ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މައްސަލަތަކެއް ނެތް ކަމަށް އެ ކޮމިޝަންގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ބުރާސްފަތި ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ "މައިގަނޑު ގޮތެއްގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ ހަރަދުތައް ކޮށްފައިވަނީ 2011 ވަނަ އަހަރަށް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް، ކަނޑައެޅިފައިވާ ކަންތައްތަކަށް އަދި ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް" ކަމަށެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ވެސް، އެ ކޮމިޝަންގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށްފައެއްނުވެ އެވެ. މި ފަހަކަށް އައިސް ނެރެފައިވާ ގިނަ އޮޑިޓް ރިޕޯޓުތަކުގައި މާ ގިނަ މައްސަލަތަކެއް ފާހަގަކޮށްފައެއް ނުހުރެ އެވެ. އަދި އޮފީސްތަކުގެ މާލީ ހިސާބު ބެލެހެއްޓުން ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
"މާލީ ރިޕޯޓުތައް ތައްޔާރުކުރުން ކުރިއަށްވުރެ ރަނގަޅުވެއްޖެ. ގަވާއިދާ ހިލާފު ކަންކަންކުރުން ވެސް މަދުވެއްޖެ. ކުރިން އެކަހަލަ ކަންކަން ހިންގަމުން ދަނީ ބަލާނެ ބަޔަކު ނެތުމުން. މިހާރު އޮފީސްތަކުގެ ވެރިންނަށް ވެސް މުވައްޒަފުންނަށް ވެސް އެނގޭ ކަންކަން ބަލާކަން. ރިޕޯޓުތައް އާންމުންނާ ހަމައަށް ދާކަން. ރައްޔިތުންގެ މަޖިލީހުން ވެސް މައްސަލަތައް ބަލާކަން،" ނިޔާޒު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
6 comments