ސިޔާސީ

އެމްޑީޕީގެ މުޒާހަރާ ފަތިސް ވަންދެން ދިގުދެމިއްޖެ

11 ޖުލައި 2012 00:37 40 ކޮމެންޓު
  • ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިއަދު ހަވީރު މުޒާހަރާކުރަނީ.--ހަވީރު ފޮޓޯ: އިބްރާހީމް ފާއިދު

ސަރުކާރާ ދެކޮޅަށް އެމްޑީޕީން އާދީއްތަދުވަހު ފެށި ސިލްސިލާ "ސީދާ ހަރަކާތު"ގެ މިއަދުގެ މުޒާހަރާ ދިގުދެމިއްޖެ އެވެ.

11-07-2012 07:51 ފުލުހުން ތަކުރާރުކޮށް އިންޒާރުދިނުމަށް ފަހު ދަންވަރު 3:00 ހާއިރު މުޒާހަރާ ރޫޅާލި. ނަމަވެސް އޭގެ ފަހުން ވެސް އެތައް ފަހަރަކު އެއްވި. މުޒާހަރާ އެއްކޮށް ރޫޅާލީ ފަތިހު 4:45 ހާއިރު. އޭރު އެއްވެ ތިބި މީހުން އެސްޓީއޯއާ ހަމައަށް ފަހަތަށް ޖެއްސި. ދޭތެރެދޭތެރެއިން ޕެޕަ ސްޕްރޭ ޖެހި. ރޭގެ މުޒާހަރާގައި ފަސް މީހަކު ހައްޔަރުކުރި. ނަމަވެސް މިހާރު ހައްޔަރުކޮށްފައި ހުރީ އޭގެ ތެރެއިން އެކަކު ކަމަށް ފުލުހުން ބުނޭ. ރޫޅާލި ވަގުތު މުޒާހަރާ އިން މަޖިލިސް މެމްބަރަކު ފެންނާކަށް ނެތް. މުޒާހަރާ ރޫޅާލަން އެމްއެންޑީއެފް އިން ފެންހޮޅި ވެސް އެޅި. ނަމަވެސް ފެން ޖަހާފައެއް ނުވޭ. ފުލުހުންނާ ދިމާލަށް ގިނަ އަދަދެއްގެ ފުޅި އާއި މަދުމަދުން ގާ ވެސް އުކި.
11-07-2012 01:31 މުޒާހަރާގެ ހަލަބޮލިކަން އަނެއްކާވެސް ވަނީ ކުޑަވެފައި. ބެރިކޭޑް ކައިރީގައި ތިބެގެން އާއްމުން ޝުއޫރު ފާޅުކުރަމުން ދާއިރު ފުލުހުން ވެސް އެބަތިބި. މިހާރު އަޑުގަދަކުރާ ބޭނުމެއް ނުކުރޭ.
11-07-2012 01:11 މެމްބަރު ސަމީރު އާއި އަލީ ރިޒާ ކުރީ ސަފުގައި
11-07-2012 01:10 ޕެޕާ ސްޕްރޭ ޖަހައި އެކަކު ހައްޔަރުކޮށްފި
11-07-2012 01:10 މުޒާހަރާގައި އަޑުގަދަކުރާ ބޭނުންކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދިނުމަށް ފަހު އޭތި ނަގަން ފުލުހުން މުޒާހަރާކުރާ މީހުންގެ ތެރޭގައި މަސައްކަތްކުރަމުން އެބަދޭ. ނަމަވެސް އެކަމާ ދެކޮޅަށް އާއްމުން ދަނީ ފުލުހުންނާ ދިމާލަށް ފުޅި އާއި ގާ އުކަމުން.
11-07-2012 00:55 ނަޝީދު މިހާރު ވަނީ މުޒާހަރާ ދޫކުރައްވައި ވަޑައިގެންފައި.
11-07-2012 00:43 އިއްޔެއާ ޚިލާފަށް މިއަދުގެ މުޒާހަރާގައި ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައެއް ނުވެ އެވެ. ނަމަވެސް މި ވަގުތު މުޒާހަރާ އުޅެނީ ހަލަބޮލިކޮށެވެ. ބެރިކޭޑް ކައިރިން ކޮއްޕުމާއި ފުލުހުން ބެރިކޭޑްތައް ރަނގަޅުކުރުން ކުރިއަށްދެ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން، މަޖިލީހުގެ ދެ މެމްބަރެއް ކަމަށްވާ ސަމީރު އާއި ރިޒާ ބެރިކޭޑް ތެރެއަށް ވަދެވަޑައިގަތެވެ. އެ ބޭފުޅުން ވަޑައިގެންނެވީ ނަމާދަށް މިސްކިތަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ އެވެ. އަދި ވަކި ހިސާބަކުން ދުވެވަޑައިގަންނަވަން ފެއްޓެވުމުން ދެ ފުލުހަކު އެ ދެ ބޭފުޅުން ފަހަތުން ދުވެފައި ދިޔަ އެވެ. ނަމަވެސް ސަމީރާއި ރިޒާ ހައްޔަރެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި އެ ދެ ބޭފުޅުން ނަމާދަށް ވަޑައިގަތުމަށް ދޫކޮށްލީ އެވެ.

އެމްޑީޕީން ބުނެފައިވަނީ މުޒާހަރާކުރުން ހުއްޓާލާނީ ސަރުކާރު ވައްޓާލުމަށް ފަހު ކަމަށެވެ.
11-07-2012 00:39 ސަރުކާރާ ދެކޮޅަށް އެމްޑީޕީން އާދީއްތަދުވަހު ފެށި ސިލްސިލާ "ސީދާ ހަރަކާތު"ގެ މިއަދުގެ މުޒާހަރާ 10 ގަޑިއިރަށް ދިގުދެމިއްޖެ އެވެ. މިއަދު މެންދުރުފަހު 2:30 ހާއިރު ފަށައިގެން، އޯކިޑްމަގާއި ޗާނދަނީމަގު ގުޅޭ ހަތަރުއަނގޮޅީގައި (ރީފްސައިޑް ކައިރީ) މިހާރު ކުރަމުންދާ މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މި ވަގުތު ބައިވެރިވެވަޑައިގަންނަވަ އެވެ.

40 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait