މި އަހަރުގެ ފެބްރުއަރީ 6- 9 އަށް މާލެ އާއި އައްޑޫގައި ހިނގައިދިޔަ ހާދިސާތަކާ ގުޅޭ ގޮތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރަމުން އަންނަ ތަހުގީގުގެ ބޮޑު ބައި ނިމިފައިވާ ކަމަށް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ބުނެފި އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ފެބްރުއަރީ 6- 8 އަށް މާލޭގައި ހިނގި ހަމަނުޖެހުންތަކާއި ،8 9 ގައި އައްޑޫގައި ހިންގި ކަންކަން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ކޮމިޝަނުން ތަހުގީގުކުރަނީ އެ ހަމަނުޖެހުންތަކުގައި ފުލުހުންގެ ދައުރާއި ފުލުހުން ހަރަކާތްތެރިވެފައިވާ ގޮތެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ކުރާ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެ ކޮމިޝަނުން މި އާންމުކުރީ، އެ ދުވަސްތަކުގައި ފުލުހުންގެ ފަރާތުން ހިންގާފައިވާ ޖަރީމާތައް ތަހުގީގުނުކުރާ ކަމަށް ބުނެ އެމްޑީޕީން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށާފައިވަނިކޮށެވެ. މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެމްޑީޕީން އަންނަނީ ޗާނދަނީ މަގާއި އޯކިޑް މަގު ގުޅޭ ކަންމަތީގައި ކޮންމެ ދުވަހަކު މުޒާހަރާކުރަމުންނެވެ.
ކޮމިޝަނުގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވީ 9 ވަނަ ދުވަހާ ބެހޭ ގޮތުން ތަހުގީގުކުރަނީ 8 ވަނަ ދުވަހުގެ މުޒާހަރާއާ ގުޅިގެން 9 ވަނަ ދުވަހު އައްޑޫން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އަނިޔާކުރި ކަމުގެ ތުހުމަތުތައް އެ ކޮމިޝަނަށް ލިބިފައިވާތީ ކަމަށެވެ. ވެރިކަން ބަދަލުވި ހާދިސާ އާއި އޭގެ ފަހުން މާލޭގައި ހިނގައިދިޔަ ކަންކަމުގެ ތަހުގީގަށް ފުލުހުންގެ އިސް އޮފިސަރުން އެ ކޮމިޝަނަށް ހާޒިރުކުރަމުން އަންނަ ކަން ވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ގިނަ އޮފިސަރުންގެ ބަޔާން މިހާރު ވަނީ ނަގައިފަ އެވެ.
އިންޓެގްރިޓީ ކޮމިޝަނުން ބުނި ގޮތުގައި އެ ހާދިސާތައް ތަހުގީގުކޮށް ރިޕޯޓް އެކުލަވާލަމުން އަންނައިރު އެ ކޮމިޝަނަށް ނުލިބޭ މައުލޫމާތެއް ހުރި ނަމަ ރިޕޯޓުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ. އެ ހާދިސާއާ ގުޅިގެން ކޮމިޝަނަށް މައުލޫމާތު ދީފައިވާ މީހުންގެ އިތުރުން، އެއްވެސް ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ ހެކިބަހެއް ދެވޭނެ މީހަކު ހުރި ނަމަވެސް މި މަހުގެ 19 އިގެ ކުރިން ހިއްސާކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
8 comments