ކ. ކާށިދޫގައި ޑިއުޓީ އަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ރޭ މަރާލި ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް، 26، ގެ ހަށިގަނޑު މާލެ ގެނެސް އިސްލާމީ މަރުކަޒުގައި ކަށުނަމާދުކުރުމަށް ފަހު ރަސްމީ އިއްޒަތުގައި އޭނާގެ ޖަނާޒާ ބާއްވައި ގަލޮޅު ސަހަރާގައި ވަޅުލައިފި. އޭނާގެ އާއިލާ ވެސް މިއަދު ވަނީ މާލެ އައިސްފައި. އާދަމް މަރުވި އިރު މައިންބަފައިންގެ އިތުރުން އަތްބަކާއި ދަރިއަކު އެބަތިބި.
23-07-2012 16:36
ތިން ބަޑީގެ ސަލާމަކަށް ފަހު އާދަމް ވަޅުލައިފި
23-07-2012 16:24
އާދަމްގެ ހަށިގަނޑު ސަހަރާ އަށް ވައްދައިފި. ސަންދޯއް އުފުލީ ނުވަ ފުލުހުންގެ ކޮނޑުމަތީގައި. ސަންދޯއް މަތީގައި ގައުމީ ދިދަ ވަނީ އަޅާފައި.
23-07-2012 16:19
އާދަމްގެ ހަށިގަނޑު ގަލޮޅު ސަހަރާ އަށް ގެންދަންވާ އިރަށް ސަރުކާރުގެ އިސް ވެރިންނާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި ވަރަށް ގިނަ އަދަދެއްގެ ފުލުހުންނާއި އާއްމުން ވެސް އެ ތަނަށް ޖަމާވެފައި. މަގުމަތި ވެސް އޮތީ ފުރިފައި.
23-07-2012 16:04
އާދަމްގެ ސަންދޯއް ސަހަރާ އަށް ގެންދަނީ. އޭނާ ވަޅުލުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައި ރަސްމީ އިއްޒަތުގައި.
23-07-2012 16:02
އާދަމްގެ މައްޗަށް ކަށު ނަމާދުކޮށްފި. މުޅި މިސްކިތާއި ގޯތި ތެރެ އޮތީ ފުރިފައި. އިމާމްވެ ކަށު ނަމާދު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޝެއިޚް މުހައްމަދު ޝަހީމް.
23-07-2012 15:49
އާދަމްގެ ހަށިގަނޑު މިއަދު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިއުން.
23-07-2012 15:15
ރައީސް ނަޝީދުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ރައީސް މައުމޫން ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު އާދަމް ޒާހިރު ވެސް އިސްލާމީ މަރުކަޒުގައި.
23-07-2012 15:14
މޫނު ބަލަން ދިޔަ ޒުވާން އަންހެނަކު ހޭނެތިގެން އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންގޮސްފި.
23-07-2012 14:52
ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް އާދަމްގެ މޫނު ބެއްލެވުމަށް ވަޑައިގެންފި.
23-07-2012 14:03
އާދަމްގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި ފަށައިފި. ސަރުކާރުގެ އިސް ވެރިންނާއި ޕޮލިސް ކޮމިޝަނަރާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާއްމުން ވެސް ކިއޫގައި އެބަތިބި. އިސްލާމީ މަރުކަޒުން ފެށިގެން ޖުމްހޫރީ މައިދީން ކައިރިން ގޮސް ސިފައިންގެ ކަންމައްޗާ ހަމައަށް މީހުން ވަނީ ޖަމާވެފައި.
23-07-2012 12:21
އާދަމް ހަލީމްގެ މޫނު ދެއްކުން މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށާއި ރަސްމީ އިއްޒަތުގައި އޭނާ ވަޅުލާނީ ގަލޮޅު ސަހަރާގައި ކަމަށް ފުލުހުން ބުނެފި.
23-07-2012 11:12
އާދަމްގެ ހަށިގަނޑު މާލެ ގެނައި އިރު ރައީސް ވަހީދާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ސަރުކާރުގެ އެހެން އިސް ވެސް ފާލަން ދޮށުގައި ތިއްބެވި. އަދި ފުލުހުންގެ އިސް ވެރިން ވެސް ތިއްބެވި. އާދަމްގެ އާއިލާގެ މުސްކުޅި ފިރިހެނަކު ލޯންޗުން ފޭބި ގޮތަށް ރައީސް ވަހީދުގެ ހަށިކޮޅުގައި ބައްދައިގެން ވަރަށް ބޮޑަށް ރުއި. އާދަމްގެ އަންހެނުންނާއި ތިން މަހުގެ ދަރިފުޅު ވެސް ވަނީ މާލެ އައިސްފައި.
23-07-2012 10:51
ފުލުސް މީހާގެ ހަށިގަނޑު މާލެ ގެނެސްފި. އޭނާގެ އާއިލާގެ ބައެއް މީހުން ވެސް އައި.
23-07-2012 09:36
ޔުނީފޯމުގައި ރަސްމީ ޑިއުޓީގައި އުޅެނިކޮށް ތޫނު އެއްޗަކުން މަރާލި އާދަމްގެ ހަށިގަނޑު މާލެ ގެނެސް ތަހުގީގު ކުރުމަށްފަހު އޭނާގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ ރަސްމީ އިއްޒަތުގައި މާލޭގައި ކަމަށް ފުލުސް އޮފީހުން ބުނެފި
އޭނާގެ މަރު ތަހުގީގު ކުރުމަށްޓަކައި ހަށިގަނޑު އިތުރަށް ބަލަން ބޭނުންވާތީ މާލެ ގެނައުމަށް ކަމާބެހޭ ފަރާތްތަކުން އެދުމުން އޭނާގެ އާއިލާ އިން ވެސް އެކަން ގަބޫލުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ. އޭނާ މާލެ ގެނެސްފައި ވަނީ ކާށިދޫގައި ތިބި މޫނު ދެކެން ބޭނުންވާ ހުރިހާ ފަރާތްތަކަށް މޫނު ދެއްކުމަށް ފަހު.
23-07-2012 09:19
ކާށިދޫގައި މަރާލި ފުލުސްމީހާގެ ހަށިގަނޑު މާލެ ގެނައުމަށް ކާށިދޫން ފުރައިފި ކަމަށް ފުލުހުން ބުނެފި. ފުލުހުން ބުނީ 10 ޖަހާކަންހާއިރު މާލެ ގެނެވޭނެ ކަމަށް
23-07-2012 02:29
އާދަމް ހަލީމްގެ މަރުގެ ހިތާމައިގައި މާދަމާ ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރަން ރައީސް ވަހީދު ނިންމަވައިފި. އަދި ފުލުހުންގެ ދިދަ ތިން ދުވަސް ވަންދެން ބައިދަނޑި އަށް ތިރިކުރަން ޕޮލިސް ކޮމިޝަނަރު ނިންމަވައިފި.
23-07-2012 02:20
މާޖިދު ވިދާޅުވިގޮތުގައި އާދަމް ހަލީމްގެ ގައިގައި ފުންކޮށް ހުރި ޒަޚަމް ހުރީ ނުވަ އިންޗި ދިގަށް ކަފާލާފައި. އަދި މަސްގަނޑު ހުރީ ފަސް އިންޗިއަށް ފޭވެފައި.
23-07-2012 02:19
ކައުންސިލަރު މާޖިދު ސުލައިމާން ވިދާޅުވީ އާދަމް ހަލީމް އަށް ހަމަލާދިނީ އޭނާ ޔުނިފޯމްގައި ހުއްޓާ ކަމަށާއި ހަމަލާދިނީ ކައުންސިލް ފުރަގަހުގައި އޮންނަ އަނދިރި ގޯޅިގަނޑެއްގެ ތެރޭގައި ކަމަށް. އެ މަންޒަރު އަންހެންކުއްޖަކަށް ފެނިގެން އޭނާ ހަޅޭއްލަވައިގަތުމުން މީހުން އެއްވެ، ފުލުސް މީހާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު އޭނާ މަރުވީ ޒަޚަމް ފަހަން އުޅެނިކޮށް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި.
23-07-2012 02:18
އާދަމް ހަލީމްގެ މަންމަ ހާލު ދެރަވެގެން ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފި. އާދަމް ހަލީމްގެ ބައްޕަ އަހުމަދު ހަލީމް ބުނީ ހަމަލާއާ ބެހޭގޮތުން މާ ބޮޑު އެއްޗެއް އެނގިފައިނުވާ ކަމަށް.
23-07-2012 02:16
ކާށިދޫ ކައުންސިލަރެއް ކަމަށްވާ މާޖިދު ސުލައިމާން ވިދާޅުވިގޮތުގައި މި މައްސަލާގައި ފުލުހުން ވަނީ އެ ރަށު ސަމާހު ކިޔާ މީހަކު ހައްޔަރުކޮށްފައި. ސަމާހު އަކީ ކުށުގެ ގިނަ ރެކޯޑްތަކެއް އޮންނަ، އަދި އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބަންދުން ގޭ ބަންދަށް ދޫކޮށްލީ މިއަދު ކަމަށް ވެސް މާޖިދު ވިދާޅުވި.
23-07-2012 02:11
ފުލުހުންގެ ނޫސް ބަޔާން: ޑިއުޓީއަށް ދިއުމަށްޓަކައި ފުލުހުންގެ
ޔުނީފޯމްގައި މަގުމަތީ ހިނގާފައި ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ރަހުމް
ކުޑަ ގޮތަކަށް ހަމަލާދީ މަރާލައިފިއެވެ. މިރޭ 12:00 ހާއިރު ކ. ކާށިދޫގައި
ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް (ސ. ނަމްބަރު 2290) އެވެ.
ޢުމުރުން 26 އަހަރުގެ އާދަމް ހަލީމަކީ ކ.
ކާށިދޫއަށް އުފަން ރައްޔިތެކެވެ. އޭނާގެ ދާއިމީ އެޑްރެހަކީ ކ. ކާށިދޫ ކެތި
އެވެ. އޭނާ މަރުވިއިރު އޭނާގެ 1 އަހަރު ނުވާ ކުއްޖަކާއި އަނތްބަކު
އެބަހުއްޓެވެ.
މިދަނޑިވަޅުގައި ދިވެހި ހުރިހާ ފުލުހުންނާއި
ފުލުހުންގެ އާއިލާތަކުން މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން
އެދި ދުއާކުރަމެވެ. އަދި މަރުހޫމުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި
މާތްﷲ ގެ ހަޟްރަތުގައި ދުއާކުރަމެވެ.
23-07-2012 02:03
ކާށިދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އާދަމް ހަލީމަށް ހަމަލާދީފައިވަނީ މޭކަށިގަނޑާ ދިމާލުން ފަސް އިންޗި ފުނަށް ކަމަށް. އަދި ފާހަގަކުރެވުނީ އެ ޒަޚަމް އެކަނި ކަމަށް ވެސް އޮފިޝަލް ވިދާޅުވި. ޑޮކްޓަރުންނާ ހަވާލާދެއްވައި އޭނާ ވިދާޅުވީ އާދަމް ހަލީމް މަރުކަޒަށް ގެންދިޔަ އިރު މަރު ނުވާ ކަމަށާއި އޭނާ މަރުވީ ފަރުވާ ދެނިކޮށް ކަމަށް. އޭނާގެ ހަށިގަނޑު މިހާރު އޮތީ ސިއްހީ މަރުކަޒުގައި. އެނގިފައިވާ ގޮތުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު ވަނީ ކާށިދޫ އަށް ދާން މާލެ އިން ފުރާފައި.
23-07-2012 02:01
ވަރަށް ގިނަ އަދަދެއްގެ އާއްމުންނާއި ސިޔާސީ ބޭފުޅުން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި މިކަން ވަރަށް ބޮޑަށް ކުށްވެރިކުރަމުން. އޭގެ ތެރޭގައި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން ވެސް ހިމެނިވަޑައިގަންނަވާ.
23-07-2012 01:56
ފުލުސް މީހާ މަރާލުމަކީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޓްވިޓާގައި ވިދާޅުވެއްޖެ. އެ މަނިކުފާނު ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށް.
23-07-2012 01:38
މި ހަމަލާ ކުށްވެރިކުރައްވަމުން ރައީސް މުހައްމަދު ވަހީދު ޓްވިޓާގައި ދެންމެ ވިދާޅުވީ ގާނޫނު ނަގަހައްޓާ އޮފިސަރުންނާ މެދު ނަފްރަތު އުފެއްދުން ހުއްޓާލަން ވެއްޖެ ކަމަށް.
23-07-2012 01:37
ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ޓްވިޓާގައި ދެންމެ ވިދާޅުވިގޮތުގައި މި ހަމަލާގައި މަރުވެފައިވަނީ ލާންސް ކޯޕްރަލް އާދަމް ހަލީމް. އޭނާ އަކީ ތިން އަހަރުގެ ފިރިހެންކުއްޖެއްގެ ބައްޕަ ކަމަށާއި އަދި އޭނާ އަކީ ބަތަލެއް ކަމަށް ރިޔާޒް ވިދާޅުވެފައިވޭ.
23-07-2012 01:16
ހަވީރަށް އެނގިފައިވާ ގޮތުގައި މި ކަން ހިނގީ ކ. ކާށިދޫގައި. އޭނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެނގިފައިވޭ.
23-07-2012 01:13
ފުލުހުން ދެންމެ މީޑިއާ އަށް ފޮނުވި އެސްއެމްއެސްއެއްގައި ވަނީ ފުލުސް މީހާ އަށް ހަމަލާދިނީ އޭނާ ޑިއުޓީ އަށް ދަނިކޮށް ކަމަށް.
23-07-2012 01:05
ފުލުހެއްގެ ގަޔަށް ވަޅި ހަރައި މަރާލިކަން ފުލުސް އޮފީހުން ކަށަވަރުކޮށްދީފި. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދޭ. އެ ކަން ހިނގީ ކޮންތަނެއްގައި ކަމެއް ވެސް ކަށަވަރުކޮށެއް ނުދޭ. ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފް ހަމައެކަނި ވިދާޅުވީ އެކަން ހިނގީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށާއި ވަޅި ހަރައި މަރާލާފައި ވަނީ ޑިއުޓީގައި އުޅުނު ފުލުހެއް ކަމަށް.
23-07-2012 01:04
ފުލުހެއްގެ ގަޔަށް ވަޅި ހަރައި މަރާލައިފި: ޕޮލިސް
136 comments