އުސްފަސްގަނޑުގައި އަމިއްލަ އެއްވެސް ފަރާތެއްގެ މުދަލެއް ނުވަތަ އެއްޗެއް ހުރި ނަމަ އަންނަ ހޯމަ ދުވަހުން ފެށިގެން ހަތް ދުވަސްތެރޭ އެ އެއްޗެއް ނަގައި އެ ތަން ހުސްކުރަންޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން މިދޔަ މަހު
ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމަށް އިތުރު ތިން މަސް ދުވަހަށް އުސްފަސްގަނޑު ދީފަ އެވެ. ކައުންސިލުން އުސްފަސްގަނޑު އެމްޑީޕީ އަށް ދީފައިވާ މުއްދަތު ދެން ހަމަވާނީ ސެޕްޓެމްބަރު މަހު އެވެ.
ހައުސިން މިނިސްޓްރީން މިއަދު ހަވީރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުސްފަސްގަނޑު ހުސްކުރަނީ އެ ސަރަހައްދު ތަރައްގީކުރުމުގެ ބޭނުމުގައި ކަމަށެވެ. އުސްފަސްގަނޑު ހުސްކުރުމަށް ދީފައިވާ މުއްދަތު ހަމަވުމުން ބަޔަކާ ހަވާލުކޮށްގެން އެ ސަރަހައްދު ސާފުކުރާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ ސާފުކުރުމުގެ މަސައްކަތް ފެށުމަށް ފަހު އެ ސަރަހައްދުގައި ހުރި އެއްވެސް އެއްޗެއްކަށް ވާ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށެވެ.
އުސްފަސްގަނޑު ހުސްކުރުމާ ބެހޭ ގޮތުން އަންނަ ހޯމަދުވަހު ގެޒެޓްގައި އިއުލާނެއް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެމްޑީޕީ އަށް އުސްފަސްގަނޑު ދީފައިވަނީ މާލޭގައި ބިންތައް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވާއިރު، އެ މައްސަލައިގައި އެ މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވަނީ ދެބަސްވުން އުފެދިފަ އެވެ.
އުސްފަސްގަނޑުގައި ޖިނާއީ ކުށްތައް ކުރާ ކަމަށް ތުހުމަތުކޮށް ފުލުހުން އެތަން ބަލައި ސާފުކުރުމަށް ފަހު، އެތަން ރޫޅާލުމަށް މިދިޔަ މެއި މަހުގެ 29 ގައި އުޅުނެވެ. އެކަމަކު އެ މައްސަލަ އެމްޑީޕީން ހުށަހެޅުމުން އުސްފަސްގަނޑު ރޫޅާލުން ހުއްޓާލުމަށް ސިވިލް ކޯޓުން އަމުރުކުރި އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
25 comments