ކްރިމިނަލް ކޯޓް

ނަޖީބުގެ ގާތިލުން މަރަން ހުކުމްކޮށްފި

މުއިއްޒު އިބްރާހިމް
19 ޖުލައި 2012 13:45 118 ކޮމެންޓު
  • ނަޖީބު މަރާލިކަމުގެ ކުށް މުއްރަތާއި ހަނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރުމުން އެ ދެ މީހުން ކޯޓުން ނެރެގެން ފުލުހުން ގެންދަނީ.--ހަވީރު ފޮޓޯ: އިބްރާހީމް ފާއިދު

ގާނޫނީ ވަކީލު އަހުމަދު ނަޖީބު އަވަހާރަކޮށްލިކަން ސާބިތުވެ، އަހުމަދު މުއްރަތާއި ފާތުމަތު ހަނާގެ މައްޗަށް ބުރާސްފަތި ދުވަހު މަރުގެ ހުކުމް އިއްވައިފި އެވެ.
 
ނަޖީބު މަރާލި މައްސަލާގައި ''ގަސްދުގައި މީހަކު މަރާލުމުގެ'' ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާ ށ. ގޮއިދޫ ރިހާބް ފާތިމަތު ހަނާ އާއި މ. މަސްރޫރާ އަހުމަދު މުއްރަތު ވަނީ ނަޖީބު އަވަހާރަކޮށްލި ކަމަށް އިއުތިރާފްވެ އެކަންކުރި ގޮތް ޝަރީއަތުގައި ކިޔައިދީފަ އެވެ.

އެ މައްސަލާގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރު އަބްދުލްއަޒީޒް ވިދާޅުވީ ނަޖީބު އަވަހާރަކޮށްލި ކަމަށް އެ ދެ މީހުން ވެސް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފްވެފައިވާ ކަމަށެވެ. އަދި މުއްރަތު ކުރި އަމަލާއި ނުކުމެފައިވާ ނަތީޖާ ސަބަބުގެ ގޮތުން ގުޅިފައިވުމުންނާއި ނަޖީބަށް ހަމަލާދިނުމަށް މުއްރަތު ބޭނުންކޮށްފައިވާ ހަތިޔާރުން އެ ކުށުގެ މައުނަވީ ރުކުން ފުރިހަމަވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އިތުރަށް ވިދާޅުވީ ނަޖީބު އަވަހާރަކޮށްލުމުގައި އަމަލީގޮތުން ހަނާ ބައިވެރިވެފައި ނުވިޔަސް ނަޖީބު ބަނުމުގައި ހަނާ ބައިވެރިވިކަމަށް ހަނާ އިއުތިރާފްވެފައިވާ ކަމަށެވެ. އަދި ނަޖީބު އަވަހާރަކޮށްލަން ރާވައި ވަޅިއެއް ހިފައިގެން އެކޮޓަރިއަށް މުއްރަތު ދިޔަކަން އެނގިހުރެ ނަޖީބު ބަނުމުގައި ހަނާ އެހީތެރިވެދީފައިވާތީ އާއި އެވަޅިން ނަޖީބަށް ހަމަލާދިނުމުގެ ސަބަބުން ނަޖީބު އަވަހާރަވެފައި ވާތީ ހަނާ ކުރިކަމަކީ ގަސްދުގައި މީހަކު މަރާލުމުގައި އެހީތެރިވެދިނުން ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ ނަޖީބުގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާއަށް އެއްވެސް ކަމެއް ކުރެއްވިފައި ނުވަނީ އޭނާ ބަނުމުގެ ސަބަބުން ކަމަށާއި އެހެންކަމުން އެ މަރުގެ ޒިންމާ ހަނާ ނަގަންޖެހޭނެ ކަމަށެވެ.

ގާޒީ އިތުރަށް ވިދާޅުވީ ނަޖީބަށް ވަޅިން ހަމަލާދިނީ މަސްތުވެގެންހުރެ ކަމަށް މުއްރަތު ބުނެފައިވިޔަސް އެއީ މަސްތުވާއެއްޗެއްކަން އެނގިހުރެ އަމިއްލަ އިހްތިޔާރުގައި މަސްތުވެފައިވާތީ އޭގެ ނުފޫޒުގައި ކޮށްފައިވާ ކުށުގެ ފުރިހަމަ ޒިންމާ މުއްރަތު ނަގަންޖެހޭނެ ކަމަށެވެ.

މީގެ އިތުރަށް ގާޒީ ވިދާޅުވީ އެ ދެ މީހުން ވެފައިވާ އިއުތިރާފަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ބުއްދި ސަލާމަތުން ތިބެ ވެފައިވާ އިއުތިރާފެއްކަމަށް އެ ދެ މީހުންވެސް ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން ގާތިލުންގެ ކިބައިން ހުރިހާ ވާރިސުން ގިސާސް ހިފަން ބޭނުންވާ ނަމަ ގާތިލުގެ ކިބައިން ގިސާސް ހިފޭނެ ކަމަށާއި ގިސާސް ހިފުމުގެ ބަދަލުގައި ތައުޒީރީ އަދަބެއް ދިނުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެއްވެސް މީހެއްގެ ފުރާނަ ހިފޭނީ ޝަރުއީ ހަމަތަކުގެ މަތިން އެ މީހެއްގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މިއީ މުއްރަތުގެ މައްޗަށް ކުށެއް ސާބިތުވާ 15 ވަނަ ފަހަރު ކަމަށާއި ހަނާގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ މި ދެ މީހުންގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ނަޖީބުގެ ވާރިސުންގެ ތެރެއިން ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުމަށް ބުނެފައިވާތީ ޝަރުއީ ހަމަތަކުގެ މަތިން މުއްރަތާއި ހަނާގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑައަޅާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް މަރުގެ ހުކުމާ ބެހޭ ގޮތުން ގުރުއާނާއި ބައެއް ހަދީސްތަކާއި އޭގެ މާނަ ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. އާ ހަވާލާދީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މުއްރަތާއި ހަނާ މެރުމަށް ހުކުމް ކުރައްވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

''އަހުމަދު ނަޖީބުގެ ވާރުތަވެރިން ނަޖީބުގެ މަރުގެ ބަދަލުގައި މުއްރަތާއި ހަނާގެ ކިބައިން ބޭނުންވަނީ މަރަށް މަރު ކަމަށް ބުނެފައިވާތީ، ޝަރުއީ ހަމަތަކުގެ މަތިން މުއްރަތާއި ހަނާގެ ލޭގެ ހުރުމަތް ކެނޑިއްޖެ ކަމަށް ކަނޑައަޅާ، މުއްރަތާއި ހަނާގެ މައްޗަށް ސާބިތުވި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ރ. އާއި ހަވާލާދީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މުއްރަތާއި ހަނާއާ ދެ މީހުން މެރުމަށް ހުކުމްކޮށްފީމެވެ.'' ގާޒީ ވިދާޅުވި އެވެ.

ޝަރީއަތުގައި ގާޒީ ހުކުމް އިއްވަވަމުން ދިޔައިރު މުއްރަތުގެ މޫނު މަތިން އެއްވެސް ހާސްކަމެއް ފެންނަން ނެތެވެ. އެހެން ނަމަވެސް ހުކުމް އިއްވާ ނިމުނުއިރު ހަނާގެ މޫނު މަތިން ކޮންމެވެސް ވަރަކަށް ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ. އެހެން ޝަރީއަތްތަކަށް ނަޖީބުގެ އާއިލާ އިން ހާޒިރު ވިޔަސް މިއަދު އެ މީހުން ހާޒިރެއް ނުވެ އެވެ.

ނަޖީބުގެ ހުރިހާ ވާރިސުންވެސް ބުނެފައި ވަނީ ނަޖީބުގެ މަރުގެ ބަދަލުގައި ބޭނުންވަނީ މަރު ހިފަން ކަމަށެވެ. އަދި މުއްރަތާއި ހަނާ ރައްޔިތުންގެ ކުރިމަތީގައި ގަތުލުކޮށްދިނުމަށް ވެސް އެ މައްސަލާގެ އަޑުއެހުމެއްގައި ނަޖީބުގެ ވާރިސުންގެ ތެރެއިން، ލަންކާގައި ހުރި ދަރިއަކު ގާޒީގެ ކިބައިން އެދިފައިވެ އެވެ.

ދައުލަތުން މުއްރަތާއި ހަނާގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ އެ ދެ މީހުންގެ ދައުވަތަކަށް އެ ދެ މީހުން ދިރިއުޅޭ މަސްރޫރާގެއަށް ނަޖީބު ވަޑައިގެން ކަމަށެވެ. އަދި އޭނާ ވަޑައިގަތުމުން ގޮނޑިއެއްގައި ބެއިންދުމަށްފަހު ނަޖީބުގެ އަތާއި ފައިގައި ޓޭޕް އަޅާ ބަނދެފައިވާ ކަމަށާއި ނަޖީބުގެ ލޯ މަތީގަޔާއި އަނގަމަތީގައިވެސް ޓޭޕް އެޅި ކަމަށް ބުނެފައިވެ އެވެ. އަދި ނަޖީބު އަޑުގަދަކުރަން ފެށުމުން މުއްރަތު އައިސް ނަޖީބުގެ ކަރަށް ވަޅި ހަރާ މަރާލީ ކަމަށް ދައުވާގައި ބުނެ އެވެ.

ނަޖީބު އަވަހާރަކޮށްލި ގޮތް ކިޔައިދެމުން އެ ދެ މީހުންވެސް ބުނެފައިވަނީ ނަޖީބު އަވަހާރަކޮށްލާފައި ވަނީ އެމީހުންގެ ދައުވަތަކަށް، އެ ދެ މީހުން ދިރިއުޅޭ މަސްރޫރާގެއަށް ނަޖީބު އައިސް ހަނާއާ ''އެހެންކަހަލަ ގުޅުންތަކެއް'' ބާއްވަން އުޅޭތީ އެކަމާ ރުޅިއައިސްގެން ގޮނޑިއެއްގައި ބަނުމަށްފަހު ކަމަށެވެ. އެހެން ނަމަވެސް ނަޖީބު އަވަހާރަކޮށްލީ މުއްރަތުކަން އެ ދެ މީހުންގެ ވާހަކަތަކުން ވެސް އެނގެން އޮވެ އެވެ.
މުއްރަތު ބުނެފައިވަނީ ނަޖީބު އަވަހާރަކޮށްލީ އޭނާ އަޑުގަދަކުރަންވަން ފެއްޓެވުމުން އެކަމާ ރުޅިއައިސްގެން ކަމަށާއި އޭރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މަސްތުވާތަކެތި އޭނާ ބޭނުންކޮށްފައި ވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ހަނާ ބުނެފައިވަނީ ނަޖީބު އަވަހަރާކޮށްލުމުގައި އޭނާގެ ރޯލަކީ ހަމައެކަނި ނަޖީބު ބަނުމުގައި އެހީތެރިވެދިނުން ކަމަށާއި އަދި ނަޖީބު އަވަހާރަކޮށްލާފައ ވަނީ އޭނާ ރާ ބޮއެގެން ނިދާފައި އޮއްވާ ކަމަށެވެ.

އެހެން ނަމަވެސް މުއްރަތު ބުނެފައިވަނީ ނަޖީބު އަވަހާރަކޮށްލުމުގައި އަދި ގޮނޑީގައި ބަނުމުގައިވެސް ހަނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އެ ހުރިހާކަމެއް ކުރީ އޭނާ އަމިއްލައަށް ކަމަށެވެ. އެހެން ނަމަވެސް ނަޖީބު އަވަހާރަވިކަން ހަނާއަށް އެނގޭނެ ކަމަށް މުއްރަތު ބުނެފައިވެ އެވެ.
ނަޖީބު އަވަހާރަކޮށްލުމުގެ ކުރިން އޭނާގެ ކޭޝް ކާޑާއި ޕިން ނަމްބަރު އަތުލި ކަމަށާއި އެއިން ދެ ފަހަރެއްގެ މަތިން 4،000ރ. ނެގި ކަމަށް މުއްރަތު ބުނެފައިވެ އެވެ. އަދި އެ ފައިސާއިން މަސްތުވާތަކެއްޗާއި ސިގިރެޓް ގަތް ކަމަށާއި އަދި ނަޖީބު އަވަހާރަކޮށްލުމަށް ފަހު އޭނާގެ ހަށިގަނޑު ލުމަށް ޑަސްބިނެއް ގަތީ ވެސް އެ ފައިސާއިން ކަމަށް މުއްރަތު ބުނެފައިވެ އެވެ.

މުއްރަތާއި ހަނާގެ ވާހަކަތަކުން ވެސް އެނގޭގޮތުގައި ނަޖީބު މަސްރޫރާގެއަށް އައިސްފައި ވަނީ އެ ގެ ބެހުމުގެ މައްސަލައަކާއި މުއްރަތުގެ މަންމަގެ އެކައުންޓުން ފައިސާތަކެއް މަދުވި މައްސަލައެއް ކޯޓަށް ހުށަހަޅަން މަޝްވަރާކުރަން ކަމަށެވެ.

ހަނާއާ މުއްރަތުގެ ދައުވާއަށް އިއުތިރާފްވިޔަސް ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ.

ނަޖީބުގެ މަރުގެ މައްސަލާގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވިތާ ހަ ގަޑިއިރު ނުވަނީސް ވަނީ އެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާ އެ ދުވަހު ޝަރީއަތް ފަށާފަ އެވެ. ނަޖީބު އަވަހާރަކޮށްލި މައްސަލާގައި ޝަރުއީ ދާއިރާއިން ވަނީ ސުކޫތެއް ވެސް ގެނެސްފަ އެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމާ އެކަންކުރި މީހުންނަށް ހައްގު އަދަބު ދިނުމަށް ބަންޑާރަ ނައިބުގެ އޮފީހުންނާއި ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ގޮވާލާފައިވެ އެވެ.

ނަޖީބުގެ ހަށިގަނޑު ފެނިފައިވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގައި މަސްރޫރާގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ޑަސްބިނެއްގެ ތެރެއިން ނެވެ.

118 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait