ސިވިލް ސާވިސް ކޮމިޝަން

ފަހުމީ ޖިންސީ ގޯނާ ކުރެއްވި ކަމަށް ބުނާ މުވައްޒަފު ފުރަތަމަ ފަހަރަށް މީޑިއާއާ ވާހަކަ ދައްކައިފި

އަހުމަދު ހަމްދޫން
16 ޖުލައި 2012 12:17 56 ކޮމެންޓު
  • ސީއެސްސީގެ ރައީސް ފަހުމީ --ހަވީރު ފައިލް ފޮޓޯ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހަންމަދު ފަހުމީ ހަސަން ޖިންސީ ގޯނާކުރެއްވި ކަމުގެ ތުހުމަތު އުފުލި އަންހެން މުވައްޒަފު ފުރަތަމަ ފަހަރަށް މީޑިއާއާ އެ ވާހަކަތައް ހިއްސާކޮށްފި އެވެ.

ސީއެސްސީގެ ސީނިއާ ރިސާޗް އޮފިސަރެއްގެ މަގާމުގައި ހުރި އާމިނަތު ޝަހުމާ ހަލީމް، ،31 އިއްޔެ "ހަވީރަ" ށް ވަނީ އެކަން "ހިނގި ގޮތް" ކިޔައި ދީފަ އެވެ. އެ ގޮތުން އޭނާ ބުނީ ފަހުމީ ޖިންސީ ގޯނާކުރެއްވީ ސީއެސްސީގެ އޮފީހުގެ ބިއުރޯގައި ޖެހިގެން އަންނަ ދުވަހު އޮތް މީޓިންއެއް ޔަގީންކުރަން ގޮސް އުޅެނިކޮށް މޭ 29 ވަނަ ދުވަހު ކަމަށެވެ. އޭރު ފަހުމީ އިންނެވީ ވަކިން ހުރި ސޯފާއެއްގައި ކަމަށް ޝަހުމާ ބުންޏެވެ.

"ފަހުމީ ގޮވީމަ ގޮސް ހުއްޓުނީ ސޯފާއާ ތިން ފޫޓު ވަރު ދުރުގައި. ހުއްޓުނީމާ ފަހުމީ ބުނީ ކައިރިއަށް އައިސް ބަލާށޭ ސިއްރު ވާހަކައެކޭ. ހަގީގަތުގައި ނޮޓް އެޕްރޮޕިރޭޓް އެހާ ކައިރިއަށް ދާކަށް ވެސް. އެހެންވީމަ ފަހުމީގެ ސައިޑަކަށް ދިޔައީ. ދެން އަޅުގަނޑު ބުނިން ވިދާޅުވާށޭ. ދެން އަތުގައި އެ ބޭފުޅުންނަށް [ކޮމިޝަންގެ ބައެއް މުވައްޒަފުން] ނުފެންނަ ގޮތަށޭ ކިޔާފައި އަޅުގަނޑުގެ އަތުގައި ހިފައިގަތީ،" ޝަހުމާ ބުންޏެވެ.

އޭނާ ބުނީ ފަހުމީގެ ކުރިމައްޗަށް އޭނާ ގެންގޮސް ބަނޑުގައި އަތް ކާއްތަމުން "ތި ކަހަލަ ރީތި ހުސްހަށި ބައި އަންހެންކުދިން ފަލަވީމާ ކަމަކު ނުދާނެއޭ" ވިދާޅުވި ކަމަށެވެ.

ދެން އޭނާ ފަހުމީ އަށް އަތްނުލެއްވޭ ހިސާބަށް ފަހަތަށް ޖެހުނު ކަމަށް ޝަހުމާ ބުނެ އެވެ. އަދި އޭނާ ހުސްހަށިބައި ކަން ފަހުމީ އަށް އެނގިވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ކުރި ކަމަށް ވެސް ޝަހުމާ ކިޔައިދިނެވެ.

ސީއެސްސީގައި ވަޒީފާއަދާކުރާތާ ދެ އަހަރު ވެފައިވާ މުވައްޒަފުގެ ތުހުމަތުތައް މިއަދު ވެސް ފަހުމީ ދޮގުކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއީ އޮފީހުގެ ރަސްމީ ވަގުތެއްގައި، އެހެން މުވައްޒަފުން ވެސް ތިއްބާ ހިނގި ކަމެއް ކަމަށް ތުހުމަތުކުރާ މައްސަލައަކަށް ވާތީ އެ މުވައްޒަފުން ތަހުގީގީ އިދާރާތަކަށް ދީފައިވާ ބަޔާންތައް ހޯދައިގެން އިންސާފުވެރިކަމާ އެކު ރިޕޯޓްކޮށްދިނުމަށެވެ. އޭގެ އިތުރު ވާހަކައެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޝަހުމާ ޔަގީންކުރާ ގޮތުގައި ފަހުމީ އެގޮތަށް ގޯނާކުރެއްވި މަންޒަރު އެ ވަގުތު އެތަނުގައި ތިބި ބައެއް މުވައްޒަފުންނަށް ވެސް ފެންނާނެ އެވެ. ސަބަބަކީ އެ ވާހަކަ ދައްކަން އައުމަށް އެދި އަންހެން މުވައްޒަފަކު އޭނާއާ ގުޅާފައިވާތީ އެވެ.

ފަހުމީގެ މި އަމަލާ ގުޅިގެން ފަހުމީ އަށް ޝަހުމާގެ އާއިލާގެ ބައެއް މީހުން ގުޅުމުން މާފަށް އެދިވަޑައިގެން އެސްއެމްއެސްއެއް ވެސް ފޮނުއްވި އެވެ. ޝަހުމާގެ ފޯނުގައިވާ އެ އެސްއެމްއެސް "ހަވީރު" ގެ ނޫސްވެރިންނަށް އޭނާ ދެއްކި އެވެ. އެ މެސެޖުގައި ހަމައެކަނި ބުނެފައި ވަނީ "ވެރީ ސޮރީ އިނގޭތޯ" މިހެންނެވެ. އަދި ހަމަ އެ ދުވަހު ފަހުމީ ގުޅުއްވައި ވެސް މާފަށް އެދިވަޑައިގެންނެވި ކަމަށް ޝަހުމާ ބުންޏެވެ. މީގެ އިތުރުން ޝަހުމާގެ ދައްތަ ފާތުމަތު ޝުޖާތާ ހަލީމަށް ވެސް ފަހުމީ ގުޅުއްވައި މާފަށް އެދިވަޑައިގެންނެވި ކަމަށް ޝުޖާތާ ބުންޏެވެ.

"އަހަރެން ބުނިން އެއްވެސް ގޮތަކަށް ފަހުމީމެން ލެވެލްގައި ހުންނަ މީހަކަށް އެހެން އަންހެން މުވައްޒަފެއްގެ ގައިގައި ނޫނީ އެއްވެސް މުވައްޒަފެއްގެ ގައިގައި އަތްލެވިގެން ނުވާނެކަން ނޭނގޭ މީހަކު ތި ތަނުގައި ހުރުމުގެ ބޭނުމެއް ނެތޭ،" ޝުޖާތާ ބުންޏެވެ.

ފަހުމީގެ މި މައްސަލަ ފެންމަތިވުމުން "ހަވީރު"ން ގުޅުމުން އޭރު ވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މައްސަލަ ބެލުމަށް ފަހު ފަހުމީ އަށް މިހާރު ވަނީ އިސްތިއުފާ ދެއްވުމަށް 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތުގައި އިސްތިއުފާ ނުދެއްވައިފި ނަމަ ފަހުމީއާ މެދު ގޮތެއް ނިންމާނީ މަޖިލިހުގެ ތަޅުމުންނެވެ.

ޝަހުމާގެ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ މަހުޖޫބު ޝުޖާއު ވެސް ފަހުމީ އަށް ގުޅުއްވާ އޭނާގެ އެ އަމަލަށް މައާފަށް އެދިވަޑައިގަތުމަށް ދެންނެވި ކަމަށް މަހުޖޫބު ވިދާޅުވި އެވެ. އަދި ޕަބްލިކް އެޕޮލޮޖީއަކަށް އެދިވަޑައިނުގެންފި ނަމަ ޝަހުމާ ބޭނުން ގޮތަކަށް އެ މައްސަލަ ކުރިއަށް ގެންދަން ދޫކޮށްލައްވާނެ ކަމަށް ފަހުމީ އަށް ދެންނެވި ކަމަށް ވެސް މަހުޖޫބު ވިދާޅުވި އެވެ.

ފަހުމީއާ ގުޅޭ ގޮތުން ޝަހުމާ ވާހަކަ ދައްކަމުން ގެންދަނީ ސީއެސްސީން ސްކޮލަޝިޕެއް ނުދީގެން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަހުމާ ބުނީ މިހާތަނަށް ކުރު ކޯހަކަށް ވެސް ކޮމިޝަނަށް އެޕްލައިކޮށްފައި ނުވާނެ ކަމަށެވެ.

ޝަހުމާގެ އާއިލާ އިން މިހާރު އެންމެ ކަންބޮޑުވަނީ އެ މައްސަލަ ކުރިއަށްދާ ސްޕީޑާ މެދުގަ އެވެ. ހަތަރު މުއައްސަސާއަކަށް މައްސަލަ ލީތާ މަހެއް ވާން އުޅޭއިރު ވެސް އެކަށީގެންވާ ގޮތަކަށް އެ މައްސަލަ ކުރިއަށް ނުދާ ކަމަށް ޝަހުމާގެ އާއިލާއިން ދެކެ އެވެ.

"ކޮމިޝަންގެ ދެ މެމްބަރަކު ފަހުމީ އެއްބަސްވި ކަމަށް [ކޮމެޓީގަިއ] ބުނެފައިވޭ. އެވަރުވީމާ ދެން އަޅުގަނޑަކަށް ނޭނގޭ [މަޖިލީހުގެ] ފްލޯ އަށް ގެންގޮސްގެން 40 މީހުން މިއަށް ވޯޓު ދީގެން އޭނާ ބަހައްޓަން ވިސްނަންވީ އެއްވެސް ސަބަބެއް. ބެހެއްޓިދާނެ. އެކަމަކު މީހެއްގެ އިންޓެގްރިޓީ މިހާ ވަރަށް ކޮމްޕްރޮމައިޒް ކުރެވޭނީ،" މަހުޖޫބު ވިދާޅުވި އެވެ.

ޝަހުމާ އަށް ފަހުމީ ޖިންސީ ގޯނާކުރެއްވިކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަނަށެވެ.

"އަޅުގަނޑުމެން ނުދެކެން މިއީ ސިޔާސީ ގޮތުން ކުޅެން ޖެހޭ ކަމެއް ކަމަކަށް. އަޅުގަނޑުމެން މި ފައިޓް ކުރަނީ އަޅުގަނޑުމެންގެ ހައްގު ހޯދަން. ސެކްޝުއަލް ހެރެސްމަންޓް މާދަމަ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ. އެހެންވީމަ މި ކަމާ ސީރިއަސްވާން އެބަ ޖެހޭ،" ޝުޖާތާ ބުންޏެވެ.

މި މައްސަލާގައި ޝަހުމާ ވަނީ ސީއެސްސީގެ ބައެއް މެމްބަރުންނާ ވެސް ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު ކޮމިޝަން ތެރެއިން ހައްލެއް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ހައްޖަ [ކޮމިޝަންގެ މެމްބަރު] ވިދާޅުވީ މިއީ ތުންތުންމަތިން އިވޭ ވާހަކައެކޭ. ހައްޖަ ވިދާޅުވީ އެކަމަކު ޝަހޫ ކީއްހޭ ކުރާނީ އެއްވެސް ކުއްޖެއް އައިސް ނުބުނެއޭ. ކީއްހޭ ކުރެވޭނީ؟ ދެން ހައްޖަ ވިދާޅުވީ ޔޫ އާ ވެރީ ސްޓްރޯންގްއޭ ފައިޓް ކުރަންޏާ ވިތް ޔޫ އޭ. ދެން ޑރ. ލަތީފު ވިދާޅުވީ އައި އެމް ވެރީ ޝޮކްޑްއޭ. ދުވަހަކު ވެސް އަޑެއް ނާހަމޭ ތި ކަހަލަ ވާހަކައެއް. އިހަކަށް ދުވަހަކު މިތަނުން ހެކިންގެ ގޮތުގައި ކުދިން ގެންދަން ފެށީމައޭ އަޑު އިވުނީ،" ޝަހުމާ ބުންޏެވެ.

އޭނާ ބުނީ މި މައްސަލަ ބަލައި ދިނުމަށް އެދި މިހާރު ހުށަހަޅާފައިވާ އެއްވެސް މުއައްސަސާއަކުން ހައްލެއް ނުފެނިއްޖެ ނަމަ އަމިއްލަ ގޮތުން ކޯޓަށް ވެސް ދާނެ ކަމަށެވެ.

"ޝަހޫމެން ގޭ މީހުންނަކީ އެމްޑީޕީ ބައެއް ވެސް ނޫން. އަޅުގަނޑުމެންނަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫން. އަޅުގަނޑުމެން އައިސްފައި ވަނީ ވަރަށް އާދައިގެ އާއިލާއަކުން. އަޅުގަނޑު ބޭނުންވަނީ އަޅުގަނޑަށް ލިބުނު ގެއްލުމުގެ ބަދަލު،" ޝަހުމާ ބުންޏެވެ.

56 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait