ސިފައިންގެ ހިދުމަތުން އިސްތިއުފާދެއްވަން މިއަދު ހުށަހެޅުއްވީ ސިފައިންގެ ޔުނިފޯމަށްޓަކައި ކުރާ ގަދަރެއްގެ ސަބަބުން ކަމަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހަންމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ ހިދުމަތުގައި 32 އަހަރު ހޭދަކުރެއްވި އިބްރާހިމް ދީދީ ކުއްލި ގޮތަކަށް ސިފައިންގެއިން ވަކިވުމަށް މި ހުށަހެޅުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ދައުވާކުރުމަށް އިއްޔެ ޕީޖީ އޮފީހުން ކޯޓަށް ފޮނުވާފައި ވަނިކޮށެވެ. އިބްރާހިމް ދީދީ އާއި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްތަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކާނަލް މުހަންމަދު ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ވަނީ ކޯޓަށް ފޮނުވައިފަ އެވެ.
މިވަގުތު ސަދަން އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ދީދީ މިރޭ "ހަވީރަ"ށް ވިދާޅުވީ އަބަދުވެސް ސިފައިންގެ ޔުނިފޯމަށް ގަދަރުކުރައްވާ ކަމަށެވެ. އަދި ސިފައިންގެ ޔުނިފޯމްގައި ކޯޓަށް ވަޑައިގެންނެވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ސިފައިންގެ ހިދުމަތުގައި މި ހޭދަކުރި 32 އަހަރު ވެސް އެ ޔުނިފޯމަށް އަޅުގަނޑު ރެސްޕެކްޓް ކުރިން. އަބަދުވެސް ކުރާނަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޯޓަށް އަޅުގަނޑު ދާންވާނީ އެ ޔުނިފޯމް ބާލާފައި. އެ ޔުނިފޯމް ލައިގެން ކޯޓަށް ފޭސްކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން،" އަބްދުﷲ ގާޒީ ހައްޔަރުކުރި އިރު މާލޭ އޭރިއާގެ ކޮމާންޑަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިންގެ ހިދުމަތުގައި ގައުމަށްޓަކައި ކޮށްދެއްވުނު އެންމެ ބޮޑު ކަމަކީ ނޮވެމްބަރު ،3 1988 ގެ އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ ކޮންމެވެސް ދުވަހަކުން ސިފައިންގެ ހިދުމަތުން ދުރަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ގަބޫލުކުރެއްވި ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލުކުރަން މި ސާވިސް އިން ދުރަށް ދާން ޖެހޭ ދުވަސްކަން މިއީ. އެކި މީހުންނަށް އެ ދުވަސް އަންނާނީ އެކި ގޮތަށް،" މިވަގުތު އައްޑޫގައި ހުންނެވި އިބްރާހިމް ދީދީ، ،51 ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އެއްވެސް އެއްޗެއް އޭނާ މީޑިއާގައި ވިދާޅުވާކަށް ބޭނުމެއް ނޫނެވެ.
ސިފައިންގެ ތަރުޖަމާން ކާނަލް އަބްދުއްރަހީމް މިރޭ ވިދާޅުވެފައި ވަނީ "ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ވަކިވުމަށް އިބްރާހިމް ދީދީ ވަނީ ހުށަހަޅުއްވާފައި" ކަމަށާއި އެކަން ކުރިއަށްދާ ކަމަށެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
75 comments