އާދަމް ހަލީމްގެ މަރު

އާދަމްގެ މަރުގެ ބަދަލުގައި މަރު ހިފަން އަދާލަތުން ގޮވާލައިފި

ފަޒީނާ އަހުމަދު
24 ޖުލައި 2012 10:41 18 ކޮމެންޓު
  • ޑިއުޓީގައި އުޅެނިކޮށް މަރާލި އާދަމްގެ ސަންދޯއް ވަޅަށް ތިރިކުރަނީ: އޭނާ މަރާލި މީހާ އަށް މަރުގެ އަދަބު ދިނުމަށް އަދާލަތުން ވަނީ ގޮވާލާފައި --ހަވީރު ފޮޓޯ: އިބްރާހިމް ފާއިދު

ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް މެއަށް ވަޅި ހަރައި އިއްޔެ ރޭ ދަންވަރު ލާންސް ކޯޕްރަލް އާދަމް ހަލީމް މަރާލި ގާތިލަށް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފުމަށް ކަމާބެހޭ ފަރާތްތަކަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އެ ޕާޓީން ބުނީ ރާއްޖޭގައި އިތުރުވަމުންދާ މީހުން މެރުމުގެ ނުބައި އަމަލު ހުއްޓުމަކަށް ގެނެވޭނީ އެކަން ކުރާ މުޖުރިމުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްގު އަދަބު ދީގެން ކަމަށެވެ. ނުހައްގުން އިންސާނަކު މަރާލުމުން ލިބޭ އަދަބަކީ ދުވަސްކޮޅަކު ޖަލުގައި އުޅުމަށް ފަހު މިނިވަންވުމުގެ ބަދަލުގައި، މެރުން ކަމުގައިވާ ނަމަ ދެ ވަނަ ފަހަރަށް ކުށަށް އަރައިގަތުމަށް އެ މީހަކަށް ވިސްނަން މަޖުބޫރުވާނެ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.

"ދިވެހި ދަރިންގެ ލެޔާއި ފުރާނަ އަކީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމުގައި ނުހެއްދެވުމަށާއި މަރުގެ ހުކުމް ތަންފީޒުކުރުމަށް އެޅިފައިވާ ހުރިހާ ހުރަހެއް ނައްތާލެއްވުމަށް ގާނޫނު ހަދާ މަޖިލީހަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލައި ނަސޭހަތްތެރިވަމެވެ." އެ ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ވަނީ ފަހަކަށް އައިސް ފުލުހުންނަށް ދެމުންދާ ހަމަލާތަކަކީ އެމްޑީޕީގެ އިސް ވެރިންނާއި ދީނީ އިލްމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ފަރާތްތަކުން ފުލުހުންނަކީ "ބާޣީން"ގެ ގޮތުގައި ސިފަކޮށް ރިޝްވަތު ނަގާ ބައެއް ކަމަށް ބުނެ ފަތުރަމުންދާ ދޮގު ވާހަކަތަކަކާ ގުޅިގެންދޭ ހަމަލާތަކެއް ކަމަށެވެ. އަދި ފުލުހުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ކެނޑިނޭޅި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި ފުލުހުންނަށް ހަމަލާދިނުމަށް އެމްޑީޕީގެ އިސްވެރިން ފާޅުގައި ގޮވާލަމުންދާ ކަމަށް ވެސް އަދާލަތުން ބުންޏެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓައި ސިޔާދަތު ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި، ވަކި ބައެއްގެ އެޖެންޑާ ހިފައިގެން ރާއްޖެ އައިސް ތިބި ދާހިލީ ކަންތަކާ ބެހުމަށް މަސައްކަތްކުރާ ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކަށް ނުބެލުމަށް ވެސް އަދާލަތުގެ ބަޔާނުގައި ސަރުކާރަށް އިލްތިމާސްކޮށްފައިވެ އެވެ.

18 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait