އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި މިރޭ ވެސް ހަމަނުޖެހުން ހިނގައި މީހުންނަށާއި ތަންތަނަށް ގެއްލުން ލިބިއްޖެ. މުޒާހަރާ ރޫޅާލި ފަހުން މާލޭގެ އެކި ހިސާބުތަކުގައި ވަނީ ބޮޑެތި ކުރިމަތިލުންތައް ހިނގާފައި.
13-07-2012 02:31
ސައިކަލުގައި ރޯކޮށްލި އަލިފާން ނިއްވާލައިފި
13-07-2012 02:24
ލެކިއުޓް ކުރިމަތިން ދިޔަ ފުލުުންގެ ބަޔަކު ހިފެހެއްޓުމަށް ފަހު އެ މީހުންގެ ސައިކަލުގައި ވެސް ރޯކޮށްލައިފި. އެއީ ޕޮލިސް ސައިކަލެއް
13-07-2012 02:21
ފުލުހުންގެ ސައިކަލެއްގައި މަޖީދީމަގުން، ކާމިނީ ޝޮޕިން ކޮމްޕެކްސް ކައިރިން ދިޔަ ދެ ފުލުހަކަށް ބަޔަކު ހަމަލާ ދީފި. މަންޒަރު ދުށް މީހުން ބުނީ ސައިކަލުގައި ފުލުހުން ދަނިކޮށް ބަޔަކު ގާއުކަން ފެށީ ކަމަށް. ފުލުހުން ދުއްވި ސައިކަލުން ޖެހި ފިހާރައެއްގެ ބިއްލޫރުގަނޑު ވެސް ވަނީ ތެޅިފައި. ސައިކަލުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފައި
13-07-2012 01:32
މަޖީދީ މަގުގައި ތިބި މީހުން އަނެއްކާވެސް ޗާންދަނީ މަގުން އިސްކަންދަރާ ދިމާލަށް ދާން މަސައްކަތް ކުރަނީ. އެކަމަކު މުޒާހަރާ ވަނީ ވަރަށް ބޮޑަށް ރޫޅިފައި
13-07-2012 01:27
މުޒާހަރާ ރޫޅާލުމުން މާރުކޭޓް ސަރަހައްދަށް ދިޔަ ބަޔަކާ ދިމާލަށް އެތަނުގައި ހުރި ދުވަސްވީ މީހަކު އެއްޗެކޭ ބުނެގެން އެ މީހާ ގައިގައި ތަޅައިގަނެ މޫދަށް ވައްޓާލައިފި. އެ މީހާ ހަވީރުގެ ނޫސްވެރިއެއް ގާތު ބުނީ ތަޅައިގަނެ މޫދަށް ވައްޓާލީ ފޯނާއި ޖީބުގައި އޮތް 1500ރ. ފޭރިގެންފައި ކަމަށް. މޫދަށް ވައްޓާލުމުން ބޯޓަކަށް އެރުމުން ވެސް ބޯޓަށް އަރައިގެން އަނިޔާކުރި ކަމަށް އެ މީހާ ބުނި. އޭނާ ސަލާމަތްކުރީ ފުލުހުންގެ ބަޔަކަށް ފެނިގެން. މިހާރު ވަނީ ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައި
13-07-2012 01:19
މުޒާހަރާގެ ބައިވެރިންގެ އަނެއްކާވެސް މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ޖަންކްޝަނަށް އެއްވެއްޖެ
13-07-2012 01:02
ޗާންދަނީ މަގުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
13-07-2012 01:01
މުޒާހަރާކުރާ މީހުން މިހާރު ފެންނަނީ މަޖީދީ މަގާ ހިސާބުން
13-07-2012 00:54
ލިލީ މަގުން ފުލުހުންނާ ދިމާލަށް ވަރަށް ގަދަޔަށް ގާ އުކަައިފި
13-07-2012 00:49
މުޒާހަރާކުރާ މީހުން މިހާރު އުޅެނީ މަޖީދީ މަގާ ހިސާބުުގައި. ފުލުހުން ދަނީ އަތުޖެހުނު މީހަކު ވިއްޔާ ހިފަހައްޓަމުން
13-07-2012 00:46
މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ސުލްހެވެރި ނޫން ކަމަށް ފުލުހުން އެންގުމަށް ފަހު މުޒާހަރާ ރޫޅާލައިފި. މިހާރު މީހުން އުޅެނީ އަމީނިއްޔާ އާއި ސްކޫޕާ ހިސާބުގައި
13-07-2012 00:43
މުޒާހަރާކުރާ މީހުން ފަހަތުން ފުލުހުން ދުވެ، މީހުން ހައްޔަރުކުރަނީ
13-07-2012 00:42
ފުލުހުންނާ ދިމާލަށް ވަރަށް ގިނަ އެއްޗެހި އެބަ އުކާ. އިންޒާރު ދިނުމަށް ފަހު މުޒާހަރާ ރޫޅާލުމަށް ފުލުހުންގެ މަސައްކަތް ފަށައިފި
13-07-2012 00:26
އަނެއްކާވެސް ފުލުހެއްގެ ލޮލަށް މިރުސް ފެން އެޅިއްޖެ. އަންހެން ފުލުހެއްގެ ލޮލަށް ވެސް މިރުސް ފެން އެޅިގެން އުޅޭ. ފުލުހުންނާ ދިމާލަށް ފޯއްކިބަ ވެސް އެބަ އުކާ. ފުލުހުންގެ ފޮޓޯގްރާފަރެއްގެ ލޯމަތީ ވެސް އެއްޗަކުން ޖެހި ދުޅަވެއްޖެ
13-07-2012 00:24
ދެ ފުލުހެއްގެ ލޮލަށް މިރުސް ފެން އެޅިގެން ފަރުވާ ހޯދަނީ
13-07-2012 00:24
ފުލުހުން ބުނީ ބިދޭސީއަކު ހައްޔަރުކުރީ ގާ އުކައިގެން ނޫން ކަމަށާއި މުޒާހަރާކުރާ މީހުން ބިދޭސީ މީހާގެ ގަައިގައި ތަޅައިގަތުމުން އޭނާ ސަލާމަތްކުރީ ކަމަށް
13-07-2012 00:18
ކަޅު ތެޔޮ ވެސް ފުލުހުންނާ ދިމާލަށް ދަނީ އުކަމުން. ފުލުހުން ދަނީ 12ގެ ފަހުން އަޑުގަދަކުރާ ބޭނުން ނުކުރުމަށް އަންގަމުން
13-07-2012 00:14
ފުލުހުންނާ ދިމާލަށް ގާ އުކައިގެން ބިދޭސީއަކު ވެސް ހައްޔަރުކޮށްފި. ބަންގްލާދޭޝް މީހެއް ކަމަށް ބެލެވޭ އެ މީހާ ހައްޔަރުކުރީ ފިލަން ގޯޅިގަނޑެއްގެ ތެރެއަށް ވަދެގެން އުޅެނިކޮށް
13-07-2012 00:11
ކައިރީ ހުރި ފްރެޝް އެއާ ޝޮޕްގެ ބިއްލޫރިގަނޑެއް ވަނީ ތެޅިފައި. ފުލުހަކަށް އަނިޔާ ވެފައި ވާއިރު މުޒާހާރާގެ ތެރެއިން މީހަކު ވަނީ ހައްޔަރުކޮށްފައި
13-07-2012 00:11
ފުލުހުންނާ ދިމާލަށް ގަލާއި މިރުސް ފެނާއި ފަސް އޮށް ވެސް އުކަނީ. ފުލުހުންނާ ދިމާލަށް ވަރަށް ގިނައިން ގާ އުކި
12-07-2012 23:34
މުޒާހަރާގެ ތެރެެެއިން ހައެއްކަ މީހުން ހައްޔަރުކޮށްފި. މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާ ދިމާލަށް ޕެޕަ ސްޕްރޭ ޖަހައި، އޭނާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
12-07-2012 23:27
މުޒާހަރާކުރާ މީހުން މިހާރު ތިބީ ފުލުހުންގެ ސަފުގެ ކުރިމަތީ އިށީނދެގެން
12-07-2012 23:11
ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން ޒުވާނަކު އަނބުރައިގެންފި. ފުލުހުން ދަނީ އޭނާ އަށް އެހީވަމުން
12-07-2012 23:00
ފުލުހުން ރީފްސައިޑާ ހިސާބަށް ފަހަތަށް ޖެހުމާ އެކު މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ދިރާގާ ހިސާބުގައި
12-07-2012 22:44
މުޒާހަރާކުރާ މީހުންގެ ފަހަތުން ފުލުހުން ދާއިރު ފުލުހުންނާ ދިމާލަށް ކޮންމެވެސް ވަރަކަށް ގާވެސް އުކާ
12-07-2012 22:30
މުޒާހަރާކުރާ މީހުންގެ ތެެރެއަށް ފުލުހުން ވަދެގެންފި
12-07-2012 22:29
ފުލުހުންނާ ދިމާލަށް ފެން ކޮތަޅުތަކެއްވެސް އުކައިފި
12-07-2012 22:26
ދިރާގާ ހިސާބަށް ފަހަތަށް ޖެއްސިފަހުން މުޒާހަރާގެ ތެރެއިން ފުލުހުންނާ ދިމާލަށް ގާބުރިއެއް އެއްލައިފި
12-07-2012 22:18
ރީފްސައިޑާ ހިސާބަށް ދިއުމާ އެކު ފުލުހުން ހުރަސްއަޅައި، މީހުން ފަހަތަށް ޖައްސަން ފަށައިފި
12-07-2012 22:14
ރައީސް ނަޝީދު މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފި. އެއާ އެކު މުޒާހަރާގެ ބައިވެރިން އަނެއްކާވެސް މަޑުމަޑުން ކުރިއަށް ޖެހެން ފަށައިފި
12-07-2012 22:08
ކުރިއަށް ޖެހުނު މީހުން އަމިއްލަ އަށް ފަހަތަށް ޖެހިއްޖެ
12-07-2012 22:05
ބެރިކޭޑްތައް ހުރަސްކޮށް މުޒާހަރާގެ ބައިވެރިން ކުރިއަށް ޖެހެން ފަށައިފި. ފުލުހުން އަދި އެ މީހުންނަކަށް ހުރަހެއް ނާޅާ
12-07-2012 21:54
ފުލުހުންގެ ބެރިކޭޑްތައް ކޮއްޕައި، ކުރިއަށް ޖެހެން އުޅުމުން އެކަކު ހައްޔަރުކޮށްފި
12-07-2012 21:21
މުޒާހަރާކުރާ މީހުން ތިބި ހިސާބަށް ވަތް ޕިކަޕަކަށް، މުޒާހަރާގެ އަންހެން ބައިވެރިން ހުރަސް އެޅި. އެއީ "ބާގީއެއް" ކަމަށް ބުނެ ހުއްޓުވާފައި ވަނިކޮށް އެހެން ބަޔަކު އައިސް އެ ޕިކަޕް ދޫކޮށްލަން ބުނި. ފަހުން ބެލި އިރު އެއީ މުޒާހަރާކުރާ މީހުންނަށް ކާއެއްޗެހި ހިފައިގެން އައި ޕިކަޕެއް
12-07-2012 21:13
މީގެ ކުޑައިރުކޮޅެއް ކުރިން ނޫޑުލްސް ގެނެސް، މުޒާހަރާގެ ބައިވެރިންނަށް ބަހަނީ. މުޒާހަރާ އަށް މަޑުމަޑުން ދަނީ މީހުން އިތުރުވަމުން
12-07-2012 20:52
މީހުން އެއްވެފައި ވަނީ ސީގަލް ކެފޭ ކައިރީ އެކަނި. އެތަނުން ދެންމެ އަންހެނަކު ހައްޔަރުކޮށްފި. ބޮޑަށް ބެލެވެނީ ފުލުހަކާ ދިމާލަށް އެއްޗެކޭ ބުނެގެން ކަމަށް. މުޒާހަރާ އަށް ދަނީ މަޑުމަޑުން މީހުން ގިނަވަމުން
12-07-2012 19:07
މުޒާހަރާ ތެރެއިން ދޭތެރެ ދޭތެރެއިން އަޑުގަދަކޮށް ހެދިޔަސް މިވަގުތު މާބޮޑު ކަމެއް ނުހިނގާ
12-07-2012 18:22
މިހާރު އޮތީ މަޣްރިބް ނަމާދު ވަގުތަށް މުޒާހަރާ މަޑުޖައްސާލާފައި
12-07-2012 18:17
ހުޅުމާލޭ ހޮސްޕިޓަލް ކައިރިއަށް އެއްވި މީހުން އެ ސަރަހައްދު ދޫކޮށް މިހާރު ހިނގައްޖެ
12-07-2012 18:13
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ބަޣާވާތް ކުރަނީ ނާތަހުޒީބު ގައުމުތަކުގައި ކަމަށް. އަދި ފުލުހުން މިހާރު ބެރިކޭޑްތައް ބަހައްޓާފައި ހުރީ އެއްވުން މަނާ ސަރަހައްދެއްގައި ނޫން ކަމަށާއި އެހެންވެ އެ ބެރިކޭޑްތައް ނަގަން ޖެހޭނެ ކަމަށް ވިދާޅުވި
12-07-2012 18:06
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އުޅެނީ ވެރިކަމާ ހެދި ނޫން ކަމަށް، ވެރިކަމުގެ ނިޒާމެއް ގާއިމުކުރަން ކަމަށް. އެކަމަށްޓަކައި ގައުމަށް މާލީ ބަދަލުތަކެއް ގެނެސްފައި ވާނެ ކަމަށް. ބަޣާވާތް ކުރި މީހުންނަށް އެ ބަދަލު ނުގެނެވޭނެ ކަމަށާއި ބަޣާވާތްކުރީ ވެރިކަމާ ހެދި އުޅޭ ބަޔަކު އެމްޑީޕީގެ ބޮލުގައި ލާދީނީ ތުހުމަތު އަޅުވައިގެން ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ކަމަށް ވިދާޅުވި. އަދި ބަޣާވާތް ކުރުމުގައި ސިފައިންނާއި ފުލުހުންގެ އިސް ބައެއް މީހުންގެ އަމިއްލަ އެދުން ވެސް ހިމެނޭ ކަމަށާއި އެ މީހުންނަށް ހައްގު އަދަބު ލިބޭނެ ކަމަށް ވެސް ވިދާޅުވި. ނަޝީދު ވިދާޅުވީ މިއީ އެމްޑީޕީގެ ބުރާސްފައްޗެއް ކަމަށާއި އިންތިހާބުގެ ތާރީހު ނުލިބެނީސް މުޒާހަރާ ހުއްޓާނުލާނެ ކަމަށް.
12-07-2012 17:44
މާލޭގައި ކުރަމުންދާ މުޒާހަރާގައި ކުރީގެ ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
12-07-2012 17:38 [ހުސައިން ފިޔާޒު މޫސާ، މާލެއިން]
ކުރީގެ ރައީސް ނަޝީދު މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފި. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވެސް މިހާރު އެބަ ތިއްބެވި
12-07-2012 17:32 [ހުސައިން ފިޔާޒު މޫސާ، މާލެއިން]
މުޒާހަރާގެ ތެރެެއިން ފުލުހުންނާ ދިމާލަށް ހުތުރު އެއްޗެހި ކިޔަމުން ދިޔަ އަންހެނަކު ހައްޔަރުކުރުމާ އެކު ކުޑަކޮށް ހޫނުވެއްޖެ. މުޒާހަރާ ތެރެެއިން އެއްލި ފެން ފުޅިއަކުން އަންހެން ފުލުހެއްގެ މޫނުމަތީގައި ޖެހި އަނިޔާވި
12-07-2012 17:30 [އާމިނަތު ޝިފްލީން، ހުޅުމާލެއިން]
ރަސްމިއްޔާތަށް ފަހު ރައީސް ކާރުގައި ވަޑައިގެންފި. ނިކުމެ ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ފުލުހުން ހިމާޔަތުގައި ތިބި.
12-07-2012 17:27 [އާމިނަތު ޝިފްލީން، ހުޅުމާލެއިން]
ޑަޔަލިސިސް ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު މީޑިއާއާ ވަކިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަގުމަގުން ސަރުކާރު ނުވެއްޓޭނެކަން މިހާރު އެމްޑީޕީ އަށް އެނގެން ޖެހޭނެ ކަމަށް
12-07-2012 17:19 [އަހުމަދު ރިޝާން، ހުޅުމާލެއިން]
ހޮސްޕިޓަލް ބޭރުން ސައިކަލެއްގައި ދިޔަ މީހަކާ މުޒާހަރާ މީހުން ދިމާކޮށްލުމުން ފުލުހުން ގޮސް ދުރުކޮށްފި.
12-07-2012 17:06
ޑަޔަލިސިސް ސެންޓަރު ހުޅުއްވައިދެއްވަން ރައީސް ވަޑައިގެންވީ ހޮސްޕިޓަލު ތެރޭގައި. މުޒާހަރާކުރާ މީހުން ހޮސްޕިޓަލް ބޭރުން މަގުމަތީގައި ތިބެ ދަނީ އަޑު އުފުލަމުން
އެމްޑީޕީގެ ކުއްލި ސީދާ ހަރަކާތުގެ ދަށުން މާލޭގައި މިއަދު ވެސް މުޒާހަރާ ފަށާފައި ވާއިރު ރައީސް މުހައްމަދު ވަހީދު ހުޅުމާލެ އަށް ވަޑައިގަތުމާ އެކު ހުޅުމާލޭގައި ވެސް މުޒާހަރާކުރަން ފަށައިފި. ހުޅުމާލޭގައި މުޒާހަރާކުރަމުން ދަނީ އެ އަވަށު ހޮސްޕިޓަލުގައި ޑަޔަލިސިސް ސެންޓަރެއް ހުޅުއްވައިދެއްވަން ރައީސް ވަޑައިގަތުމާ އެކު. މުޒާހަރާ ކުރަނީ ހުޅުމާލޭ ހޮސްޕިޓަލް ކައިރީ. މާލޭގައި މުޒާހަރާކުރަމުން ދަނީ ޗާންދަނީ މަގާއި ފަރީދީ މަގު ގުޅޭ ކަންމަތީގައި
119 comments