މިސްކިތު ފަންޑް

މިސްކިތު ފަންޑުން މިހާތަނަށް ހޭދަކޮށްފައި ވަނީ 4.9 މިލިއަން ރުފިޔާ: މިނިސްޓްރީ

ފަޒީނާ އަހުމަދު
24 ޖުލައި 2012 12:16
  • މިސްކިތު ފަންޑަށް މީހަކު އެހީވަނީ: އެ ފަންޑުގެ ބާކީގެ ގޮތުގައި 10.5 މިލިއަން ރުފިޔާ ހުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ ފަންޑަށް ލިބުނު 15.4 މިލިއަން ރުފިޔާގެ ތެރެއިން މިސްކިތްތަކުގެ މަރާމާތަށް މިހާތަނަށް 4.9 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި، މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެހީ އަށް އެދިފައިވާ އަތޮޅުތަކުގެ ތެރެއިން މިސްކިތްތަކުގެ މަރާމާތަށް އެންމެ ގިނަ ފައިސާ ހޭދަވެފައި ވަނީ އައްޑު އަތޮޅަށެވެ. އެގޮތުން އެ ސިޓީ އަށް 800،000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. ދެވަނަ އަށް އެންމެ ގިނަ ފައިސާގެ ގޮތުގައި 633،299 ރުފިޔާ ގއ. އަތޮޅަށް އަދި ތިން ވަނަ އަށް 400،000ރ. ހޭދަކޮށްފައި ވަނީ ބ. އަތޮޅުގެ މިސްކިތްތަކަށެވެ.

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ދީދީ ވިދާޅުވީ މިސްކިތްތައް މަރާމާތުކުރުމުގެ ފައިސާ އަށް އެދި ގަވާއިދާ އެއްގޮތަށް ހުށަހަޅާ ކައުންސިލްތަކަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ. ގިނަ ކައުންސިލްތަކުން އެދިފައި ވަނީ ވުޟޫކުރާ ތަނެއް ހެދުމާއި ކުރިން ޖަހާފައި ހުރި ތަށިމުށި ބަދަލުކުރުމާއި އުވައިން ރާނާފައި ހުރި މިސްކިތްތަކުގައި ސިމެންތި ޖެހުމާއި ސައުންޑް ސިސްޓަމް ހޯދުން ފަދަ ކަންތައްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ މިސްކިތްތަކެއް މަރާމާތަށް ބޭނުންވެފައިވާތީ އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން އަދި ރާއްޖޭގެ މީޑިއާގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ އެހީ ހޯދުމުގެ ހަރަކާތުގައި ގިނަ ބަޔަކު އެހީދިނެވެ.

ފަންޑުގައި މިހާރު ބާކީ ހުރީ 10.5 މިލިއަން ރުފިޔާ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި