އިސްލާމިކް ފައުންޑޭޝަންގެ ދީނީ ޗެނަލް "އެމްވީޓީވީ" ގެ ޕްރޮގްރާމްތައް މިއަދު ފަށައިފި އެވެ. މިއީ ދީނީ ޗެނަލެއްގެ ގޮތުގައި ވަކި ހާއްސަ ޓީވީ ޗެނަލެއް ރާއްޖޭގައި ހިންގަން ފެށި ފުރަތަމަ ފަހަރެވެ.
އެ ފައުންޑޭޝަންގެ ރައީސް އަދި "އެމްވީޓީވީ" ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފައުޒީ މިރޭ ވިދާޅުވި ގޮތުގައި މީޑިއާ ނެޓުގެ 155 އިން އެ ޗެނަލް މިހާރު ފެންނާނެ އެވެ. އެ ގޮތުން މި ވަގުތަށް ޕްރޮގްރާމްތައް ފޮނުވަމުން ގެންދަނީ ކޮންމެ ދުވަހެއްގެ ވެސް މެންދުރު ފަހު 2 އިން ރޭގަނޑު 12 ޖަހަންދެން ކަމަށް ފައުޒީ ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވި ގޮތުގައި އެ ޗެނަލުން މުޅިން ވެސް ފޮނުވާނީ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމްތަކެވެ.
"ރޭގަނޑު 12 އާ ހަމައަށް ޕްރޮގްރާމްތައް ދެއްކިޔަސް އޭގެ ފަހުން ޤުރުއާނާއި އޭގެ މާނަ އަޅުގަނޑުމެން ފޮނުވާނަން. އަޅުގަނޑުމެންގެ ވިސްނުން ބޮޑަށް ހުރީ 24 ގަޑިއިރު ވެސް ޗެނަލް ހިންގުމަށް،" ފައުޒީ ވިދާޅުވި އެވެ. "ދީނީ ނަސޭހަތާއި ޤުރުއާނާއި އޭގެ މާނަ އަޅުގަނޑުމެން ގެނެސްދޭނަން. ދެން އިޖުތިމާއީ ތަފާތު ކަންތައްތަކަށް އަލިއަޅުވާލައި ޕްރޮގްރާމްތައް ގެނެސްދޭނެ."
"އެމްވީޓީވީ" މި ވަގުތު ލިބެނީ ޓެރަސްޓްރިއަލްގެ އިތުރުން ކޭބަލް ޓީވީ މެދުވެރިކޮށެވެ. އެހެން ނަމަވެސް ފަހުން ސެޓެލައިޓް މެދުވެރިކޮށް މުޅި ރާއްޖެއަށް އެ ޗެނަލް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އަހަރުގެ ތެރޭގައި އެކަން ކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ،" ފައުޒީ ވިދާޅުވި އެވެ.
ރާއްޖޭގެ ފުރަތަމަ ދީނީ ޗެނަލް ހިންގަމުން ގެންދަނީ ގ. ސަފޫރާމަންޒިލްގެ ފުރަތަމަ ބުރީގަ އެވެ. މި ޗެނަލަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މޭ މަހު އެވެ.

29 comments