މާލޭގެ މަގުތަކުގައި ހަމަނުޖެހުން ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީން މާލޭގެ މަގުތަކުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ނޫސްވެރިންނަށާއި ފުލުހުންނަށާއި ސިފައިންނަށް ގެއްލުން ލިބި ދައުލަތުގެ މުދަލަށާއި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންގެންދާ މި ދަނޑިވަޅުގައި މި ހަޑިމުޑުދާރު އަމަލު ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ގައުމުގައި ހަމަޖެހުމާއި އަމާންކަން ގާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށްވީ ހިނދު މިފަދަ ކަންކަންކުރުމަށް އެއްވެސް ފަރާތަކަށް ސަރުކާރުން ފުރުސަތެއް ނުދެއްވާނެ އެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ސަރުކާރުން އަރުވަމެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ވަނީ ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި އެ އަމަލުތައް ހިންގީ ކޮންމެ ބަޔަކު ކަމަށްވިޔަސް އެބަޔަކު ހޯދައި ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އަދުލު އިންސާފު ގާއިމްކުރާ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
އެ ނޫސްބަޔާނުގައި ވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ދޭ ކަމަށެވެ. އަދި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމުގައި ފުލުހުންނަށާއި ސިފައިންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
މާލޭގެ މަގުތަކުގައި އެމްޑީޕީން ކުރާ މުޒާހާރާގެ ތެރޭގައި ސަލާމާތީ ބާރުތަކަށް އަމާޒުކޮށް އެކި ފަހަރުމަތިން ހަމަލާދީފައިވެ އެވެ. އަދި އެ މުޒާހާތައް ރޫޅާލުމުގައި ފުލުހުންނަށާއި ބައެއް ނޫސްވެރިންނަށާއި އާއްމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެ އެވެ.

34 comments