އެމްޑީޕީ މުޒާހަރާ

އެމްޑީޕީގެ މުޒާހަރާގައި ހަމަނުޖެހުން

09 ޖުލައި 2012 14:08 50 ކޮމެންޓު
  • ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިއަދު މުޒާހަރާކުރާ އިރު ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުން ހިނަގަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިއަދު ކުރާ މުޒާހަރާގެ ބައިވެރިން މަގުމަތިން ދިޔަ ސިފައިންގެ މީހަކާ ދިމާލަށް އެއްޗެހި ކިޔަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިއަދު މުޒާހަރާކުރާ އިރު ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުން ހިނަގަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

  • ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިއަދު މުޒާހަރާކުރާ އިރު ފުލުހުންނާއި އާއްމުންނާ ދެމެދު ހަމަނުޖެހުން ހިނަގަނީ.--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހު

ސަރުކާރާ ދެކޮޅަށް އެމްޑީޕީން އިއްޔެ ފެށި "ކުއްލި ސީދާ ހަރަކާތު"ގެ ދަށުން މިއަދު ވެސް މުޒާހަރާކުރަނީ

10-07-2012 02:05 މުޒާހަރާކުރާ ބައެއް މީހުން އަދިވެސް އެބަ ތިބި. އެކަމަކު މުޒާހަރާ ވަނީ ގާތްގަނޑަކަށް ރޫޅިފައި. ފުލުހުން ވެސް މިހާރު ހިނގައްޖެ
10-07-2012 01:31 އަނިޔާވި ފުލުހުންގެ މީހާއަށް އިތުރަށް ފަރުވާދިނުމަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ތައްޔާރުވާން ފަށައިފި ކަމަށް ފުލުހުން ބުނޭ. މުޒާހަރާގެ ތެރެއިން އެއްލި ގަލަކުން ޖެހި އޭނާގެ ލޮލަށާއި މޫނުމައްޗަށް އަނިޔާވުމާ ގުޅިގެން އޭނާއަށް މިހާރުވެސް ގެންދަނީ އައިޖީއެމްގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުނި
10-07-2012 01:29 މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ގޮސް މިހާރު ތިބީ ދިރާގާ ހިސާބުގައި.
09-07-2012 23:13 ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ މުޒާހަރާގައި ވާހަކަ ދައްކަވަމުން
09-07-2012 23:04 މުޒާހަރާގެ ތެރެެެއިން ރައީސް ނަޝީދު މިހާރު ފެންނާކަށް ނެތް
09-07-2012 22:29 މުޒާހަގައި ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލަދިން މީހަކާއި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ ފުލުހުންގެ ބެރިކޭޑްސްތައް ފޫ އަޅުވާލާ ސަލާމަތީ ސަފުތަކުގެ ތެރެއަށް ގަދަކަމުން ވަދެގަންނަން މަސައްކަތްކުރި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް ފުލުހުން ބުނެފި. އަދި ނޭފަތް ފެޅުނު ފުލުސް މީހާ އަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނި
09-07-2012 22:23 ހަމަނުޖެހުމުގެ ތެރޭ ބައެއް ފުލުހުންގެ ނޭފަތްމަތި ފަޅައިގެން ގޮސް އަނިޔާވި
09-07-2012 22:09 ދެ ފަރާތުގެ މެދުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގަައިފި. ފުލުހުން ދަނީ މީހުން ހައްޔަރުކުރަމުން
09-07-2012 22:07 މުޒާހަރާގެ ތެރެއިން ބަޔަކު ފުލުހުންނަށް ހަމަލާ ދިނުމާ އެކު ހަމަނުޖެހުން ހިނގައި، އެކަކު ހައްޔަރުކޮށްފި
09-07-2012 22:04 ކުރީގެ ރައީސް މުހައްމަދު ނަޝީދު މުޒާހަރާއާ ގުޅިވަޑައިގެންފި.
09-07-2012 21:37 އެމްޑީޕީ އޮފީހުގައި ދެންމެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕާޓީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިހާރު ކުރަމުންދަނީ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި ކޮންމެ ދުވަހަކު ވެސް އެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް. އަދި މިކަމަށް ނިމުމެއް ނެތް ކަމަށް ވިދާޅުވި. އޭނާ ވިދާޅުވީ ސުލްހަވެރި އިހުތިޖާޖު ކުރުމަށް ފުރުސަތު ނުދޭތީ އާއި ނޫސްވެރިން ހައްޔަރުކުރާތީ އެމެރިކާ ސަފީރު ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް. އިންތި ވަނީ މުޒާހަރާގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލައްވާފައި.
09-07-2012 21:23 މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ތިން ނޫސްވެރިޔަކު ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފި
09-07-2012 20:37 މުޒާހަރާ ހުއްޓާނުލައި އަދިވެސް ކުރިއަށް ދަނީ. މިވަގުތަށް އޮތީ ޖުމުލަ ގޮތެއްގައި އަމާންކޮށް
09-07-2012 19:06 ފުލުހުން ބުނީ މުޒާހަރާއާ ގުޅިގެން ރޭގެ 12:00 އާ ހަމަޔަށް ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތަށް ކޯޓަށް ގެންދިޔަ ނުވަ މީހަކު ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް. އަދި އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ 11 މީހަކު ކަމަށާއި އެ ހުރިހާ އެންމެން ވެސް ތިބީ ދޫނިދޫގައި ކަމަށް ފުލުހުން ބުނޭ.
09-07-2012 19:03 ފުލުހުން ބުނީ ރާއްޖެ ޓީވީގެ ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން ކަމަށް. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ކުރި މަސައްކަތަށް ހުރަސްއެޅުމުން އެހެން ދެ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ
09-07-2012 19:02 އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ މުޒާހަރާގެ ބައިވެރިން މިހާރު ތިބި ހިސާބުގައި މިރޭ 12:00 ގެ ފަހުން އަޑުގަދަކޮށް އާއްމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ކަންތައްތައް ކުރިޔަށް ގެންދާ ނަމަ އެކަމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށް ފުލުހުން ބުނެފި
09-07-2012 18:57 މިވަގުތު މާބޮޑު ހަމަނުޖެހުމެއް ނެތް
09-07-2012 18:40 ފުލުހުންގެ ބެރިކޭޑް ހުރަސްކޮަށް ވެސް މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެހެމުން އެބަދޭ
09-07-2012 18:40 ނޫސްވެރިން ދުރަށް ލުމުން ސަންގެ ފޮޓޯގްރާފަރު ޖައިލަމް ފުލުހުންނާ ދިމާލަށް ކޮންމެވެސް އެއްޗެކޭ ބުނުމުން ފުލުހުން އޭނާ ގެންގޮސްފި
09-07-2012 18:29 އެމްޑީޕީން ނެރުނު އެހެން ނޫސްބަޔާނެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަމުން ދާތީ އެކަން ވެސް ކުށްވެރިކޮށްފައި. ނޫސް ބަޔާނުގައި ބުނެފައި ވަނީ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހައްޔަރުކުރަމުން ގެންދާ ކަމަށް.
09-07-2012 18:27 ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ގޯނާކޮށް ޖެއްސުންކުރާ ކަމަށް ބުނެ އެމްޑީޕީން ނޫސް ބަޔާނެއް ނެރެފި:
"މިހާރު މާލޭގައި އެމްޑީޕީ އިން ކުރިއަށް ގެންދާ ސުލްހަވެރި އެއްވުންތައް ކުރިއަށްދާ އިރު، ހާމަކަން ބޮޑު ގޮތެއްގާ އެހަރަކާތްތައް ކަވަރ ކުރަމުންގެންދާ ”ރާއްޖެ ޓީވީ” ގެ ނޫސްވެރިންނަށް ފުލުހުން ޖެއްސުން ކޮށް ގޯނާ ކުރުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން. ރާއްޖެ ޓީވީ އަކީ ސަރުކާރުގެ ޚަބަރު ތަކުގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ތައްވެސް ހަމަހަމަ ކަމާއެކު ގެނެސްދެމުން ގެންދާ ޓީވީ ސްޓޭޝަނެއް."
09-07-2012 18:03 މުޒާހަރާގެ ތެރެއިން ބައެއް މީހުން ގަޔަށް ފުލުހުން ޕެޕް ސްޕްރޭ ޖަހައިފި
09-07-2012 18:02 ރައްޔިތުން މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފުލުހުން ގެންގޮސްފި. މުޒާހަރާ ކުރާ ހިސާބުން ދުރަށް އޭނާ ގެންދިޔަ ނަމަވެސް ހައްޔަރުކުރި ކަމެއް ނޭނގެ
09-07-2012 17:52 މުޒާހަރާގެ ބައިވެރިން ބިންމަތީ މިހާރު އިށީނދެގެން ތިބިއިރު، ފުލުހުން ވަނީ އެ ހިސާބަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައި. ނޫސްވެރިން ވެސް ދުރަށް ޖައްސާފައި ވާއިރު ފުލުހުން ވަނީ ވަރަށް ހަރުކަށިކޮށް ބައެއް މީހުންނާއި ނޫސްވެރިންނާ މުހާތަބުކޮށްފައި
09-07-2012 17:50 ފުުލުހުންނާ ދިމާލަށް ގަލާއި ފުޅި ފަދަ ތަކެތި އުކަން ފެށުމާ އެކު ސަފުތައް މިހާރު ވަނީ ފަހަތަށް ޖައްސާފައި. ފުލުހުން ހައްޔަރުކުރަން އުޅުނު މީހެއްގެ ކައިރި އަށް ދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިއެއް ކަމަށް އަސްވާޑް ވެސް ފުލުހުން ވަނީ މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފައި
09-07-2012 14:58
09-07-2012 14:47
އެމްޑީޕީ މުޒާހަރާ ރީފްސައިޑް ސަރަހައްދުގައި ކުރިއަށްދަނީ
09-07-2012 14:44 މުޒާހަރާގައި ޗެނަލް ނިއުސް މޯލްޑިވްސް ވެބްސައިޓްގެ ނޫސްވެރިއަކު ހައްޔަރުކޮށްފި. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާ ދިމާލަށް ހަޑިހުތުރު ބަހުރުވައިން އެއްޗެހި ކިއުމުން ކަމަށް.
09-07-2012 14:28 މަގުމަތިން ދާ ފުލުހުންނާ ދިމާކުރި މީހަކު ހައްޔަރުކުރަން ފުލުހުން ދިއުމުން ފުލުހުންގެ ގަޔަށް އަރައިގަނެ ފުޅި އުކައި ފުލުހެއްގެ ކޮނޑުމަތީގައި ހުރި ފޮތިކޮޅު ވީދާލައިފި. އެކަމަކު ވެސް ފުލުހުން އެ މީހާ ހައްޔަރުކޮށްގެން ގެންދިޔަ ކަމަށް ބެލެވޭ.
09-07-2012 14:26 ރާއްޖެ ޓީވީ ބެރިކޭޑުން ބޭރުކުރުމާ ގުޅިގެން އެމްޑީޕީ މީހުން މައްސަލަ ޖައްސަން ފެށުމުން އެހެން ހުރިހާ ނޫސްވެރިން ވެސް ބެރިކޭޑުން ބޭރަށް ލައިފި.
09-07-2012 14:23 އިއްޔެ ފެށި މުޒާހަރާގައި މިހާތަނަށް ގާތްގަނޑަކަށް 25 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނޭ ކަމަށް އެ ޕާޓީން ބުނޭ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ޓްވިޓާގައި ދެންމެ ވިދާޅުވީ "އެމްޑީޕީގެ އިންތިޚާބުވެފައި ތިބި އޮފިޝަލުން ހައްޔަރުކުރާ ނަމަ މުޅި އެމްޑީޕީ ވެސް ތިބޭނީ ހައްޔަރުވުމަށް ތައްޔާރަށް" ކަމަށާއި "ހުރިހާ އެންމެން ދޫކޮށްލަންދެން މުޒާހަރާ ކުރިއަށް ދާނެ" ކަމަށް. އިއްޔެ އުސްފަސްގަނޑުން މުޒާހަރާ ފެށި އިރު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި. ނަމަވެސް ފަހުން އެ މަނިކުފާނު މުޒާހަރާ އިން ފެނިފައެއް ނުވޭ.
09-07-2012 14:13
އެމްޑީޕީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ
09-07-2012 14:08 ސަރުކާރާ ދެކޮޅަށް އެމްޑީޕީން އިއްޔެ ފެށި "ސީދާ ކުއްލި ހަރަކާތު"ގެ ދަށުން ޖުމްހޫރީ މައިދާން ސަރަހައްދު، އޯކިޑްމަގު ރީފްސައިޑް ކައިރީގައި މިހާރު ކުރަމުންދާ މުޒާހަރާގައި ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުމެއް ހިނގައިފި.
މި ކުރިމަތިލުން ހިނގީ، މުޒާހަރާކުރަމުންދިޔަ ސަރަހައްދުގެ މަގުމަތިން ދާ ފުލުހުންނާއި ސިފައިންނާ ދިމާކުރަމުން ގޮސް، ސިފައިންގެ އޮފިސަރަކާ ދިމާލަށް މުޒާހަރާކުރާ މީހުން ގޮސް ހިނގި ކަންތައްތަކެއްގެ ތެރޭގައި އެއިން މީހަކު ހައްޔަރުކުރަން ފުލުހުން އުޅުމުން. ފުލުހުން އޭނާގެ ގައިގައި ހިފެހެއްޓުމުން މުޒާހަރާކުރާ މީހުން ވެސް އޭނާގެ ގައިގައި ހިފަހައްޓައި އޭނާ "ސަލާމަތްކުރަން" މަސައްކަތްކުރި.
މި ހަމަނުޖެހުމުގެ ތެރޭގައި ހައްޔަރުކުރި މީހާގެ މަންޒަރުތައް ވީޑިއޯކުރަމުން އޭނާގެ ފަހަތުން ދިޔަ ރާއްޖެ ޓީވީގެ ރިޕޯޓަރަކު ބެރިކޭޑުން ބޭރަށް ފުލުހުން ވަނީ ގެންގޮސްފައި. އަދި ފަހުން ފުލުހުން ވަނީ ހުރިހާ ނޫސްވެރިން ބެރިކޭޑުން ބޭރަށް ނުކުންނަށް އަންގާފައި.
އިއްޔެ މެންދުރުފަހު އުސްފަސްގަނޑުން ފަށައިގެން ވެލާނާގެ ކައިރީގަ އާއި އަމީރުއަހުމަދު މަގާއި ސޯސަންމަގު ގުޅުނު ތަނުގައި އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި ރޭ ވެސް ރީފްސައިޑް ކައިރި އަށް އެއްވި.

50 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait