މިދިޔަ ބުރާސްފަތި ދުވަހު ސ. ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ އެކަކު ހައްޔަރުކޮށް، އެކަމުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހު ހަވީރު ފޭދޫ ބަނދަރުމަތިން، މީދޫ، ވެސްޓް ލޭންޑް އިބްރާހީމް އަފްޒަލް، ،24 އަށް ތޫނު އެއްޗަކުން ހަމަލާދީ ބުރަކަށީގެ ތިން ތަނެއް ޒަހަމްކޮށްލާފައިވަނީ ފަސް މީހުން ހިމެނޭ ގްރޫޕަކުން ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
"އަޅުގަނޑުމެން މި އަންނަނީ މި ކަމުގައި ޝާމިލްވާ ކަމަށް ބެލެވޭ އިތުރު މީހުން ހޯދައި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ. "އަފްޒަލް އަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ. އަދި އޭނާގެ ހާލު މިހާރު އާދައިގެ ގޮތަކަށް އުޅެނީ."
މަންޒަރު ދުށް ބައެއް މީހުން ބުނީ މަރަދޫފޭދޫ "ކައިޝާ" ކެފޭގައި މަސައްކަތްކުރާ އަފްޒަލަށް ހަމަލާ ދިނީ އޭނާ ބަނދަރުމަތީގައި ހުއްޓައި ދެ ސައިކަލެއްގައި ދިޔަ ބައެއް ކަމަށެވެ. އަދި ހަމަލާ ދިނުމަށް ފަހު އެ މީހުން ވަރަށް ބާރަށް ދުއްވާފައި ދިޔައީ ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
0 comment