ރާއްޖެ-އިންޑިއާ

ހަމަނުޖެހުން އުފެދޭ ކަންތައް ނުކުރުމަށް އިންޑިއާ އިން ސިޔާސީ ޕާޓީތަކަށް ގޮވާލައިފި

21 ޖުލައި 2012 23:12 11 ކޮމެންޓު
  • ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު، އިންޑިއާ ހައި ކޮމިޝަނަރު މުލޭއާ ބައްދަލުކުރައްވަނީ: ރާއްޖޭގައި ހަމަނުޖެހުން އުފެދޭ ކަންތައް އެއްވެސް ފަރާތަކުން ނުކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ގޮވާލާފައި. --ފޮޓޯ: ޕޮލިސް

ރާއްޖޭގެ އަމާންކަން ގެއްލި ހަމަނުޖެހުން އުފެދޭނެ ކަންތައް ނުކުރުމަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އިންޑިއާ އިން ގޮވާލައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ހަވާލާދީ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އިން ބުނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ހައްލުކުރުމަށް އެހީތެރިކަން އިންޑިއާ އިން ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ދޭން އޮތީ ތައްޔާރަށް ކަމަށެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހް ހޫނުވަމުން އަންނާތީ އިންޑިއާ އިން ކަންބޮޑުވޭ. އިންޑިއާ ސަރުކާރުން ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީތަކަށް ގޮވާލަނީ ރާއްޖޭގެ އަމާންކަން ގެއްލި ހަމަނުޖެހުން އުފެދިދާނެ ކަންކަމުން ދުރުވެ ތިބުމަށް،" އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

ތަރުޖަމާނު ވިދާޅުވެފައި ވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ އެކު، ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.   

އިންޑިއާ އިން މި މޭރުމުން ވާހަކަ ދައްކާފައި ވާއިރު ޔޫރަޕްގެ އިއްތިހާދުން ވެސް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އީޔޫއިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި، އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ކެތަރިން އެޝްޓަން ވިދާޅުވީ "ދިގުދެމިގެންދާ ސިޔާސީ ހަމަނުޖެހުމާއި ސަލާމަތީ ބާރުތަކުން އަމަލުކުރާ ހަރުކަށި ގޮތުން އަދި ސިޔާސީ ލީޑަރުންނާ ދެކޮޅަށް ދައުވާ އުފުލުމުން ސިޔާސީ ކަންކަން ގޯސްވާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ" ކަމަށެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait