މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި މައްސަލަ ނުނިމި ލަސްވަނީ އެ މައްސަލާގައި އިތުރު ކަންތައްތަކެއް ސާފުނުވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ނަޖީބު މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ ށ. ގޮއިދޫ، ރިހާބް، ފާތިމަތު ހަނާ އާއި މ، މަސްރޫރާ، އަހުމަދު މުއްރަތުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ''ގަސްދުގައި މީހަކު މަރާލުމުގެ'' ކުށުގެ ދައުވާ އެވެ.
އެ ދެ މީހުންވެސް ވަނީ ނަޖީބު މަރާލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެ އެކަން ކުރި ގޮތް ކިޔައިދީފަ އެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލާފަ އެވެ. އަދި މި ހަފުތާ ތެރޭގައި ހުކުމްކުރާނެ ކަމަށް ވެސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވެ އެވެ. ނަމަވެސް ހުކުމް އިއްވާނެ ސީދާ ތާރީހެއް އެދުވަހު ގާޒީ ވިދާޅެއްނުވެ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ ނުނިމި ލަސްވަނީ އިތުރަށް ސާފުކުރަންޖެހޭ ބައެއް ކަންކަން ސާފުނުވާތީ ކަމަށެވެ. އަދި މި ހަފުތާ ތެރޭގައި އެ މައްސަލަ ނިންމޭތޯ މަސައްކަތްކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލާގައި ފުރަތަމަ ނިންމާފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހު ހުކުމް އިއްވާ ގޮތަށެވެ. ނަމަވެސް ފަހުން ކޯޓުން ބުނެފައިވަނީ ނަޖީބުގެ ވާރިސުންގެ ތެރެއިން ރާއްޖެ އިން ބޭރުގައި ހުރި ވާރިސުގެ ސޮއިކުރެވިފައިވާ ބަޔާން ކޯޓަށް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ ހުކުމް އެ ދުވަހު ނުއިއްވާނެ ކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ.
ކޯޓުން ވަނީ ނަޖީބުގެ ހުރިހާ ވާރިސުންގެ ބަޔާންތައް ނަގާ ނިންމާފަ އެވެ. ހުރިހާ ވާރިސުން ވެސް ބުނެފައިވަނީ ގާތިލުންގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.
ނަޖީބު މަރާލާފައި އޮއްވާ ފެނިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު މ. މަސްރޫރާ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިންނެވެ.

އެމްޑީޕީގެ މުޒާހަރާ
10 comments