަގުތު ޝަރީއަތުގެ މަޖިލީހުގައި ޝަހުމް އިނީ ގޮނޑި ބަރީގެ މެދުގަ އެވެ. އަދި އޭނާ އިނީ އައިނެއް ވެސް އަޅައިގެންނެވެ.
ޝަހުމް އަތުގައި އެއްވެސް ހަތިޔާރެއް އޮތްތޯ ދައުލަތުގެ ވަކީލް ސުވާލު ކުރެއްވުމުން އޭނާ ބުނީ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ މިހާރު ހަނދާނެއް ނެތް ކަމަށާއި އެހެން ނަމަވެސް އެކަމާ ގުޅިގެން ފުލުހުންނަށް ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއް ކަމަށެވެ.
ދައުލަތުގެ ވަކީލާއި ޝަހުމްގެ ވަކީލް ޝަހީމް އަހުމަދު ވެސް ހެކިވެރިޔާއާ ސުވާލު ކުރުމުން ކޮންމެ ފަހަރަކު ވެސް އޭނާ ބުނަނީ މިހާރު ހަނދާނެއް ނެތް ކަމަށާއި ތަހުގީގުގައި ދީފައިވާ ބަޔާނަކީ ތެދު ބަޔާނެއް ކަމަށެވެ.
އެ ހެކިވެރިޔާ ތަހުގީގަށް ދިން ބަޔާން އޭނާ އަތަށް ދިނުމުން ގިނަ އިރުތަކެއް ވަންދެން ކިއުމަށް ފަހު އޭނާ ބުނީ އެއީ އެ މައްސަލާގައި އޭނާ ފުލުހުންނަށް ދިން ބަޔާން ކަމަށާއި އޭގައި އެއޮތީ ކަން ހިނގާ ދިޔަ ގޮތް ކަމަށެވެ. އެހެން ނަމަވެސް އެ ބަޔާން ޝަރީއަތުގެ މަޖިލީހަކަށް އިއްވާފައެއް ނުވެ އެވެ.
ދެވަނަ އަށް ހެކިބަސް ދިން މީހާ ބުނީ އެ ހާދިސާ ހިނގުމުގެ ކުރިން ކޮންމެވެސް ވަރަކަށް ޝަހުމް ދަންނަ ކަމަށެވެ. އަދި އެދުވަހު އެ ހާދިސާ ހިނގިއިރު އެތަނުގައި ޝަހުމް ހުރި ކަމަށާއި އޭރު އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށާއި އޭރު އެ ވަޅީގައި ކޮންމެވެސް ވަރަކަށް ލޭ ހުރި ކަމަށް ވެސް ބުންޏެވެ. އަދި އެ ވަޅީގެ ތިލައިގައި ގާތްގަނޑަކަށް ހަތަރު އިންޗި ހުންނާނެ ކަމަށާއި އެއީ ކަޅު ކުލައިގެ މުއްގަނޑު ލީ ވަޅިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އަނިޔާ ލިބިފައިވާ ކުއްޖަކު ވެއްޓިފައި އޮއްވާ ފެނުނު ކަމަށާއި އަދި އެ ކުއްޖާ ކައިރީގައި ޝަހުމް ހުއްޓާ ވެސް ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. ދެ ފަހަރެއްގެ މަތިން ޝަހުމް އެ ކުއްޖާ ކައިރިއަށް އައި ތަން ފެނުނަސް އެއްވެސް މީހަކަށް ހަމަލާދިން ތަން ނުދެކޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.
އަޑު ބަދަލުކޮށްގެން ތިން ވަނަ އަށް ހެކިބަސްދީފައިވަނީ އަންހެނެކެވެ. އޭނާ ފުރަތަމަ ބުނީ ހެކިބަސް ދޭން ބޭނުންނުވާ ކަމަށެވެ.
އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބޭނުން ނުވިޔަސް ހެކިބަސް ދޭން ޖެހޭނެ ކަމަށާއި އިސްލާމީ ޝަރީއަތުގައި ވެސް އެކަން އޮންނަނީ އެގޮތަށް ކަމަށެވެ. އެކަމަކު ވަކި ގޮތަކަށް ހެކިބަސް ދޭން ކޯޓުން މަޖުބޫރު ނުކުރާނެ ކަމަށާއި އެ މީހަކަށް އެ މަންޒަރު ފެނުނު ގޮތަކަށް ތެދު ބަހުން ހެކިބަސް ދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ތެދު ބުނުމަށް މާތްﷲ ގަންދީ ހުވާކުރުމަށް ފަހު އޭނާ ބުނީ އެ ހާދިސާ ހިނގި ދުވަހު އެތަނަށް ދިޔަ ކަމަށާއި އެހެން ނަމަވެސް އެތަނުން ޝަހުމް ވަކިކުރަން ނޭނގޭ ކަމަށެވެ. އެ ހާދިސާ ހިނގިއިރު ޝަހުމް އެތަނުގައި ހުރި ކަމަށް މީހުން ބުނާ ކަމަށާއި ޝަހުމް ކޮންމެވެސް މީހަކަށް ހަމަލާދިން ކަމަށް މީހުން ބުނާ އަޑުއިވުނު ކަމަށް އޭނާ ބުންޏެވެ. އަދި މުހައްމަދު ހުސައިން މަރާލީ ވެސް ޝަހުމް ކަމަށް މީހުން ބުނާ އަޑުއިވުނު ކަމަށް ވެސް އޭނާ ހެކިބަސް ދިނެވެ. އެހެން ނަމަވެސް އެއްވެސް ހަތިޔާރެއް ހިފައިގެން ޝަހުމް އުޅެނިކޮށް ނުދެކޭ ކަމަށް އޭނާ ބުންޏެވެ.
އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އިތުރު ހެކިން އެބަ ތިބި ކަމަށާއި އެހެން ނަމަވެސް އެ ހެކިން ބުރާސްފަތިދުވަހު ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމަކަށް އެމީހުން ހާޒިރު ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގެ އިތުރުން ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލާގައި ޝަހުމްގެ މައްޗަށް ''ގަސްދުގައި މީހަކު މަރާލުމުގެ'' ކުށުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ.
މުހައްމަދު ހުސެއިންގެ މަރުގެ މައްސަލާގައި ހަ ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެ ޝަރީއަތުގެ އަޑުއެހުންތައް ނިމި އަންނަ ހަފްތާގައި ހުކުމްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

6 comments