ހއ. ބެރިންމަދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ހިފި ފަރާތަށް، އެ ރަށުގެ ބަދަލުގައި ރ. ފުރަވެރި ޓޫރިޒަމް މިނިސްޓްރީން ދީފި އެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް 2007 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކަށް ކުއްޔަށް ދިން ފަރާތުގެ ހުށަހެޅުމަކާ ގުޅިގެން، ބެރިންމަދޫގެ ބަދަލުގައި ފުރަވެރި ދޫކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ ހަވަނަ ދުވަހު ކަމަށެވެ.
"އެ ރަށް ބަދަލުކޮށްދީފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން. އަދި އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓްގެ ބަދަލުގެ ގޮތުގައި ސަރުކާރުން ދިނީ އެހެން ރަށެއް. އިތުރު ބަދަލެއް ދޭކަށް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބެރިންމަދޫގެ ބީލަމުގައި އެންމެ މަތީ މާކްސް ހޯދައިގެން ކުރިން ހަވާލުކޮށްފައި ވަނީ މއ. ނިޔާޒުވިލާ އަހްމަދު އިބްރާހިމް ދީދީއާ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ބެރިންމަދު އަށް 12 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ކުއްޔަށް ނެގި ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި ފުރަވެރީގައި ތަރައްގީކުރާނެ އެނދުގެ އަދަދު ކަނޑައަޅާނީ އިންވެސްޓަރު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން އަލުން ހއ. ބެރިންމަދޫގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ރަށުގައި ރިސޯޓެއް ތަރައްގީކުރަން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

2 comments