ކުރީގެ ރައީސް މަރުހޫމް އިބްރާހިމް ނާސިރުގެ ތަރިކަ މުދާ ބެހުމަށް އެމަނިކުފާނުގެ ދަރިކަލަކު ސިވިލް ކޯޓަށް ހުށަހަޅުއްވާފައި ވާތީ ނާސިރުގެ އެހެން ދެ ބޭފުޅަކު ކޯޓަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުދަދުވަހު ކުރި އިއުލާނުގައި ބުނެފައި ވަނީ ގ. ސޯސަންއަބީރު އަހްމަދު ނާސިރު ހުށަހަޅުއްވާފައިވާ ތަރިކައިގެ މައްސަލަ ނިންމުމަށްޓަކައި ހ. ވެލާނާގޭ އާއިޝަތު ނާސިރު އާއި އިސްމާއިލް ނާސިރު މި މަހުގެ 22 ވަނަ ދުވަހުގެ 30: 11 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. އަދި މި ތާރީހުގައި އެ ދެ ބޭފުޅުން ހާޒިރުވެވަޑައިނުގެންފި ނަމަ އެ ބޭފުޅުންގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
ނޮވެމްބަރު ،22 2008 ގައި ނާސިރު އަވަހާރަވުމަށް ފަހު، ދޮށީ ދަރިކަލުން މިދިޔަ އަހަރު ކޯޓަށް ހުށަހެޅުއްވި ތަރިކައިގެ މައްސަލާގައި އެދިވަޑައިގެންފައި ވަނީ ނާސިރުގެ ނަންފުޅުގައި ހުރި ނަމަ ހުރި އެއްޗެއް އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން ބަހައިދިނުމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު މައްސަލަ ހުށަހަޅުއްވަމުން އަހްމަދު ނާސިރުގެ ވަކީލް ޏ. އަލީ ޝަރީފް ޝަރީއަތުގައި ވިދާޅުވީ ނާސިރުގެ މައްޗަށް ހައި ކޯޓުން ހުކުމްކުރުމުން ނާސިރުގެ ގޯތިތަކުގެ ތެރެއިން ދައުލަތަށް ނަގާފައި ވަނީ ބައެއް ގޯތިތައް ކަމަށެވެ. އަދި ބައެއް ގޯތިތައް ނެގުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި އޭގެ ތެރެއިން ބައެއް ތަންތަން އަދިވެސް ހުރީ ނާސިރުގެ ނަންފުޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނާސިރުގެ ނަންފުޅުގައި ހުރި ގޯތިތަކަކީ، ވަކީލު ވިދާޅުވި ގޮތުގައި، މެދުޒިޔާރަތް މަގުގައި އޮތް ހަ ނަންބަރު ގޯއްޗާއި އަށް ނަންބަރު ގޯއްޗާއި އެ ގޯތިތަކުގައިވާ އެންމެހައި އިމާރާތްތަކާއި ނޫރާނީ ގޯޅީގައި ހުރި ކްރެސަންޓް ގުދަނާއި އިމާރާތާއި ތަކެއްޗެވެ.
ވަކީލު ވިދާޅުވީ ނާސިރުގެ ޕެންޝަންގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ގެ އެކައުންޓެއްގައި 21،312.39 1،9ރ. ހުރި ކަމަށެވެ. އަދި ނާސިރުގެ ބައެއް ގޯތިތައް ދައުލަތަށް ނެގުމަށް ފަހު ބައެއް ގޯތިތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށާއި އެ ފައިސާ ޖަމާކޮށްފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ނާސިރުގެ ނަންފުޅުގައި ހުޅުވާފައިވާ 256 ނަންބަރު އެކައުންޓަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް އެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާސިރުގެ ބިމާއި މުދާ ނެގުމަށް ހައި ކޯޓުން މީގެ 25 އަހަރު ކުރިން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ ދައުލަތުގެ ފައިސާ އަށް ނާސިރު ހިޔާނާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައުލަތަށް ހަވާލު ކުރުމަށް ވެސް ނާސިރުގެ މައްޗަށް ހައި ކޯޓުން އެއިރު ހުކުމްކުރި އެވެ.
ހައި ކޯޓުގެ އެ ހުކުމުގައި ވަނީ ނާސިރު ހިޔާނާތްވި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ނުދައްކަވައިފި ނަމަ ރައީސް ނާސިރުގެ ތަންތަނާއި ތަކެތީގެ ތެރެއިން ދައުލަތަށް ބޭނުންވާ ތަކެތި ވިއްކާލުމުގެ ހުއްދަ ދައުލަތަށް ދީފަ އެވެ. އަދި ބޭންކުތަކާއި މަނިޓަރީ އޮތޯރިޓީގައި ހުރި ނާސިރުގެ އެކައުންޓްތަކުގައި ހުރި ފައިސާ ވެސް ނަގައި ދަރަނި ހަމަޖެއްސުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާތީ ޖުމްލަ 25 އަހަރަށް ރައީސް ނާސިރު އަރުވާލުމަށް ވެސް ހައި ކޯޓުން ހުކުމްކުރި އެވެ. އެކަމަކު ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލް މުނާސަބަތުގައި 1990 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން ވަނީ އެ ހުކުމް މައާފުކޮށްދެއްވައިފަ އެވެ.
ރާއްޖޭގެ ރައީސް ކަމުގައި 10 އަހަރު ހޭދަކުރެއްވުމަށް ފަހު ޑިސެމްބަރު ،7 1978 ގައި ނާސިރު ރާއްޖެ ދޫކުރައްވާ ސިންގަޕޫރަށް ވަޑައިގެންނެވީ މައުމޫން ރައީސް ކަމާ ހަވާލުވެވަޑައިގެންނެވިތާ މަހެއް ވެސް ނުވަނީހެވެ. އޭގެ ފަހުން ނާސިރު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމި މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވިތާ ދެ ހަފުތާގެ ތެރޭގައި ސިންގަޕޫރުގައި އަވަހާރަވުމުން ނާސިރުގެ ހަށިކޮޅު ރާއްޖެ ގެނެސް ހުކުރު މިސްކިތު ގޯތިތެރޭގައި ވަނީ، ގައުމީ އިއްޒަތުގައި، ފަސްދާނުލާފަ އެވެ.

3 comments