ޚަބަރު

ދިޓީވީގެ ޕްރެޒެންޓަރަށް ހަމަލާދިން މައްސަލަ އެމްޖޭއޭ އިން ކުށްވެރިކޮށްފި

އަހުމަދު ރިޝާން
11 ޖުލައި 2012 15:56 13 ކޮމެންޓު
  • އެމްޑީޕީން މިހާރު ކުރަމުންގެންދާ މުޒާހަރާގައި ސައިކަލުތަކެއް ވައްޓާލާފައި: މުޒާހަރާ ކަވަރު ކުރަންދާ ނޫސްވެރިންނަށް ދޭ ހަމަލާތައް އެމްޖޭއޭ އިން ވަނީ ކުށްވެރިކޮށްފައި. -- ހަވީރު ފޮޓޯ/އިބްރާހިމް ފާއިދު

އެމްޑީޕީން އިއްޔެ ބޭއްވި މުޒާހަރާގައި ދިޓީވީގެ ޕްރެޒެންޓަރަކަށް ހަމަލާދިން މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ކުށްވެރިކޮށްފި އެވެ.

އެމްޖޭއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި އެމްޑީޕީން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި އިއްޔެ ދިޓީވީގެ ޕްރެޒެންޓަރު މުހައްމަދު އަމީތަށް ހަމަލާ ދީފައިވާ ކަމަށެވެ.

އެމްޖޭއޭ އަށް ދިޓީވީއިން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ސްޓޭޝަނުގެ ޕްރެޒެންޓަރަށް އެމްޑީޕީގެ އެކްޓިވިސްޓުން ހަމަލާ ދިނީ އިއްޔެ އިރުއޮއްސެން އުޅެނިކޮށް އޭނާ އޭމްއެމްއޭ ސަރަހައްދުން ސައިކަލުގައި ދުއްވާފައި ދަނިކޮށެވެ.

ދިޓީވީގެ "ހަބަރުތެރެއިން" ޕްރޮގްރާމް ހުށަހަޅައިދޭ އަމީތު ބުނީ އޭނާގެ ގައިގައި ޖަހައި ވައްޓާލުމުގެ ސަބަބުން ކަކުލުގެ ހުޅަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ.

"ބާޒާރަށް ގޮސް އެމްއެމްއޭ ކައިރިން އަންނަނިކޮށް ބާޣީއޭ ކިޔައިފައި ވައްޓާލީ. ބައެއް މީހުން ގޮވި އަނިޔާ ނުކުރާށޭ ވެސް. އެކަމަކު ފައިންނާއި އަތުން އަޅުގަނޑު ގައިގައި ތަޅަނިކޮށް އެ މީހުންގެ ތެރޭގައި ހުރި ދަންނަ މީހަކު އަޅުގަނޑު ސަލާމަތްކުރީ،" އަމީތު ބުންޏެވެ.

އަމީތު ބުނީ އެ މީހުން އޭނާގެ ސައިކަލު ވެސް ހިފެހެއްޓި ކަމަށެވެ. ނަމަވެސް ފަހުން ސައިކަލު އަނބުރާ ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދިޓީވީގެ ޕްރެޒެންޓަރު އަމީތަށް ދިން މި ހަމަލާ ކަމާބެހޭ މުއައްސަސާތަކުން ބަލައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ވެސް އެމްޖޭއޭ އިން ގޮވާލާފައިވެ އެވެ.

އެމްޖޭއޭ އިން ބުނީ އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގައި، ހަބަރު ހޯދުމުގައި ހަރަކާތްތެރިވަނިކޮށް ނޫސްވެރިންނަށް އެކިވަރުގެ ހާނީއްކަ ލިބެމުންދާކަމުގެ ޝަކުވާ އެ ޖަމިއްޔާ އަށް ލިބެމުންދާ ކަމަށެވެ.

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait