ފުލުހުންނާއި ސިފައިންނާ ދެކޮޅަށް ކުރާ އަނިޔާތަކާ ދެކޮޅަށް ޕީޕީއެމުން އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ސިޔާސީ ޕާޓީއަކުން މަގުމައްޗަށް ނިކުމެ، ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން ހަމަލާތައް ދެމުން ދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިކަން ހުއްޓުވުމަށް، އެ ޕާޓީން އަންނަ ހުކުރުދުވަހުގެ ރޭ މަޝްވަރާ އެއްވުމަށް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އާޓިފިޝަލް ބީޗުގައި އެރޭ ދިހައެއް ޖަހާކަންހާއިރު ބާއްވާ މި އެއްވުމުގައި ފުލުހުންނާއި ސިފައިންގެ އާއިލާތަކުން، އަދި އެމީހުންނަށް ކުރާ އަނިޔާތަކާ ދެކޮޅު ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމުން އެދިފައިވެ އެވެ. އަދި މި ބައްދަލުވުމުގައި، ސަލާމަތީ ބާރުތަކާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވާނެ ގޮތަކާ މެދު، ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ސަލީމް ވިދާޅުވީ ކ. ކާށިދޫގައި ޑިއުޓީގައި އުޅުނު ފުލުހަކަށް އިއްޔެ ރޭ ހަމަލާދީ، މަރާލާފައިވާއިރު، އެ ނޫން ފުލުހުންނަށް ވެސް މަރުގެ ހަމަލާތައް ދެމުން ދާ ކަމަށެވެ.
"މިހާރު ފުލުހުންނަކަށް ނެތް މަގުމައްޗަށް ނިކުމެފައި އެނބުރި ގެއަށް ވަދެވޭނެ ކަމުގެ އުއްމީދެއް. އިއްޔެ ރޭ ފުލުހަކަށް ދިން ހަމަލައެއްގައި އޭނާ ޝަހީދުވެފައިވާ އިރު އެފަދަ އެތައް ހަމަލާއެއް ފުލުހުންނަށް ދަނީ ދެމުން. އަނެއް ރޭ މަގުމަތިން ދިޔަ ދެ ފުލުހެއްގެ ޔުނީފޯމު ވަނީ ބާލާފައި. އަދި ފުލުހުން އުޅޭ ގޭގެއިން، ބާޣީއެއް ކަމަށް ބުނެ އެމީހުން ދަނީ ނެރެމުން. މިފަދަ އަނިޔާތަކާ ދެކޮޅަށް އަޅުގަނޑުމެން ނިކުންނަން ޖެހޭ،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް އަނިޔާ ކުރުމަށް ބާރު ލިބެނީ، އެމްޑީޕީގެ އިސް ވެރިން އެކަމަށް ހިތްވަރުދޭތީ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވުންތަކުގައި އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު "ކްރިމިނަލް އެކްޓިވިސްޓުން" ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ގައުމީ އިއްތިހާދުގެ ޖަލްސާ
ޕީޕީއެމްގެ އެއްވުން
19 comments