ޖަމިއްޔަތުލް ސަލަފު

ދީނާ ދެކޮޅަށް ވާހަކަ ދައްކާ އެމްޑީޕީގެ އިސް ވެރިންނާ ދެކޮޅަށް ތެދުވުމަށް ގޮވާލައިފި

ފަޒީނާ އަހުމަދު
24 ޖުލައި 2012 14:09 25 ކޮމެންޓު
  • ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި އަހުމަދު މުއްރަތާއި ހަނާ: މަރަށް މަރު ހިފުމަށް ތާއީދުނުކުރާ ކަމަށް އެމްޑީޕީން ބުނުމުން ސަލަފުން ވަނީ އެކަން ކުށްވެރިކޮށްފައި -- ހަވީރު ފޮޓޯ

ގްރުއާނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ދީނުގެ ހުކުމްތަކާ ގުޅޭގޮތުން އެމްޑީޕީގެ އިސް ވެރިން ވާހަކަ ދައްކަވާ ކަމަށް ބުނެ އެ ފަރާތްތަކާ ދެކޮޅަށް ތެދުވުމަށް އެ ޕާޓީގެ އާއްމު މެމްބަރުންނަށް ޖަމިއްޔަތުއް ސަލަފުން މިއަދު ގޮވާލައިފި އެވެ.

ސަލަފުން މިގޮތަށް ގޮވާލާފައި ވަނީ މަރަށް މަރު ހިފުމަށް އެމްޑީޕީން ތާއީދުނުކުރާ ކަމަށް އެ ޕާޓީގެ އިންޓަނޭޝަނަލް އެފެއާޒްގެ ސްޕޯކްސް ޕާސަން އަދި މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އިއްޔެ ވިދާޅުވާ ގުޅިގެންނެވެ.

ސަލަފުގެ ވެބްސައިޓުގައި އެ ޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު އިބްރާހީމް ވިދާޅުވީ މަރަށް މަރުހިފުމަކީ ﷲ ގެ ހުކުމެއް ކަމަށާއި އީމާންކަމުގެ ޒައްރެއްގެ މިންވަރު ވެސް ހިތުގައި ހުރި މީހަކު އެކަމަށް އިއުތިރާޒު ނުކުރާނެ ކަމަށެވެ. އެމްޑީޕީ އަށް ނިސްބަތްކޮށް އޭނާ ވިދާޅުވީ ދީނުގެ ހުކުމްތަކާ ޕާޓީގެ އިސް މެމްބަރުން ދެކޮޅު ހަދައި، ހިތުހުރި ވާހަކައެއް ދައްކައި އެއީ ޕާޓީގެ ހުރިހާ މެމްބަރުންގެ ހިޔާލު ކަމަށް ވިދާޅުވެ ތަމްސީލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އެއީ ޕާޓީގެ މެނިފެސްޓޯ އަށް އިސް ވެރިން ހިޔާނާތްވެވަޑައިގެންނެވުން ކަމަށް ވިދާޅުވެ އެކަން މަނާކުރުމަށް މެމްބަރުން ތެދުވުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

"އެހެންކަމުން އެމްޑީޕީގެ ލޮބުވެތި އާންމު މެންބަރުންނަށް، ކީރިތި ގުރްއާނާ އިދިކޮޅަށް ވާހަކަ ދައްކަމުންދާ އިސްވެރީންނަށް އެކަން މަނާކުރުމަށް ތެދުވުމަށާއި، ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ދީނާއި ހިލާފް ވާހަކަ ދެއްކުމުގެ ޖާގަ އެއްވެސް މީހަކަށް ނުދިނުމަށް އިލްތިމާސްކުރަން، އެހެން ނޫންނަމަ ގިޔާމަތް ދުވަހުން ﷲ ގެ ދަރުބާރުގައި އެކަލާނގެ ހުކުމްފުޅުތަކަށް އިއުތިރާޟްކޮށް ފާޑުކީ މީހުންގެ ސަފުތަކުގައި އެބައިމީހުން މަހްޝަރުކުރެވޭނޭ ކަމީ ޝައްކެއް އޮތްކަމެއް ނޫން. އަދި އެފަދަ މީހުންގެ އީމާންކަމަކީ ގަބޫލުކުރެވޭނެ އެއްޗެއް ވެސް ނޫން،" އަބްދުﷲ ވިދާޅުވި އެވެ.

މަރަށް މަރުހިފަން ތާއީދުނުކުރައްވާ ކަމަށާއި އެކަން ތަންފީޒުކުރުމަށް މަގުފަހިކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ހުށަހެޅުއްވި އިސްލާހަށް ވެސް އެމްޑީޕީގެ ގިނަ މެންބަރުން ތާއީދުނުކުރައްވާ ކަމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހާމިދު ވަނީ ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި މަރަށް މަރުހިފުމާ ދެކޮޅު ކަމަށާއި އަދި މަރަށް މަރު ހިފުމަކުން ކުށްތައް މަދުވާކަން ތަފާސްހިސާބުތަކުން ވެސް ނުދައްކާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

25 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait