ރާއްޖެ ޓީވީ

"ރާއްޖެ ޓީވީ" އަށް އެއްބާރުލުން ނުދޭން ފުލުހުންގެ އިދާރާއިން ނިންމައިފި

އަހުމަދު ހަމްދޫން
24 ޖުލައި 2012 10:42 82 ކޮމެންޓު
  • "ރާއްޖެ ޓީވީ" ގެ ޕްރެޒެންޓަރުންތަކެއް: އެ ޗެނަލަށް އެއްބާރުލުން ނުދިނުމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ނިންމާފައި.---ހަވީރު ފައިލް ފޮޓޯ

ރާއްޖެ ޓީވީ އަށް ފުލުހުންގެ އެއްބާރުލުން ދިނުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ފިޔަވަޅު އަޅަން ނިންމީ ފުލުހުންގެ ގަދަރާއި ހުރުމަތް ކަނޑާލައި ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެއްދުމަށްޓަކައި ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ހަބަރާއި މައުލޫމާތު އެ ޗެނަލުން ފަތުރާތީ ކަމަށެވެ.

"އަދި ރާއްޖެ ޓީވީގެ ފަރާތުން ފުލުހުންގެ މުއައްސަސާއާ މެދު ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުން ދަނީ ވަކި ބަޔަކަށް ސިޔާސީ ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭތީ އާއި މިފަދަ އަމަލުތަކަކީ ނޫސްވެރިކަމުގެ ޕްރޮފެޝަނަލް ހަމަތަކާއި މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި މީޑިއާއިން އަމަލުކުރާ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމުގައިވާތީ އެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދިނުމަށް ފުލުހުންގެ އިދާރާއިން ނިންމިއިރު، ޕާކްކޮށްފައި ހުރި ސައިކަލަކުން ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ އެ ޗެނަލުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތުރާފައިވާ ހަބަރާ ގުޅިގެން އެކަމަށް މާފަށް އެދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ އަށް އިއްޔެ ސިޓީއަކުން އަންގައިފަ އެވެ. އެ ގޮތުން އިއްޔެ އިން ފެށިގެން ތިން ދުވަސް ވަންދެން، މާފަށް އެދުމުގެ ބަޔާނެއް ރޭގަނޑުގެ ކޮންމެ ހަބަރެއްގައި، އެ ޗެނަލުން ބްރޯޑްކާސްޓް ކުރުމަށް ވަނީ އަންގައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އެ ސިޓީއާ ގުޅިގެން ރާއްޖެ ޓީވީން ރޭ ބުނެފައި ވަނީ ގާނޫނީ ލަފާ ހޯދުމަށް ފަހު މިއަދު ގޮތެއް ނިންމަވާނެ ކަމަށެވެ.

82 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait