ޑިއުޓީގައި އުޅެނިކޮށް ކ. ކާށިދޫގައި އިއްޔެ ރޭ ފުލުހަކު މަރާލީ ޕީޕީއެމްގެ މެމްބަރެއް ކަމަށް ދެކެވޭ ވާހަކަތަކަށް އެ ޕާޓީން މިއަދު ރައްދު ދީފި އެވެ.
އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ ލާންސް ކޯޕްރަލް އާދަމް ހަލީމަށް ވަޅިން ހަމަލާދީ މަރާލި، ކާށިދޫ ސުވާސާގޭ، މުހައްމަދު ސަމާހު، ،22 އަކީ ޕީޕީއެމްގެ މެމްބަރެއްކަން ސޯޝަލް މީޑިއާގެ ޒަރީއާއިން އެނގިވަޑައިގެންފައިވާ ކަމަށެވެ.
ސަމާހުގެ ނަން އޮތީ ޕީޕީއެމްގެ ރަޖިސްޓްރީގަ އެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ އެމްޑީޕީގެ މީހުންނަށް އޮޅިގެން އެހެން ޕާޓީތަކުގައި ރަޖިސްޓްރީކުރެވޭ ކަމާއި އަދި މީހާ އަށް ނޭނގި ވެސް ޕާޓީތަކުގައި ރަޖިސްޓްރީކުރާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާޓީ އަށް ވުރެ މުހިއްމީ އެކުށް ކުރި މީހާގެ އަމަލު ކަމަށެވެ. އަދި ކޮންމެ ޕާޓީގެ މީހަކަށް ވިޔަސް ފުލުހަކަށް ނުވަތަ އާންމު މީހަކަށް ވެސް އަނިޔާ ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ގިނަ ކުށްވެރިން ތިބީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަހަތްޕުޅުގަ އެވެ. އަދި އެމްޑީޕީގެ މީހުންނަށް އޮޅިގެން އެހެން ޕާޓީތަކުގައި ރަޖިސްޓްރީ ކުރެވިފައި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް އެހިން އެއީ ޕީޕީއެމްގެ މެމްބަރެކޭ ބުނާ އަޑު. އެކަމަކު އޭގެ ހަގީގަތެއް ނުބަލަން. ހަގީގަތުގައި އެމްޑީޕީގެ މީހުންނަށް ވެސް އޮޅިގެން އެހެން ޕާޓީތަކުގައި ރަޖިސްޓްރީ ކުރެވިފައިވޭ. އަދި މީހުންނަށް ނޭނގި އެހެން ޕާޓީތަކުގައި ވެސް ރަޖިސްޓްރީ ކޮށްފައި ހުރޭ،" ސަލީމް ވިދާޅުވި އެވެ. "އެކަމަކު ކޮންމެ ޕާޓީއެއްގެ މީހަކަށް ވިޔަސް ނުޖެހޭ ފުލުހަކަށް ނުވަތަ އާއްމު ރައްޔިތަކަށް އެފަދަ އަނިޔާއެއް ދޭކަށް."
ޕީޕީއެމުން ބުނީ ސިޔާސީ ޕާޓީތަކަށް ވަނުމަށް އެދޭ ފޯމު ރަށްރަށަށް ފޮނުވީމައި، ކޮންމެ މީހަކު ވެސް ފޯމު ފުރައި، މެމްބަރަކަށް ވެދާނެ ކަމަށާއި، ފޯމު ފުރުމުގެ ކުރިން އެއީ ކޮން ކަހަލަ މީހެއްތޯ ޕާޓީތަކުން ނުބަލާ ކަމަށެވެ.
ސަލީމް ވިދާޅުވި ގޮތުގައި އާދަމް ހަލީމަށް ދިން ހަމަލާގެ ޒިންމާ ނަންގަވަން ޖެހޭނީ ކުރީގެ ރައީސް ނަޝީދެވެ.
"ނަޝީދު ވަނީ މި ގައުމު ހަލަބޮލިކޮށް ކުށުގެ ވެއްޓަކަށް ހަދާފައި. ފުލުހުންނާއި ސިފައިންނަށް ހަމަލަ ދިނުމަށް ގޮވާލާފައި. އެހެންކަމުން ފުލުސް މީހާއަށް ދިން ހަމަލާގެ ޒިންމާ ވެސް ނަޝީދު ނަންގަވަން ޖެހޭނެ،" ސަލީމް ވިދާޅުވި އެވެ.

51 comments