އެމްޑީޕީ

މަރަށް މަރުހިފާކަށް ތާއީދެއް ނުކުރަން: ހާމިދު

އަލީ ޔޫސުފް
23 ޖުލައި 2012 16:39 162 ކޮމެންޓު
  • އާދީއްތަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ހާމިދު --ހަވީރު ފޮޓޯ/ އިބްރާހީމް ފާއިދު

  • އާދީއްތަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑުން ބޭރަށް ވަޑައިގަތުމަށް ހާމިދަށް ފުލުހުން އަންގަނީ އަދި ހާމިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ --ހަވީރު ފޮޓޯ/ އިބްރާހީމް ފާއިދު

މަރަށް މަރުހިފަން ތާއީދުނުކުރައްވާ ކަމަށާއި އެކަން ތަންފީޒުކުރުމަށް މަގުފަހިކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި އިސްލާހަށް ވެސް އެމްޑީޕީގެ ގިނަ މެންބަރުން ތާއީދުނުކުރައްވާ ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން އިންޓަނޭޝަނަލް އަދި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ހާމިދު ނޫސްވެރިންގެ ބައްދަލުވުމެއް މި ބޭއްވެވީ އެމްޑީޕީން މިދިއަ އާދީއްތަ ދުވަހު ހަވީރު ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރުކޮށް ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން މުއްދަތު ޖެހި ނަމަވެސް ރޭ ފުލުހުން ދޫކޮށްލުމުންނެވެ.

ހާމިދު ވިދާޅުވީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި މަރަށް މަރުހިފުމާ ދެކޮޅު ކަމަށާއި އަދި މަރަށް މަރު ހިފުމަކުން ކުށްތައް މަދުވާކަން ތަފާސްހިސާބުތަކުން ވެސް ނުދައްކާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޑެތު ޕެނަލްޓީ އަށް ތާއީދުކުރާ ބައެއް ނޫން. އަޅުގަނޑަކީ ހަމަޔަގީނުން ވެސް މަރަށް މަރު ހިފުމަށް ތާއީދުކުރާ މީހެއް ނޫން. ދުނިޔޭގައި ވަރަށް ގިނަ ގައުމުތައް އެބަ އޮތް އެހެން،" ހާމިދު ވިދާޅުވި އެވެ.

މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތް ކަމަށްވާ އިރު ދެކޮޅު ހައްދަވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ހާމިދު ވިދާޅުވީ "ތިއީ ވަރަށް ފަސޭހަ އާދައިގެ މާނަކުރުމެއް ކަމަށް" ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިތާނގަ ދީނީ ޑިބޭޓަކަށް ދާކަށް ބޭނުމެއް ނޫން މި ކަމުގައި. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އޭގައި ވަރަށް ގިނަ މައްސަލަތަކެއް އެބަ އޮތް،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަރަށް މަރު ހިފުމަށް ދެކޮޅު ހައްދަވާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ހާލަތު ހިމެނޭ ކަމަށެވެ.

ކ. ކާށިދޫގައި ރޭ ފުލުހެއްގެ ގަޔަށް ވަޅިހަރައި މަރާލި މައްސަލަ ކުށްވެރިކުރައްވަމުން ހާމިދު ވިދާޅުވީ އެފަދަ ބޮޑެތި ޖަރީމާތަކަށް އެމްޑީޕީން އަބަދުވެސް ދެކޮޅު ހަދާ ކަމަށާއި އެމަރާ މެދު ވެސް ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަން ފުލުހުން ރަނގަޅަށް ތަހުގީގުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންނާއި ސިފައިންނަށް އަނިޔާކުރުމަށް އެމްޑީޕީގެ ބައެއް އިސް ވެރިންނާއި މުޒާހަރާތަކުގައި ގޮވާލާ ނޫންތޯ ސުވާލުކުރުމުން ހާމިދު ވިދާޅުވީ ސަލާމަތީ ބާރުތަކުގެ މީހުންނަށް އަނިޔާކުރަން އެމްޑީޕީން ގޮވާނުލާ ކަމަށާއި ނަމަވެސް "ބަޣާވާތްކުރި ފުލުހުންނާއި އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް މައްސަލަ އެބަ އޮތް" ކަމަށެވެ. އަދި ރޭގެ ހާދިސާއާ ގުޅުވައިގެން ބައެއް ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެމްޑީޕީ އަށް ތުހުމަތުގެ އިނގިލި ދިއްކުރި ނަމަވެސް މިއީ ތުހުމަތުގެ އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށް ވެސް ހާމިދު ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ މިއީ އެކަހަލަ ވަގުތެއް ހެން. ޕާޓީ ނުވަތަ އެކަކު އަނެކަކަށް އިނގިލި ދިއްކޮށް، ދެން އަޅުގަނޑުގެ ހިތަކަށްނާރާ އެނގޭތޯ ސިޔާސީ ޕާޓީއަކުން މިކަހަލަ ކަންކަމުގެ ތެރެއަށް ވަންނާނެއެކޭ،" ހާމިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ގިނަވުމުގެ އަސްލަކީ ޝަރުއީ ދާއިރާ ފެއިލްވުން ކަމަށާއި ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް މަޖިލީހުގައި މަސައްކަތްތަކެއް ކުރަން އެމްޑީޕީން ބޭނުންވި ނަމަވެސް އެކަން ނުވެ އޮތީ މެޖޯރިޓީ ނެތުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމާ ގުޅޭ ބިލްތައް މަޖިލީހުގައި ހިފެހެއްޓިފައި ހުރީ ކުށްތަކަށް ހިތްވަރު ދޭ އަދި އެކަމުން ފައިދާވާ ބަޔަކު މަޖިލީހުގައި ތިއްބެވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާމިދު ވިދާޅުވީ އޭނާ ބަންދުގައި ބަހައްޓަން ފަސް ދުވަހަށް މުއްދަތު ޖެހި ނަމަވެސް އޭގެ ކުރިން ދޫކޮށްލި ސަބަބު ފުލުހުން ނާންގާ ކަމަށާއި އެއްވެސް ކަމަކަށް ޝަރުތެއް ވެސް ނުކުރާ ކަމަށެވެ.

162 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait