ބޯޑާ ކޮންޓްރޯލް ސިސްޓަމް

ދޮގު ތުހުމަތުކޮށް، މައުލޫމާތު ހާމައެއް ނުކުރަން: އޭސީސީ

ހުސައިން ފިޔާޒު މޫސާ
05 ޖުލައި 2012 15:08 2 ކޮމެންޓު
  • ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި އިމިގްރޭޝަނާއި ނެކްސްބިޒް އިން ސޮއިކުރަނީ -- ހަވީރު ފައިލް ފޮޓޯ

އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން މައްސަލަތައް ތަހުގީގުކުރަމުން ގެންދަނީ ގާނޫނާއި ގަވާއިދާ އަދި ހަމަޖެހިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި ކޮމިޝަނުން އެއްވެސް ފަރާތަކާ މެދު ދޮގު ތުހުމަތުކޮށް މީޑިއާ އަށް މައުލޫމާތު ފޯރުކޮށްދީފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުރާސްފަތިދުވަހު ބުނެފި އެވެ.

އޭސީސީން މި ގޮތަށް މި ބުނީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް ހަވާލުކޮށްފައިވާ މެލޭޝިއާގެ ނެކްސްބިޒާ މެދު އޭސީސީ އިން އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށާއި ބޯޑަ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައާ މެދު ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެކަމާ ބެހޭ ވާހަކަތައް އާންމު ތަންތަނުގައި ދެއްކުން މަނާކޮށްދިނުމަށް އެދި އޭސީސީގެ މައްޗަށް ނެކްސްބިޒުން ސިވިލް ކޯޓުގައި ދައުވާކޮށްފައި ވަނިކޮށެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ނެކްސްބިޒާ ހަވާލުކުރި މައްސަލައިގައި ބައިވެރިވި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ "ސާބިތުކުރެވޭވަރުގެ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރި ކަމަށް މި ކޮމިޝަނަށް ގަބޫލުކުރުވުމާ ގުޅިގެން" ކަމަށެވެ.

އެ މައްސަލައިގައި ތަފާތު 11 ދައުވާއެއް ކުރުމަށް، ޕްރޮސިކިއުޓަ ޖެނެރަލަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 7 ގަ އެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ހިންގާ ޕްރޮޖެކްޓްތަކުގައިކޮރަޕްޝަންގެ އަމަލުތައް ނުހިމެނޭ ގޮތަށް ކުރިއަށް ގެންދޭތޯ ބެލުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އޭސީސީގެ މައްޗަށް ނެކްސްބިޒުން ކުރި ދައުވާގައި ބުނެފައި ވަނީ ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމަށް އޮކްޓޫބަރު ،17 2010 ގައި ވީ އެއްބަސްވުމުގެ މައްސަލަ ކޯޓުގައި ހިނގަމުން ދާއިރު ކޯޓު ހުކުމަށް ހުރަސްއަޅާ ފަދައިން އާންމު ފޯރަމްތަކުގައި އިތުރު އެއްވެސް ވާހަކައެއް އޭސީސީން ދެއްކުން މަނާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އޭސީސީން ދައްކާފައިވާ ވާހަކަތަކާއި އެ ކޮމިޝަންގެ އަމަލްތަކުގެ ސަބަބުން ނެކްސްބިޒްގެ ގަދަރަށް އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކުގެ ކިބައިން އާންމުކޮށް އެ ކޮމިޝަނުން މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ބުނެ އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait