ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދެވޭނީ ދިވެހިން ހިއްސާވާ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ހަމަޖެއްސުމަށް ތާއީދުނުކުރެވޭ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ގާނޫނު އިސްލާހުކުރުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ގިނަ މެމްބަރުން ވިދާޅުވީ މިހާރު ބިލް އޮތް ގޮތުން އެކަމަށް ތާއީދުކުރެވެން ނެތް ކަމަށެވެ.
މި ބިލް ހުށަހެޅުއްވި މަގްސަދުތަކުގެ ތެރޭގައި ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށްވިޔަސް، ހުރިހާ ސިނާއަތެއްގެ ހުރިހާ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭ ގޮތަށް އޮތުން ރަނގަޅެއް ނޫނެވެ. އަދި ބައެއް ކަހަލަ ދާއިރާތައް ބޭރުގެ އިންވެސްޓްތަކަށް ހުޅުވައިލުމުން އިގްތިސާދީ، ސިޔާސީ އަދި އިޖްތިމާއީ ގޮތުން ފޫނުބެދޭ ވަރުގެ ސީރިއަސް ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ދާއިރާ އަށް އެއްގޮތަކަށް ވެސް ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވިގެން ނުވާނެ ކަމަށް ވެސް އެ ބިލްގައިވެ އެވެ.
މި ބިލް މަޖިލީހަށް ބަލައިގަތުމަށް ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ މިހާރު ކުރުން އުޅޭ ކަމަކީ، ވަކި ބަޔަކު ބޭނުންވާ މީހުންނަށް ބްރޯޑްކާސްޓްކުރާނެ ކުންފުނިތައް ހެދުމުން، ދެން ތިބި އެހެން މީހުންނަށް އެ ދޮރު ބަންދުކުރުން ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ފުރުސަތު ބަންދުކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އެހެން ބައެއް މެމްބަރުން ވިދާޅުވީ މިއީ ވަކި ބައެއްގެ އަޑު ކަނޑުވާލަން ކުރާ ކަމެއް ކަމަށާއި އެގޮތަށް އެކަންތައް ނުކުރެވޭނެ ކަމަށެވެ. އަދި ބްރޯޑްކާސްޓިން ދާއިރާއަކީ ހަމައެކަނި ދިވެހީންނަށް ތަރައްގީކޮށް ކުރިއެރުވިދާނެ ދާއިރާއެއް ނޫން ކަމަށް ވާތީ ބޭރުގެ އިންވެސްޓަރުންނާ ނުލައި އެ ދާއިރާ ތަރައްގީކުރަން އުނދަގޫވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

4 comments