ޖިންސީ ގޯނާކުރުން

ޖިންސީ ގޯނާގެ ވާހަކަތަކާއެކު ކައުންސެލިން ހޯދާ މީހުން އިތުރުވެއްޖެ

ހުސައިން ފިޔާޒު މޫސާ
19 ޖުލައި 2012 13:27 2 ކޮމެންޓު
  • ޖިންސީ ގޯނާއާ ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ވެލާނާގޭ ކުރިމަތީގައި މުޒާހަރާކުރަނީ. -- ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

މަސައްކަތު މާހައުލުގައި ކުރާ ޖިންސީ ގޯނާގެ ވާހަކަތައް މީޑިއާއިން ގެނެސްދޭން ފެށުމާއެކު، ކައުންސެލިން ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމުގައި، މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވެއްޖެ އެވެ.

ޑރ. ނާޒް ވިދާޅުވީ ޖިންސީ ގޯނާއާ ދެކޮޅަށް "ހަވީރު" ނޫހުގައި ދާދި ފަހުން ލިޔަން ފެށި ފަހުންނާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީގެ މައްޗަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވި ފަހުން، އެފަދަ ގޯނާތައް ލިބިފައިވާ މީހުން ވާހަކަ ދައްކަން ފަށާފައިވާ ކަމަށެވެ.

"މިކަމުން އެނގޭ މީހުންގެ ހޭލުންތެރިކަން ކުޑަކަން. ނުވަތަ އެފަދަ ކަންކަން ރިޕޯޓްކުރަން ޖެހިލުންވާކަން. ޖިންސީ ގޯނާގެ މައްސަލަތައް، ރިޕޯޓްކުރެވޭ މިންވަރަށް ވުރެ ބޮޑަށް އޮތް. އެކަންކަން ހުއްޓުވޭނީ ހޭލުންތެރިކަން އިތުރުކޮށްގެން،" ޑރ. ނާޒު ވިދާޅުވި އެވެ.

"ޖިންސީ ގޯނާއަކީ އެއްވެސް ގޮތަކަށް ކެތްނުކުރެވޭނެ ކަމެއްގެ ގޮތުގައި ސިވިލް ސާވިސްއިން އަދި އަމިއްލަ ކުންފުނިތަކުން ވެސް ދެކެންވީ. އޭރުން މައްސަލަ ހައްލުކުރެވިދާނެ.".

ޖިންސީ ގޯނާ ލިބިފައިވާ ބައެއް މީހުންނަށް ނަފުސާނީ ގޮތުން ވަރަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ޑރ. ނާޒު ވިދާޅުވި އެވެ. އެފަދަ މީހުންގެ ވާހަކަތައް އަޑު އަހާނެ އަދި އެފަދަ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ވެސް ގާއިމުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޑރ. ނާޒު ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރުމަށް ފަހު އެ މައްސަލަތައް ކުރިއަށް ގެންދެވޭނެ އުސޫލު ލިޔެފައި އޮތުން، މައްސަލަ ހުށަހަޅާ ފަރާތާއި ތުހުމަތުކުރެވޭ ފަރާތުގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ކަމެކެވެ. އަދި ރިޕޯޓްކުރާ ކޮންމެ މައްސަލައެއް މީޑިއާ އަށް ހާމަކުރުމުގެ ކުރިން އެ ތުހުމަތު ރަނގަޅަށް ބެލުމަކީ މުހިންމު ކަމެއް ކަމަށް ޑރ. ނާޒު ވިދާޅުވި އެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait