ރާއްޖޭގައި މީހުން މެރުމަކީ މިހާރު އާއްމު ކަމެއް ކަމަށް ގަބޫލުކުރެވުނަސް އިތުރުވާ ކޮންމެ މަރަކީ ގައުމަށް ލިބޭ ބޮޑު ޝޮކެކެވެ. ކ. ކާށިދޫ ޕޮލިސް ސްޓޭޝަންގެ ޕޮލިސް ލާންސް ކޯޕްރަލް އާދަމް ހަލީމް، ޑިއުޓީގައި އުޅެނިކޮށް، ޔުނިފޯމްގައި ހުއްޓާ ރޭ މަރާލުމަކީ އަދި ވަކިން ބޮޑު ކަމަކަށް ވަނީ ވެފަ އެވެ. އެއް ސަބަބަކީ މިއީ ރާއްޖޭގައި ގަސްދުގައި ފުލުހަކު މަރާލި ފުރަތަމަ ފަހަރު ކަމަށް ވުމެވެ. އަނެއް ސަބަބަކީ އާދަމްގެ މަރާއ ެކު އުފެދިފައިވާ ބޮޑު ބަހުސެވެ. ސިޔާސީ އިނގިލި ދިއްކުރުންތަކެވެ. އެކަމަކު ޖުމްލަކޮށް ބަލާ އިރު ގިނަ މީހުންގެ ޝުއޫރު ހުރީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. މުޅި ގައުމު ހިތާމައިގައި އޮތް ކަން، އެތަކެއް ހާސް ޓްވީޓްތަކުންނާއި ފޭސްބުކް ޕޯސްޓްތަކުން އެނގެ އެވެ.
ޔަގީނުން ވެސް އާދަމްގެ އާއިލާގެ އިތުރުން އެންމެ ފުން ހިތާމައެއްގައި މިއަދު ތިބީ ފުލުހުންނެވެ. އެއީ އޭނާގެ ދެވަނަ އާއިލާ އެވެ. ކޮންމެ ފުލުހަކު ވެސް މި ހިތާމައިގައި ބައިވެރިވާނެ އެވެ. ޚާއްސަ ގޮތެއްގައި އާދަމްއާ އެކު މަސައްކަތްކުރި އޭނާގެ ރަހުމަތްތެރިންނެވެ. އޭގެ ތެރެއިން އެކަކީ ލާންސް ކޯޕްރަލް އަހުމަދު ނަޒްމީން އެވެ.
"އެޑަމް ވަކިވެދިއުމަކީ އަޅުގަނޑުމެންނަށް ލިބުނު ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް. އެޑަމްއަކީ މަސައްކަތުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް މޯޓިވޭޓްކުރި މީހެއް. ހުރިހާ ކުދިންނާ ވެސް ވަރަށް ބޮޑަށް ގުޅޭ، މަޖާ މިޒާޖެއް ހުންނާނީ،" އެކުވެރިޔާގެ ލީޑަޝިޕަށް ތައުރީފްކުރަމުން ނަޒްމީން ބުންޏެވެ.
އާދަމް ގަޔަށް ވަޅި ހަރައި އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން ރަށުގެ ފުލުހުން ތިބީ ބިރުގެންފަ އެވެ. އަދި ހިތް މަރުވެފަ އެވެ.
"މިއަދު އެންމެން މިތިބީ ކަމެއް ކުރާ ހިތް ނެތިފައި، ވަރަށް ބޮޑު މޮޅިވެރިކަމެއްގައި،" ނަޒްމީން ބުންޏެވެ.
އާދަމްގެ މަރުން އެންމެ ފުންކޮށް އަސަރުކޮށްފައިވާ އެކަކީ އޭނާގެ ބޮސް އެވެ. އެއީ ސެންޓްރަލް އޭރިއާގެ ކޮމާންޑަރު އިންސްޕެކްޓަރު އަހުމަދު ޝިޔާމް އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އާދަމް ވަކިވެދިއުމަކީ ހަމައެކަނި ކާށިދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ ސެންޓްރަލް އޭރިއާ އަށް ލިބުނު ގެއްލުމެއް ނޫނެވެ.
"އޭނާގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުގެ އަބަދަށް ދެމިގެންދާނެ،" ރޮމުން، ޝިޔާމް ވިދާޅުވި އެވެ. "އޭރިއާ ކޮމާންޑަރުގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ އާދަމް ހަލީމް އަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ، ވަރަށް ކެރިގެން ކަންކަމާ ކުރިމަތިލާ ޒުވާނެކޭ. އޭނާ މަރުވެގެން ދިއުމަކީ ފުލުހުންގެ މުޅި ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް."
ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި މިއީ މުޅި ގައުމަށް ވެސް ލިބުނު ދެރައެކެވެ.
"އާދަމް ހަލީމްގެ ފުރާނަ ގެއްލުމަކީ ހަމައެކަނި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިބުނު ގެއްލުމެއް ނޫން. އޭނާގެ ފުރާނަ ގެއްލުމަކީ މުޅި ގައުމަށް ލިބުނު ވަރަށް ބޮޑު ދެރައެއް،" ރިޔާޒް "ހަވީރަ"ށް ވިދާޅުވި އެވެ. "އާދަމް ހަލީމަކީ ފުލުހުންގެ ހިދުމަތުގައި ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އައި އުމުރުން 26 އަހަރުގެ ޒުވާނެއް. އޭނާ އަކީ ވަރަށް ރަނގަޅަށް ހިދުމަތް ކުރަމުން އައި އަޚުލާގީ އެއްވެސް މައްސަލައެއް ނެތް ފުލުހެއް. މިއީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް."
ފުލުހުންގެ ތަރުޖަމާން ސަބް އިންސްޕެކްޓަރު ހަސަން ހަނީފް ދެކެވަޑައިގަންނަވާ ގޮތުގައި "އެހާ ރަހުމް ކުޑަ ގޮތަކަށް އެއްވެސް މީހަކު މަރާލުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫނެ"ވެ.
"ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭން ތިބޭ ވަކިވަކި ފަރާތްތަކަށް އެފަދަ ހަމަލާދިނުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން. މި ފުރުސަތުގައި އާއިލާ އަށާއި އެންމެހާ ފުލުހުންނަށް ތައުޒިއާ ކިޔަން،" ހަނީފް ވިދާޅުވި އެވެ.
އާދަމްގެ ހަށިގަނޑާ އެކު މިއަދު މާލެ އައި އޭނާގެ ހުވަފަތް އަނބިމީހާ އާއި ތުއްތު ދަރިފުޅާއި މައިންބަފައިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ އެވެ. އެ މަންޒަރު ފެނުނު މީހުންނަށް ވެސް ރޮވުނީ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެންމެ އިސް ބޭފުޅުންނާއި އެތަކެއް ފުލުހުންނާއި ސިފައިން ހިމެނެ އެވެ.
ރެ އިން ފެށިގެން އެތަކެއް ބައެއްގެ ލޮލުން ކަރުނަ ނުހިކެ އެވެ. އާދަމްގެ މަރަކީ އާއިލާ އަށާއި ފުލުހުންގެ ޚިދުމަތަށް ވެސް "ފުން ހިތާމައެއް، އަދި ބޮޑު ގެއްލުމެކެ"ވެ.




ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
27 comments