ހޯމް މިނިސްޓްރީގެ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުން ކަމަށާއި، އިސްތިއުނާފު މަރުހަލާގައި މަރުގެ ހުކުމަށް ތާއީދުކޮށްފި ނަމަ އެކަން ތަންފީޒުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒް ވިދާޅުވީ ހޯމް މިނިސްޓްރީގެ ސިޔާސަތު އެހެން އޮތް ނަމަވެސް އެކަމުގައި ސަރުކާރުން ނިންމާ ގޮތަކާއި ތަންފީޒުކުރާނެ ގޮތްތައް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕޮލިސީއަކީ އިސްތިއުނާފް މަރުހަލާތައް ނިމުނީމަ ތަންފީޒުކުރުން. އެހެން ނަމަވެސް ކެބިނެޓް ލެވެލްގައި އެކަމުގައި ގޮތެއް ނިންމުމަށް ޕޭޕަރެއް ވެސް އެބަ ސަބްމިޓް ކުރެވޭ. ކޮންމެގޮތެއް ވިޔަސް ތަންފީޒުކުރަން ވަނީ ނިމިފައި. ތަންފީޒު ކުރާނެ. ނަމަވެސް އެކަމުގައި ނިންމަވަންޖެހޭ ނިންމެވުންތަކާ ތަންފީޒު ކުރާނެ ގޮތްތައް ފައިނަލް ކުރެވުނީމަ ނިމޭނީ،" ފަޔާޒް ވިދާޅުވި އެވެ.
ފަޔާޒް އިތުރަށް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައާ ގުޅޭގޮތުން އެކަމުގައި ޕޮލިސީ ލެވެލަށް ބޭނުންވާ ކަރުދާސް ހުށަހަޅަން ކަމާބެހޭ ފަރާތްތަކާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާނެ އިޖްރާތުތަކެއް ކަނޑައަޅައި ދިނުމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
ފަހަކަށް އައިސް މީހުން މެރުން އިތުރުވެފައިވާއިރު އެކަން ހައްލު ކުރެވޭނީ މަރުގެ އަދަބު ދީގެން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި މީހުން މެރުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

20 comments