މާމިގިލީ އެއާޕޯޓުގައި ހަދަމުންދާ ވޯކްޝޮޕްގެ ބޮޑު ފާރު، ރޭ ދަންވަރާއި މިއަދު ފަތިހު އައި ގަދަ ކޮޅިގަނޑާ އެކު ވެއްޓި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މާމިގިލީ ކައުންސިލްގެ ރައީސް ޖުނައިދު އިބްރާހީމް މިއަދު ވިދާޅުވީ އެއާޕޯޓުގައި ހަދާ އިންޖިނިއަރިން ވޯކްޝޮޕްގެ 20 ފޫޓު، 200 ފޫޓުގެ ބޮޑު ފާރު ވެއްޓުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
"އެއީ ވަރަށް ވަރުގަދަ ފާރެއް. ވަރަށް ފަލަ ތަނބު ޖަހައި، ވަރަށް ކައިރިކައިރީގައި ކޮންޓްރީޓް ތަނބު ޖަހާފައި ހުންނާނީ ވެސް. ހަތަރު ބީމް ވަރު ހުންނާނެ އެ ފާރުގައި،" ޖުނައިދު ވިދާޅުވި އެވެ.
ފާރު ވެއްޓުމުގެ އިތުރުން މާމިގިއްޔަށް ވަނީ ގަދަވައިގައި އެހެނިހެން ގެއްލުންތަކެއް ވެސް ވެފަ އެވެ. އެ ގޮތުން ހަތަރު ގެއެއްގެ ފުރާޅުމައްޗަށް ބަނބުކެޔޮ ގަސްތަކެއް ވެއްޓި އެ ގޭގޭގެ ފުރާޅު ހަލާކުވުމާއި ސަރުކާރުން ބަހައްޓާފައިވާ 30 ޓަނުގެ ފެން ޕްލާންޓް ހިޔާކުރުމަށް ޖަހާފައިވާ ޓިނުތައް ވަޔާއެކު އެއްލާލާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އަދި ރަށު ސްކޫލުގެ ފުރާޅު މައްޗަށް ދިއްގާ ގަހެއް ވެއްޓި ބައެއް ޓިނުތައް ބިންދައިގެން ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޫލުގެ އޮފީހާއި ފާހާނާތައް ހުންނަ ބައިގެ ފުރާޅަށް ވަނީ ގެއްލުންވެފައި. ދިޔަދޮވިތައް ވެސް ވަނީ ހަލާކުވެފައި،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގަދަ ކޮޅިގަނޑަކާއެކު، މާމިގިއްޔަށް އިތުރު ގެއްލުންތައް ވެސް ވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެކަންކަން މިހާރު ބަލަމުން ގެންދަވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރޭގައި މިއަދު ހެނދުނު މާލެ އަށް އައި ގަދަ ކޮޅިގަނޑަކާއެކު ވެސް ވަނީ ބައެއް ގަސްތައް ވެއްޓިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
2 comments