ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަނިކުފާނު ގާނޫނާ ހިލާފަށް ކުރެއްވި ކަމަށް ތުހުމަތުކުރާ ކަންކަން ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް، އެ މައްސަލަ ހުށަހެޅުއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހޮއްވަވައިފި އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރަކަށް އޭނާ ހޮއްވެވީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ އިއްތިފާގުން ކަމަށާއި ނައިބު މުގައްރިރަކަށް ހޮއްވެވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ހަތް މެމްބަރުންގެ އެ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދާން ނިންމާފައިވަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ވަރަށް އިންސާފުވެރިކަމާއާއެކު، ވީހާ އަވަހަށް ނިންމުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފުރަތަމަ މަސައްކަތަކަށް އޮންނާނީ ނަޝީދު ކުރައްވާފައިވާ ގާނޫނާ ހިލާފު ކަންކަން ހޯދުން. އެއަށް ފަހު އެ މައުލޫމާތު ދިރާސާކޮށް، ކޮމިޓީން ގޮތެއް ނިންމާނެ. އެކަން ވަރަށް އިންސާފުވެރިކޮށް ކުރިއަށް ގެންދާނަން،" ޖާބިރު ވިދާޅުވި އެވެ.
ނަޝީދުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރުންނަކީ ޖާބިރާއި ނިހާނުގެ އިތުރުން ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތޮލިބާއި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދު އަދި ކިނބިދޫ ދާއިރާގެ މޫސާ ޒަމީރެވެ.

6 comments